ސްޓެލްކޯ (ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް) ގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ގެ މަގާމުން ހުސައިން ފަހުމީ މިއަދު ވަކިކޮށް، އެ މަގާމަށް މިފްކޯގެ ކުރީގެ ސީއީއޯ އަހުމަދު ޝަމާހް ރަޝީދު އައްޔަންކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަހުމީ ވަކިކޮށް، އެ މަގާމަށް ޝަމާހް އައްޔަންކުރިކަން ހާމަކޮށްފަ އެވެ. ނަމަވެސް މި ބަދަލު ގެނައި ސަބަބެއް ޕީސީބީން ހާމައެއް ނުކުރެ އެވެ.
ސްޓެލްކޯގައި 25 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ހުސައިން ފަހުމީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ މި ސަރުކާރު ވެރިކަމާ ހަވާލުވެ، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އޭނާގެ ބަދަލުގައި މިއަދު އެ މަގާމަށް އައްޔަން ކުރެއްވުނު އަހުމަދު ޝަމާހް ރަޝީދު، މިފްކޯ (މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ) ގެ ސީއީއޯގެ މަގާމުގައި ހުންނަވަނިކޮށް އެ މަގާމުން އޭނާ ވަކިކޮށް، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވީ މިދިޔަ އަހަރު އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އާ ބޭފުޅަކު އައްޔަންކުރިއިރު، ދާދި ފަހުން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ވެސް ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެމްޑީގެ މަގާމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ އެމްޑީއަކަށް ހުންނެވި އަލީ ޒުހައިރު ވަނީ އައްޔަންކޮށްފަ އެވެ. އަދި އޭނާގެ ބަދަލުގައި އާރުޑީސީގެ އެމްޑީގެ މަގާމަށް އައްޔަންކުރީ ކުރިން ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ އިބްރާހިމް ނަޒީމެވެ.
