އިންސާނާގެ ހަށިގަނޑުގައި ވާ ކޮންމެ ގުނަވަނެއްގައިވެސް އެ ގުނަވަނަކަށް ޚާއްސަ ބޭނުމެއް ހުރެއެވެ. އެހެންނަމަވެސް ބައެއް ފަހަރު ވަކި ގުނަވަނެއްގެ ނަމުން ނުވަތަ ގުނަވަނަކާ ގުޅިފައިވާ ބާރަކުން، އެހެން ކަމަކަށް އިޝާރާތް ކުރެއެވެ. "މުލައްދަނޑީގެ ބާރު" މި ބަހަކީ އެފަދަ ބަހެކެވެ. އާންމުކޮށް މި ބަސް ބޭނުންކުރަނީ ހިތްވަރާއި އަޒުމުގެ ގަދަކަމާ ގުޅުވައިގެންނެވެ. އެހެންނަމަވެސް މި ލިޔުމުގައި އަޅުގަނޑު ބަލާލާނީ މި ބަހުގެ ލަފުޒީ މާނަޔާ، އަދި މަޖާޒީ މިސާލީ މާނަޔާ ގުޅުވައިގެން، ދިވެހިންގެ މުލައްދަނޑިން ބާރުކެނޑުނު އެއް ސަބަބަކަށެވެ.

މުލައްދަނޑިއަކީ ކޮނޑުހުޅާއި އުޅަނބޮނޑިހުޅާ ދެމެދުގައިވާ ހިސާބެވެ. މި ހިސާބުގައިވާ މަސްގަނޑަށް ކިޔާ އުޅެނީ މީދާމަސްގަނޑު ނުވަތަ އިނގިރޭސި ބަހުން ބައިސެޕްސްއެވެ. މިއީ ހަށިގަނޑަށް ބަރުއެއްޗެހި އުފުލާ ހެދުމުން ވަރުގަދަވެ، ވަރުޖެހޭ މަސްގަނޑެކެވެ. ދުނިޔޭގެ އެތައް ގައުމުތަކެއްގައި، ވަރުގަދަ ކަމުގެ ރަމްޒެއްގެ ގޮތުގައި މި މަސްގަނޑު ދައްކައިލައި އުޅެއެވެ.

ހަގީގަތުގައި ދިވެހި ބަހުގައި "މުލައްދަނޑީގެ ބާރު" މިބަސް މާނަކުރަނީ ހަށިގަނޑުގެ މުލައްދަނޑިއާއި މީދާމަސްގަނޑުގެ ބާރުގަދަކަމަކަށް ނޫނެވެ. އެއީ ހިތްވަރާއި އަޒުމުގެ ވަރުގަދަކަމަށް ބުނެއުޅޭ ބަހެކެވެ. އެހެންނަމަވެސް މި ލިޔުމުގައި މި ހިމަނާލީ ލަފުޒީ މާނާގައި އަދި މަޖާޒީ މިސާލީ މާނައެއްގައެވެ.

ދިވެހިންގެ މުލައްދަނޑިން ބާރުކެނޑުނު އެއް ސަބަބަކީ، ކުރީގެ ދިވެހިންގެ ދިރިއުޅުމުގެ މުހިންމު ބައެއް ކަމަށްވި ވަޅުދޮށުން ފެންވެރުން ހުއްޓާލުމެވެ. މީގެ ވިއްސަކަށް އަހަރު ކުރިއަށް ޖެހިލިޔަސް، އަޅުގަނޑުމެންގެ ކާބަފައިންނާއި މައިންބަފައިންނާއި، އަޅުގަނޑުމެންގެ ތެރެއިންވެސް ގިނަ ބަޔަކު ދިރިއުޅުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ވަޅުފެނުންނެވެ. ވަޅުފެން ބޭނުންކޮށްގެން ވަޅުދޮށުން، ދާނިން ފެންވެރުމަކީ އޭރު އާންމު ކަމެކެވެ.

ވަޅުދޮށުން ފެންވެރުމަކީ ވަކި ޖިންސެއް ނުވަތަ ވަކި އުމުރެއް ކިޔާނެ ކަމެއް ނެތް ކަމެކެވެ. އެއްމެ ތުއްތު އިރުއްސުރެ، ވަޅުދޮށުން ދާނިން ފެންނަގާ ބޮލަށް އަޅައިގެން ފެންވަރަމުން އައިސްފައިވެއެވެ. ފެންދާންޏެއްގައި ކޮންމެވެސް ވަރެއްގެ ބަރުދަނެއް ހުންނާނެއެވެ. ދާނިން ފެންނެގުމަށް ވަޅުތެރެއަށް ދާނި ޖަހާ، އެ ދާނި ފުރިގެން ފެން އަރާއިރު، ދާނި ވަޅުން ނެގުމަށް ބޮޑު ބާރެއް ބޭނުންވެއެވެ. މިފަދަ އެތައް ދާންޏެއް ކޮންމެ ދުވަހަކު ނަގާނެއެވެ. މިއީ މުލައްދަނޑީގެ މީދާމަސްގަނޑަށް ދުވަހުން ދުވަހަށް ދެވޭ ވަރަށް މުހިންމު ކަސްރަތެކެވެ.

ވަޅުދޮށުން ފެންވެރުން ހުއްޓާލުމާއެކު މިފަދަ ކަސްރަތުތަކުން ދިވެހިން ދުރުވެ، ހަށިގަނޑުގެ ގުނަވަންތަކަށް ކުރިން ލިބެމުން އައި ވަރުގަދަކަން ކުޑަވެއްޖެއެވެ. ފެންމޯޓަރުގެ ފަސޭހަތައް އައުމާއެކު ވަޅުދޮށުން ފެންނެގުމަކީ މުސްކުޅި ބޯދާ ގޮތެއް ކަމުގައި ދެކެވުނެވެ. ވީމާ، މުލައްދަނޑީގައި ވަރުޖެހުމަށް ކުރިން ކުރެވެމުން އައި ހަރަކާތްތައް މިހާރު ނުކުރެވެއެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގެ ބާރު ކެނޑުމުގެ އިތުރުން ހިތްވަރާއި އަޒުމަށްވެސް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާކަން ފާހަގަކުރެވެއެވެ. ކަންނެތްކަމާއި ލޮޑުކަން ނަފުސަށާއި ޖިސްމަށް މިއަދު މިވަނީ ކުރިމަތިވެފައެވެ. މިކަމުން ދިވެހިންގެ ދިރިއުޅުމުގެ އާދަތަކަށް އައި ބަދަލާއި އެކަމުން ދިމާވި ސިއްހީ އަދި ނަފްސާނީ އަސަރުތަކާމެދު ވިސްނާލުން މުހިންމެވެ.