އއ. ފެރިދޫގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯ އިން އެކްސްގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައިވަނީ، އެ މަޝްރޫއުގެ ދަށުން، ފެރިދޫގެ ޑިސްޓްރިބިއުޝަން ވިއުގައިގެ 90 އިންސައްތަ އެއްކޮށް ބަދަލުކޮށްފައިވާ ކަމަށާއި އެރަށު އިންޖީނުގޭގައި 2000 އެމްޕަޔަރގެ ޒަމާނީ ކޮންޓްރޯލް ޕެނަލެއް ބެހެއްޓައި ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

އަދި އެ އަޕްގްރޭޑްގެ ސަބަބުން، ކުރިން ދިމާވަމުން އައި ވޯލްޓޭޖް ޑްރޮޕްގެ މައްސަލަ މުޅިން ހައްލުވެ، މުސްތަޤުބަލުގައި ރަށުގެ ކަރަންޓުގެ ޑިމާންޑް އިތުރުވަމުންދާ ދިއުމަށް ކޭޓާރ ކުުރުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާ ކަމުގައިވެސް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން ސްޓެލްކޯއިން ވަނީ، ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެ ހާލަތެއްގައި، އެ މައްސަލަ އަވަސް ފުރުސަތެއްގެ ތެރޭގައި ދެނެގަނެ، ހައްލުކުރުމުގެ ގާބިލުކަން މި އައު ނިޒާމުގެ ސަބަބުން އިތުރުވެފައިވާ ކަމަށާއި މި ބަދަލުތަކާއެކު، ފެރިދޫގެ ރައްޔިތުންނަށް ލިބޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، އިތުބާރު ބޮޑު ޚިދުމަތަކަށް ވެގެންދާނެ ކަމަށެވެ.