ޖަރުމަނުގެ ގައުމީ ޓީމުން ބާކީކޮށްފައިތިބި ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ތޯމަސް މުލާ އާއި މެޓްސް ހަމެލްސް އަށް ޔޫރޯ 2020 އަށް އެކުލަވާލި ސްކޮޑުން ކޯޗު ޔަކީމް ލޯ ފުރުޞަތު ދީފިއެވެ.

2014 ވަނަ އަހަރުގެ ވޯލްޑް ކަޕް މުބާރާތް ޖަރުމަނަށް ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރި މުލާ އާއި ހަމެލްސް އަށް ގައުމީ ޓީމުން ފުރުޞަތު ނުދޭން ފެށީ 2019 ވަނަ އަހަރުގެ މާރިޗް މަހުގައި ދެން އެ ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުޞަތު ނެތް ކަމަށާއި އޭރުގެ ޓީމަށް ބަދަލުތަކެއް ގެނެސް އާރާސްތުކުރުމަށް ބޭނުންވާކަމަށް ބުނެ ކޯޗު ލޯ ނިންމި ހިސާބުންނެވެ.

ޖަރުމަނުގެ ކޯޗު ލޯ މިގެނައި ބަދަލުތަކުގެ ސަބަބުން އެ ޓީމަށް ހެޔޮ ބަދަލެއް އައިސްފައިނުވާއިރު އޭގެފަހުން އެ ޓީމު ކުޅުނު ގިނަ މެޗުތަކުގައި އެކަށީގެންވާ ފަދަ ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައިނުވާއިރު މިދިޔަ އަހަރުގެ ނޮވެންބަރު މަހުގައި ޔުއެފާ ނޭޝަންސް ލީގުގައި ސްޕެއިން އަތުން 6-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ލަދުވެތިގޮތަކަށް ބަލިވުމުން ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.

އެހެންކަމުން ކުރިއަށް އޮތް ޔޫރަޕިއަން ޗެމްޕިއަންޝިޕަށް އެ ޓީމު ނިކުންނައިރު މުލާ އާއި ހަމެލްސް އަށް ގައުމީ ޓީމުން ފުރުޞަތުދިނުމާއެކު ޒުވާން ގިނަ ކުޅުންތެރިންތަކަކާއެކު އޮތް ތަޖުރިބާ މަދު ޓީމު މިހާރަށްވުރެ ވަރުގަދަވެގެންދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މިހާރު އުމުރުން 32 އަހަރުގެ ހަމެލްސް އަށް އަލުން ގައުމީ ޓީމުން ފުރުޞަތު ދިނުމަށްފަހު ކޯޗު ލޯ ފާހަގަކުރިގޮތުގައި އެ ޓީމުގެ ޑިފެންސަށް ދިމާވެފައިވާ މައްސަލަތަކަށް ލުޔެއް ލިބޭނެ ކަމަށާއި އޭނާގެ ތަޖުރިބާގެ އެހީގައި ދެން ތިބި ކުޅުންތެރިންނަށްވެސް ވަރަށް ބޮޑަށް ފައިދާވާނެ ކަމަށެވެ.

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކުރިމަތިލާއިރު ބަޔާން މިއުނިކަށް ކުޅެމުން އަންނަ 31 އަހަރުގެ މުލާ ހުރީ ވަރަށް ރަނގަޅު ފޯމެއްގައެވެ. މިދިޔަ ސީޒަނެކޭ އެއްފަދައިން މި ހިނގާ ސީޒަނުގައި އެ ޓީމުން ޔޫރަޕްގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރިއިރު ދެއްކިފަދަ މޮޅު ކުޅުމެއް މި ސީޒަނުގައި ވެސް މުލާގެ ފަރާތުން ފެނިފައިވާއިރު އޭނާ ވަނީ ބަޔާނަށް މި ސީޒަނުގައި ކުޅެދިން 45 މެޗުގައި 15 ލަނޑުޖަހައި އިތުރު 24 ގޯލްޖެހުމަށް އެހީތެރިވެދީފައެވެ.

ޖަރުމަނުގެ ސްކޮޑު މިއަދުގެ ވަގުތެއްގައި އިޢުލާންކުރިއިރު ގިނަ ބަޔަކަށް ސިހުން ގެނުވީ ބަޔާނަށް ކުޅެމުން އަންނަ އުމުރުން އެންމެ 18 އަހަރުގެ ޖަމާލް މުސިއާލާ އަށް ފުރުޞަތު ދިނުމެވެ. ޗެލްސީގެ އެކަޑެމީން  ފާހަގަވި މި ކުޅުންތެރިޔާ މި ފަހަރުގެ ސީޒަނުގައި ބަޔާން އާއެކު ކުރިއެރުންތަކެއް ހޯދާފައިވާއިރު  އިނގިރޭސިވިލާތާއި ނައިޖީރިއާގެ ހުށަހެޅުންތަކަށް ފުރަގަސްދިނުމަށްފަހު ޖަރުމަނުގެ ގައުމީ ޓީމަށް ކުޅެން ނިންމާފައިވުމަކީ ކޯޗު ލޯ އޭނާ ޓީމަށް ނެގި  އެއް ސަބަބުވެސް މެއެވެ.

ކޮވިޑް-19ގެ ސަބަބުން ފަސް ކުރެވުނު ޔޫރޯ ފުޓްބޯޅަ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 11 އިން ޖުލައި މަހުގެ 11 އަށެވެ. މި ފަހަރުގެ މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ގޮތުން ގްރޫޕް ސްޓޭޖުގެ އިތުރުން ނޮކްއައުޓް ބުރުގެ މެޗުތައް ވެސް ކުޅެވޭނީ ޔޫރަޕްގެ އެކި ގައުމުތަކުގައެވެ. އެގޮތުން، ޖަރުމަނު ހިމެނިފައިވާ ގްރޫޕް އެފްގެ މެޗުތައް ކުޅެވޭނީ ހަންގޭރީގެ ބުޑަޕެސްޓް އާއި ޖަރުމަނުގެ މިއުނިކްގައެވެ. މި ގްރޫޕުގައި ޖަރުމަނުގެ އިތުރުން ދެން ހިމެނެނީ ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި އެންމެ ފަހުގެ ޔޫރޯ ކާމިޔާބުކުރި ޕޯޗުގަލް އަދި ހަންގޭރީ އެވެ.

ޖަރުމަނުގެ 26 ކުޅުންތެރިންގެ ސްކޮޑު:

ގޯލްކީޕަރުން: މެނުއެލް ނޯޔާ (ބަޔާން މިއުނިކް)، ކެވިން ޓްރެޕް (އެއިންޓްރަކް ފްރެންކްފާޓް)، ބާންޑް ލެނޯ (އާސެނަލް)؛

ޑިފެންޑަރުން: އެންޓޯނިއޯ ރުޑިގާ (ޗެލްސީ)، މެޓްސް ހަމެލްސް އާއި އެމްރޭ ޗާން (ބޮރޫޝިއާ ޑޯޓްމަންޑް)، މަތިއަސް ގިންޓާ (ބޮރޫޝިއާ މުންޗެންގްލަޑްބަކް)، ލޫކަސް ކްލޮސްޓަމަން އާއި މާސެލް ހާލްސްޓެންބާގް (އާރްބީ ލީޕްޒިގު)، ރޮބިން ގޯސެންސް (އެޓަލާންޓާ)، ރޮބިން ކޮޗް (ލީޑްސް ޔުނައިޓެޑް)، ކްރިސްޓިއަން ގުންޓާ (ފްރެއިބާގް)؛

މިޑްފީލްޑަރުން: ޖޯޝުއާ ކިމިޗް، ލެއޮން ގޮރެޓްޒްކާ، ޖަމާލް މުސިއާލާ، ލެރޯއީ ސާނޭ (ބަޔާން މިއުނިކް)، އިލްކާއި ގުންޑޮގަން (މެންޗެސްޓާ ސިޓީ)، ޓޮނީ ކްރޫސް (ރެއާލް މެޑްރިޑް)، ފްލޮރިއަން ނެހައުސް އާއި ޖޯނަސް ހޮފްމަން (ބޮރޫޝިއާ މުންޗެންގްލަޑްބަކް)، ކާއީ ހަވާޓްޒް (ޗެލްސީ)؛

ފޯވާޑުން: ސާޖް ނެބްރީ އާއި ތޯމަސް މުލާ (ބަޔާން މިއުނިކް)، ޓިމޯ ވާނާ (ޗެލްސީ)، ކެވިން ވޮލާންޑް (މޮނާކޯ).