ދުނިޔޭގެ ލޮލަށް ފެންނަ ކޮންމެ މަންޒަރެއްގެ ފަހަތުގައި ވަނީ ޢިބްރަތްތެރި ހިކުމަތެކެވެ. ޚާއްޞަކޮށް އުޑުމަތިން ފެންނަ ތަފާތު ކަންކަމަކީ އިންސާނާގެ ހިތުގައި ﷲ ގެ ކުޅަދުންވަންތަކަމާއި ބާރުވެރިކަމަށް ހެކިދޭ ކަންކަމެވެ. މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ކަމަކީ ކޭތަ ހިފުމެވެ.
މިޒަމާނުގައި، ޓެކްނޮލޮޖީގެ ކުރިއެރުމާއެކު، ކޭތަ ހިފުން ފަދަ ޠަބީޢީ ހާދިސާތައް ގިނަ ބަޔަކު ދެކެނީ ފޮޓޯ ނަގައި، ވީޑިއޯކޮށް، ސޯޝަލް މީޑިއާގައި ހިއްސާކުރާނެ ރީތި މަންޒަރެއްގެ ގޮތުގައެވެ. ކޭތަ ހިފާ ވަގުތު މީސްމީހުންގެ އަތްތަކުގައިވާ ފޯނުތަކުން "ސްނެޕް" ކުރާ އަޑު ވަރަށް ގަދައެވެ. އެބައިމީހުންގެ ހިތްތަކުގައި އެވަގުތު އޮންނަނީ ހަމައެކަނި މި މަންޒަރު ނަގެމުގެ ޝައުޤުވެރިކަން އެކަނިހެން ހީވާކަހަލައެވެ. ނަމަވެސް، މުސްލިމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ހިތްތަކުގައި ކޭތައަކީ އެއަށްވުރެ މާ މުހިންމު، މާ ބިރުވެރި، އަދި މާ ޢިބްރަތްތެރި ކަމެކެވެ.
ކޭތަ ހިފުމުން ހަނދާންވަނީ ގިޔާމަތުގެ ނާމާންކަމާއި ބިރުވެރިކަމެވެ. ދުވާލު އިރު އޮއްސި، ދުނިޔެ އަނދިރިވެގެންދާ ފަދައިން، ގިޔާމަތް ޤާއިމުވާ ދުވަހު އިންސާނުންނަށް ކުރިމަތިވާނެ ބިރުވެރިކަމާއި ނާމާންކަން ކޭތަ ހިފުމުން އަޅުގަނޑުމެންނަށް އިހުސާސްކޮށްދެއެވެ. އިރުގެ ނޫރު ކެނޑި، ހަނދުގެ ނޫރު ކެނޑިގެންދާ މަންޒަރު ފެނުމުން، ދުނިޔެވީ ހުރިހާ ކަމަކީ ވަގުތީ ކަމެއްކަން ހަނދާންކޮށްދެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަން ކަށަވަރުކޮށްދެއެވެ.
ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ހަދީޘް ބަސްފުޅުތަކުން އެނގޭ ގޮތުގައި، ކޭތަ ހިފުމަކީ ﷲ ގެ ކުޅަދުންވަންތަކަމުގެ ނިޝާނެކެވެ. އެއީ މީސްތަކުންނަށް ބިރުވެރިކަމާއި ޢިބްރަތްތެރިކަން ދައްކަވާ ނިޝާނެކެވެ. އެކަލޭގެފާނު ކޭތަ ހިފާ ވަގުތު އަވަހަށް ނަމާދުކުރައްވާ، ދުޢާކުރައްވާ، އިސްތިޣްފާރުކުރައްވާ، އަދި ޞަދަޤާތް ދެއްވައެވެ. މިއީ އަޅުގަނޑުމެންނަށް ދެއްވާފައިވާ ވަރަށް މުހިންމު ފިލާވަޅެކެވެ. އެފަދަ ވަގުތުތަކުގައި ފޮޓޯ ނެގުމަށްވުރެ ބޮޑަށް، އަޅުގަނޑުމެން މާތް ﷲ އަށް ކުއްތަންވެ، އެކަލާނގެއަށް ދުޢާކޮށް، ފާފަތަކަށް ފާފަފުއްސެވުމަށް އެދުން މާ ރަނގަޅެވެ.
ކޭތައަކީ ހަމައެކަނި އުޑުމަތިން ފެންނަ ރީތި މަންޒަރެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ ހިތްތަކަށް ވަދެ، ދުނިޔޭގެ ދިރިއުޅުމުގެ ފަނާވެރިކަމާއި، އާޚިރަތުގެ ދިރިއުޅުމުގެ ބިރުވެރިކަން ހަނދާންކޮށްދޭ ފިލާވަޅެކެވެ. ﷲ ގެ ޙަޟުރަތަށް އެނބުރިދިއުން ނޫން ގޮތެއް ނެތްކަން ހަނދާންކޮށްދޭ ފިލާވަޅެކެވެ. ވީމާ، ކޭތަ ހިފާއިރު "ސްނެޕް" ކުރިޔަސް، ހަނދާންކުރަންވީ ގިޔާމަތުގެ ނާމާންކަމާއި ބިރުވެރިކަމެވެ. އަދި އެކަމަށް ތައްޔާރުވުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ އަޅުކަންތަކާއި ދުޢާތަކަށް އިސްކަންދިނުމެވެ.
އާދޭހެވެ! ގިޔާމަތް ވާހުށީ ކޭތައެއް ހިފުމާއިވެސް އެކުގައެވެ. ބިންގަނޑު ފަޅަފަޅައިގެން ގޮސް، ބިމުގައިވާ ހަޒާނާތަކާއި ކައްތަށް ނެރެ އުކާލެވޭނެއެވެ. އުޑު ފަޅިފަޅިވެގެންދާ ހާލުގައެވެ. ސުބްހާނައް ﷲ! ކޮންފަދަ ބިރުވެރިކަމެއްތޯއެވެ. ކޭތައެއް ހިފާ ހަމަ ކޮންމެފަހަރަކުމެ މި ބިރުވެރިކަން މުސްލިމުންގެ ހިތްތަކަށް ވަންނަންޖެހޭނެ އެވެ. ވައްދުވަން ޖެހޭނެއެވެ.
