އެސްޑީއެފްސީ އިން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެވިޔަފާރިތަކަށް އެހީތެރިވުމަށްޓަކައި، އިސްލާމިކް ވިންޑޯ 'އެސްޑީއެފްސީ ތިޖާރާ' ގެ ދަށުން ޝަރީޢަތާ އެއްގޮތްވާ އުޞޫލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފައިނޭންސިންގ ފެސިލިޓީއެއް ކަމަށްވާ "ތިޖާރާ ރަށު ފަތުރު" ތަޢާރަފްކޮށްފިއެވެ.
މި ފެސިލިޓީގެ މައިގަނޑު މަޤްސަދަކީ، ޝަރީޢާ ހަމަތަކުގެ ތެރެއިން ރަށު ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުން އަންނަ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މި ޕްރޮޑަކްޓު ފަރުމާކުރެވިފައިވަނީ ޑިމިނިޝިންގ މުޝާރަކާ އަދި މުރާބަޙާ ޓު ދަ ޕަރޗޭސް އޯޑަރަރ ގެ ކޮންސެޕްޓު ބޭނުންކޮށްގެން ޚިދުމަތް ފޯރުކޮށްދޭ ގޮތަށެވެ. މީގެ ސަބަބުން ކޮންމެ ވިޔަފާރިވެރިއްގެވެސް ހުރި ޚާއްސަ ބޭނުންތައް އެންމެ ފުރިހަމައަށް ފުއްދައިދެވޭނެފަދަ އިންތިޒާމެއް ޝަރީޢާ ހަމަތަކުގެ މަތީގައި ހަމަޖައްސައި ފޯރުކޮށްދިނުމެވެ.
'އެސްޑީއެފްސީ ތިޖާރާ' ގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޝަރީޢާ ހުއްދަކުރާ މާލީ އުޞޫލުތަކާ އެއްގޮތްވާ މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. މި ޚިދުމަތުގެ ދަށުން ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދީ ދުވެލި އިތުރުކުރުމަށާއި، އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަގުފަހިކުރުން ވެސް މި ވިންޑޯގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ. މި ޚިދުމަތުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދައުރު ފުޅާވެ، އެފަދަ ވިޔަފާރިތަކަށް ބޭނުންވާ މާލީ ވަސީލަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، ވިޔަފާރިތައް ފުޅާކުރުމަށާއި އައު ވިޔަފާރިތައް ފެށުމަށް އެހީތެރިކަން ލިބިގެންދާނެއެވެ.
އެސްޑީއެފްސީގެ އަމާޒަކީ ޝަރީޢާއާއި އެއްގޮތަށް ފަރުމާކުރެވިފައިވާ އިތުރު ފައިނޭސިންގ ފެސިލިޓީތައް އެސްޑީއެފްސީގެ އިސްލާމިކް ވިންޑޯ، އެސްޑީއެފްސީ ތިޖާރާ' ގެ ދަށުން ތަޢާރަފް ކުރުމެވެ.
ތިޖާރާ ރަށު ފަތުރު ފައިނޭންސިންގ ލިމިޓް އަދި މައިގަނޑު ބައިތައް:
• ފައިނޭންސިންގ ރޭޓް އަކީ އަހަރަކަށް %9.5
• ގްރޭސް ޕީރިއަޑް ގެ ގޮތުގައި ގިނަވެގެން 18 މަސް ދުވަސް (ގްރޭސްގެ މުއްދަތުގައި ލުއި އަދަދެއް ދައްކަން ޖެހޭ)
• ފެސިލިޓީ ދެއްކުމަށް ގިނަވެގެން 10 އަހަރު ދުވަސް
ގެސްޓްހައުސް އިމާރާތްކުރުމަށް - އަލަށް ފަށާ ވިޔަފާރިތަކަށާއި މިހާރު ހިނގަމުންދާ ވިޔަފާރިތަކަށް:
• ދޫކުރެވޭ އެންމެ ކުޑަ އަދަދު: 200,000 ރުފިޔާ
• ދޫކުރެވެ އެންމެ މަތީ އަދަދު: 5,000,000 މިލިއަން ރުފިޔާ
ފަތުރުވެރިކަމުގެ ޞިނާޢަތާއި ގުޅުންހުރި ތަފާތު އިތުރު ވިޔަފާރި ހަރަކާތްތަކަށް (ގެސްޓްހައުސް އިމާރާތްކުރުން ފިޔަވާ) - ހިނގަމުންދާ ވިޔަފާރިތަކަށް
• ދޫކުރެވޭ އެންމެ މަތީ އަދަދު: 1,500,000 މިލިއަން ރުފިޔާ.
• ޑައިވް ސެންޓަރު، ވޯޓަރ ސްޕޯޓްސް ސެންޓަރު ފަދަ ހަރަކާތްތައް ޤާއިމުޤާއިމުކުރުމަށް
ފައިނޭންސިންގ ދޫކުރެވޭ ބޭނުންތައް:
• އަލަށް ފަށާ ގެސްޓްހައުސް ވިޔަފާރިތައް: އައު ގެސްޓްހައުސްތައް އިމާރާތްކުރުމަށް
• މިހާރު ހިނގަމުންދާ ގެސްޓްހައުސް ވިޔަފާރިތައް މަރާމާތުކޮށް ތަރައްޤީކުރުމަށް: ހިނގަމުންދާ ގެސްޓްހައުސްތައް މަރާމާތުކުރުމަށް، އިތުރު ކޮޓަރި ނުވަތަ ފެސިލިޓީތައް އިތުރުކުރުމަށް، ގެސްޓްހައުސްގެ ފެންވަރު ރަނގަޅުކުރުމަށް (އަޕްގްރޭޑްކުރުމަށް)
• ގެސްޓްހައުސް ވިޔަފާރިއާއި ގުޅުންހުރި ވިޔަފާރިތައް ކުރިއެރުވުމަށް:• ޓުއަރ އޮޕަރޭޓިންގ ޚިދުމަތްތަކަށް، ވޯޓަރ ސްޕޯޓްސް ފަދަ އެކްޓިވިޓީތައް ތަޢާރަފުކުރުމަށް، ގެސްޓްހައުސްގައި ރެސްޓޯރަންޓް ނުވަތަ ކެފޭ ފަދަ ތަންތަން ހެދުމަށް.
• ޓެކްނޮލޮޖީ ބޭނުންކޮށްގެން ވިޔަފާރި ކުރިއެރުވުމަށް: އޮންލައިން ބުކިންގ ސިސްޓަމްތައް ޤާއިމުކުރުމަށް، ވެބްސައިޓް އަދި މޮބައިލް އެޕްލިކޭޝަން ތައްޔާރުކުރުމަށް•
"ތިޖާރާ ރަށު ފަތުރު" އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވޭނީ 7 ސެޕްޓެންބަރ 2025 ގައެވެ. އެޕްލިކޭޝަން ހުށަހަޅާނީ އެސްޑީއެފްސީގެ ވެބްސައިޓް www.sdfc.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށެވެ.