ގައުމީ އެއާލައިން، މޯލްޑިވިއަން އިން ޑިސެމްބަރު މަހުގެ ސްކޫލް ބަންދުގައި މެލޭޝިއާގެ ކުއަލަލަމްޕޫރާއި ތައިލެންޑްގެ ބެންކޮކަށް ހާއްސަ ދަތުރުތަކެއް ބާއްވަން އިއުލާންކޮށްފިއެވެ.

ދިވެހިންގެ މެދުގައި ޗުއްޓީ ހޭދަކުރުމަށް އެންމެ މަގުބޫލު މަންޒިލްތަކުގެ ތެރޭގައި މެލޭޝިއާ އާއި ބެންކޮކް ހިމެނެ އެވެ.

މޯލްޑިވިއަން އިން ބުނީ މި ދެ މަންޒިލަށް ހާއްސަ ފްލައިޓްތައް ތައާރަފް ކުރަން ނިންމާފައި ވަނީ ޗުއްޓީ ދުވަސްވަރު އެތަންތަނަށް ޑިމާންޑް އިތުރުވާތީ ކަމަށެވެ. މޯލްޑިވިއަން އިން ބުނީ ޑިސެމްބަރު މަހު އެ ދެ މަންޒިލަށް ޖުމްލަ ހަތަރު ފްލައިޓެއް ހަަމަޖެހޭނެ ކަމަށެވެ.

މެލޭޝިއާގެ ކުއަލަ ލަމްޕޫރަށް ދިއުމަށް ރިޓަރން ޓިކެޓްގެ އަގަކީ 355 ޑޮލަރު ކަމަށްވާއިރު، ތައިލެންޑްގެ ބެންކޮކަށް ދަތުރުކުރާ ޓިކެޓްގެ އަގަކީ 399 ޑޮލަރެވެ.

ޑިސެމްބަރު 21 އާއި ޖެނުއަރީ 11 އާ ދެމެދު ހުކުރު ދުވަހު ކުއަލަ ލަމްޕޫރަށް ދަތުރުކުރާއިރު، ބެންކޮކަށް ދަތުރުކުރާނީ ޑިސެމްބަރު 23 އާއި ޖެނުއަރީ 11 އާ ދެމެދުގައި ކަމަށް އެ އެއާލައިނުން ބުނެފައިވެ އެވެ. މިދަތުރުތަކުގައި 25 ކިލޯގެ ބެގޭޖް ގެންދެވޭނެ ކަމަށް މޯލްޑިވިއަނުން ބުނެފައިވެ އެވެ.

 މި ފްލައިޓްތައް މިހާރު ބުކް ކުރެވޭނެއެވެ. ޓިކެޓް ބުކް ކުރެވޭނީ މޯލްޑިވިއަންގެ ވެބްސައިޓް މެދުވެރިކޮށް، މޯބައިލް އެޕް މެދުވެރިކޮށް ނުވަތަ ކޯލް ސެންޓަރު މެދުވެރިކޮށެވެ.