މިރޭ ރާއްޖެއަށް ފެންނާނީ ގަޑިއިރަކަށްވުރެ ގިނަ އިރަށް ދެމިގެންދާ ފުރިހަމަ ހަނދުކޭތައެއް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ. މެޓް އޮފީހުން ވިދާޅުވީ މިރޭ އާއްމުގޮތެއްގައި އުޑުމަތި ސާފުވާނެ ކަމަށާއި، އެހެންކަމުން ހަނދުކޭތަ ސާފުކޮށް ފެނިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ދެއްވާފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިރޭ ރާއްޖޭ ގަޑިން 20:28 ގައި ހަނދުކޭތަ ހިފަން ފަށާނެއެވެ. ނަމަވެސް ކޭތަ ހިފާ މަންޒަރު ފެންނަން ފަށާނީ 21:30 ހާއިރުއެވެ. ފުރިހަމަ ކޭތައެއްގެ ގޮތުގައި ހަނދުކޭތަ ފެންނާނީ މިރޭ 22:30 އިން ފެށިގެން 23:52 އާ ހަމައަށެވެ. އެހެންކަމުން، ރާއްޖެއަށް ޖުމްލަ 1 ގަޑިއިރާއި 22 މިނެޓަށް ފުރިހަމަ ކޭތައެއް ފެންނާނެއެވެ. ކޭތަ އެއްކޮށް ވީއްލާ ނިމޭނެ ކަމަށް ލަފާކުރެވެނީ ދަންވަރު 01:55 ގައެވެ.

އިރުކޭތަ އަދި ހަނދުކޭތަ ހިފަނީ، ދުނިޔެ ވަށައިގެން ހަނދު ދައުރުކުރުމާއި، އަދި އިރު ވަށައިގެން ދުނިޔެއާއި ހަނދު ދައުރުކުރާތީއެވެ. މިތަކެތި ދައުރުކުރަމުންދާއިރު، ބައެއްފަހަރު، އިރާއި ދުނިޔެއާ ދެމެދަށް ހަނދު ވަދެއެވެ. މިހެންވާއިރު ހިފަނީ އިރުކޭތައެވެ. ބައެއްފަހަރު، އިރާއި ހަނދާ ދެމެދަށް ދުނިޔެ ވަދެއެވެ. މިހެންވާއިރު، ހިފަނީ ހަނދުކޭތައެވެ.

މިރޭގެ ހަނދުކޭތަ ފަދަ ފުރިހަމަ ހަނދުކޭތައެއް ދެން ރާއްޖެއަށް ފެންނާނެ ކަމަށް ބެލެވެނީ 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ.
މިރޭ ހިފާ ހަނދުކޭތައާއި ގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރުން އޮންނާނެއެވެ. މި ނަމާދު ކުރުން އޮންނާނީ މިރޭ 23:12 ގައެވެ. މުސްލިމުންގެ މެދުގައި ކޭތަ ނަމާދަކީ މިފަދަ ހާދިސާތަކުގައި ކުރުން ސުންނަތްވެގެންވާ ނަމާދެކެވެ.