އެއޮތް ވަސީލަތްތައް ގިނަ އިންޑިޔާ ސިޓީތަކުގައި ކޮންމެ ދުވަހަކު ކަހަަލަ ގޮތަކަށް ކަރަންޓް ދެއެވެ. އަހަރެމެން ޕަވަރބޭންކެއް އޮންނަ ކަން ހަނދާންކުރަނީވެސް ދަތުރު ދާއިރުއެވެ. އެކަމަކު އިންޑިިޔާގައި ޕަވަރ ބޭންކަކީ ޒަރޫރީ އެއްޗެކެވެ. އިންޑިޔާއެކޭ އެއްގޮތަށް އައްޑޫ އިން ވެސް ދަނީ ދޭތެރެ ދޭތެރެއިން ކަރަންޓްދާ ކަމުގެ ޝަކުވާތައް ކުރަމުންނެވެ. އެކަމަކު، މާލޭގައި ކަރަންޓް ކެނޑޭ ކަމުގެ ޝަކުވާ މިހާރަކު ހަމަ ޔަގީނުންވެސް ނީވޭނެއެވެ. މާލޭގެ ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް އެންމެ ފުރިހަމައަށް ނުލިބެއޭ ބުނާނެ އެކަކު ވެސް މިއަދު ނުދެއްކޭނެއެވެ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް މިއީ 25 އަށްވުރެ ގިނަ އަހަރުތަކެއް ވަންދެން ގްރޭޓާ މާލެ އޭރިއާއަށް މެދުކެނޑުމެއްނެތި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ ދައުލަތުގެ ހަމައެކަނި ކުންފުންޏެވެ. އެހެނަސް، އެތަކެއް ޒަމާންތަކެއް ވަންދެން ދެގޮތެއް ނުވެ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ދެމިއޮތް މި ކުންފުނިން ދަނީ މާލޭގެ ކަސްޓަމަރުންނަށް ވީހާވެސް ގެއްލުމެއްނެތި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެމުންނެވެ. ދިމާވާ ހިރާސްތަކާއެކުގައި ނަމަވެސް އެވެ. މާލެއިން މި ދޭތެރޭގައި ކަރަންޓް ކެނޑިގެންދިޔަ ނަމަވެސް ސްޓެލްކޯ އިން ވަނީ އަވަސް ދުވެލީގައި އެ މައްސަލަ ވެސް ހައްލުކޮށްދީފައެވެ. އެކަމަކު ކަރަންޓް ބިލް ބޮޑުވުމުގެ ޝަކުވާ މިއީ ކޮންމެ މަހަކުވެސް އަންނަ ޝަކުވާއެކެވެ. މިކަމާ ގުޅިގެން ސްޓެލްކޯއިން ދޭ ނަސޭހަތް އަޑުއަހަނީ ކިތައް މީހުންބާއެވެ.

ސްޓެލްކޯއިން އަބަދުވެސް ނަސޭހަތްތެރިވަނީ ކަރަންޓް އިގްތިސާދު ކުރުމަށެވެ. އަދި ކަރަންޓް ބޭނުންކުރެވޭ ގޮތާ ދޭތެރޭ ސަމާލުވުމަށް ތަކުރާރުކޮށް ސްޓެލްކޯއިން ނަސޭހަތްތެރިވެއެވެ. 

 

* އިންޖީނުގެ އާރްޕީއެމްއާއި ކުޅޭ ކަމަށް ބުނާ ވާހަކަތައް

ސްޓެލްކޯއިން ބުނީ ޖަނަރޭޓަރުތަކުގެ އާރްޕީއެމްއަކީ ސެކިއުރިޓީ ސަބަބުތަކާއި ގުޅިގެން ވަރަށް ސެކިއޯކޮށް ބަލާ ޖެންސެޓް ކަމަށެވެ. މިސާލަކަށް އެންމެ ޖެންސެޓެއްގައިވެސް މައްސަލައެއް އުޅޭނަމަ މުޅިތަން ބަންދުކުރާ ގޮތަށް ހަދާފައި ހުރި ކަމަށް ސްޓެލްކޯއިން ބުންޏެވެ. ވަކި އާރްޕީއެމްއެއްގައި ނޫނީ ޖެންސެޓެއް ނުހިންގޭނެ އެވެ.

"އޭތި ދަށެއްވެސް ނުކުރެވޭނެ. މިބުނާ ސެޓިންގައި ހުންނާނީ. މިސާލަކަށް ރަށަކަށް ބަލާނަމަ ސްޓެޕްއަޕް ޓްރާންސްފޯމަރެއް އިންނާނެ. ސްޓެޕްއަޕް ޓްރާންސްފޯމަރަކުން ގެއަށް މިފޮނުވަނީ ޑިސްޓްރިބިއުޝަން. އެތަނުން ކުރާ ކަމަކުން ގެއެއްގެ މީޓަރަކަށް އަސަރެއް ނުކުރާނެ. މާލެއަށް ބަލާނަމަ މާލޭގައި ސްޓެޕްއަޕް ޓްރާންސްފޯމަރެއް ނުހުންނާނެ. މާލޭގައި މި އިންނަނީ 11 ކޭވީ ނެޓްވޯކެއް. މާލޭގައި ހަމަދާގޮތަށް ގޮސް ސްޓެޕްއަޕް ޓްރާންސްފޯމަރަށް ވަދެ ޓްރާންސްފޯމަރުން ސްވިޗް ގިއަރަށް ވަދެ، ސްވިޗް ގިއަރުން އަދި ޑިސްޓްރިބިއުޝަން ފޮށިން ގެއަށް މި ވަންނަނީ. ސްޓެލްކޯއިން މި ދޭ ވޮލްޓޭޖް ގެއިން ބޭނުންކުރީމަ ނޫނީ މީޓަރެއް ނުހިނގާނެ" ސްޓެލްކޯގެ މީޑިއާ އޮފިސަރު ބުންޏެވެ.

* ކަރަންޓު ލީކްވުމާއި ގެތަކުން ކަރަންޓު ވަގަށްނެގުން!

މި ވާހަކައަށް ރައްދު ދެމުން ސްޓެލްކޯއިން ބުނީ އެކުންފުނިން މީޓަރާއި ކުޅޭކަން ކަސްޓަމަރުންނަށް އަމިއްލައަށްވެސް ބެލިދާނެ ކަމަށެވެ. ގޭގައި ހުރި ހުރިހާ އެއްޗެހި ނިއްވާފައި ގޭތެރޭގައި ހުރި ޑީބޯޑުން މީޓަރު ހިނގާކަން ބެލިދާނެ ކަމަށް އޮޅުންފިލުވާދީފައި ވެއެވެ.

"މީޓަރުގައި މައްސަލައެއް އުޅޭކަން ބަލާލުން އެވެސް ރަނގަޅު ކަމެއް. ކަރަންޓު ލީކެއް އުޅޭތޯ ބަލާލުން ރަނގަޅު. ކަރަންޓު ވަގަށްވެސް ނަގާ، އިނގޭތޯ. ބައެއް އެޕާޓްމެންޓްތައް ހުންނާނެ، ގެތައް ހަދާފައި ހުންނައިރު މިސާލަކަށް ދެވަނަ ފްލޯ އޭސީއެއް ވައްދާފައި ހުރެދާނެ ފަސްޓް ފްލޯ ޑީބޯޑް ތެރެއަށް. ސިޑިގޮޅީގައި ހުންނަ ހުރިހާ ލައިޓެއް ހުރެދާނެ ވަކި އެޕާޓްމެންޓަކަށް ޖަހާފައި. މިއީ ވަރަށް މުހިންމު ކަމެއް ޗެކްކުރުން. ކަރަންޓް ނިއްވާފަ، މީޓަރު ހިނގަންޏާ، އެއީ މައްސަލައެއް"

ސްޓެލްކޯއިން ބުނީ ޓީވީ ފަދަ އާލާތްތައް ނިއްވާލިޔަސް، އެ އެއްޗެހި ގުޅާފައި ހުންނަ ސްވިޗް ނުނިއްވާހާ ހިނދަކު، ކަރަންޓު ހިނގަމުންދާނެ ކަމަށެވެ. ކަރަންޓުގެ ތިން ވައްތަރެއް އުޅޭނެ އެވެ. އެއީ ވޮލްޓޭޖްއާއި ޕަވާއާއި ކަރަންޓު އެވެ. ސްޓެލްކޯއިން ގެންގުޅެނީ ޕަވާ މީޓަރުތަކެވެ. ގޭތެރެއިން ކަރަންޓު ނަގައިގެން ނޫނީ ޕަވާ މީޓަރެއް ނުހިނގާނެ އެވެ. ވޮލްޓޭޖް ތަފާތުކުރިޔަސް ޕަވާ ހުންނާނީ އެއްމިނެއްގަ އެވެ.

"ވޮލްޓޭޖް ދަށްކުރީމަ އޭސީ އިތުރަށް މަސައްކަތްކުރަން ޖެހޭނެ ނޫންހޭ އެބަ ކިޔާ (ކަސްޓަމަރުން). އޭސީ މަސައްކަތްކުރިޔަސް އަހަރެމެންގެ މީޓަރު ހިނގާނީ ޕަވާއަށް. ޕަވާއިން އޭތި ޗާޖް ކުރަނީ. ޓްރާންސްފޯމަރަކުން ސާވިސް ދޭ ހުރިހާ ގެއެއްގެ ބޮކިތައް އެއްފަހަރާއި ނިވި، ފްލިކާވެ ގޮތްގޮތް ވާން ފަށާނެ" 

މީހުން ދިރިނޫޅުނަސް ކަރަންޓު ހިނގާނެ


މީހުން ދިރިނޫޅޭ ތަންތަނުގައިވެސް ފްރިޖް އަދި ބޮކިތަކުގެ ކަރަންޓު ހިނގާކަން ބިލް ލިބޭއިރު ގިނަ މީހުންގެ ހަނދާނުން ކައްސައިގެންދެ އެވެ. ގެއިން ބޭރަށް ދިއުމުގެ ކުރިން ވައިފައި ރައުޓަރާއި ފްރިޖްގެ ސްވިޗް ނިއްވާފައި ނެތްކަން ހަނދާނުގައި ހުންނަނީ ކިތައް މީހުން ބާއެވެ؟ އެއްފަހަރާއި ގިނަ ހެދުން އިސްތިރިކުރުމުގެ ބަދަލުގައި އޮފީހަށް ދާންވީމަ އެންމެ ގަމީހެއް އިސްތިރިކުރުމުގެ އާދަ ހިފާފައި ހުންނަނީ ކިތައްމީހުންގެ ބާއެވެ؟ މަސް ޓޭންކް ފަދަ ތެތްކަން ހިފާ ސާމާނުތައް އޭސީ ދަށުގައި ބައިންދައިގެން އުޅެނީ ކިތައް މީހުން ބާއެވެ؟

"ގޭތެރޭގައި އެބަހުރި އަހަރެމެން ތަނަކަށްދާއިރުވެސް ވިސްނާނުލާ ބޭނުންކުރާ ވަރަށް ބައިވަރު އެޕްލަޔަންސްތައް. އަހަރެމެންގެ އާދަތައްވެސް ހުންނަ ގޮތުން. ބިލް ކުޑަކުރަން ވަރަށް ފަސޭހަވާނެ އާދަތައް ބަދަލުކުރުމުން"