ރާއްޖޭގެ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކައުންސިލްތަކަށް މާލީ މިނިވަންކަން ދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުހިންމު ނިންމެވުންތަކެއް ނިންމަވައިފިއެވެ. އެގޮތުން، ރާއްޖޭގެ ހުރިހާ ސިޓީތަކާއި ރަށްރަށުގެ އާންމު ތަންތަނާއި މަގުތައް ދިއްލުމަށް ހޭދަވާ ކަރަންޓަށް ކައުންސިލްތަކަށް ބިލުކުރާނީ ޑޮމެސްޓިކް ރޭޓުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މި ބަދަލު ޢަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެކަކުން ފެށިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިކަން ހާމަކުރެއްވީ އެމަނިކުފާނު ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މިހާރު ފެނަކަ ކޯޕަރޭޝަން ނުވަތަ ސްޓެލްކޯއިން ކައުންސިލްތަކަށް އާންމު ތަންތަނާއި މަގުތައް ދިއްލުމަށް ހޭދަވާ ކަރަންޓަށް ބިލުކުރަނީ ވިޔަފާރިތަކަށް ބިލުކުރާ ރޭޓުތަކުގައެވެ. މީގެ ސަބަބުން ކަރަންޓު ބިލު ބޮޑުވެ، ބައެއް ކައުންސިލްތަކަށް އެ ބިލުތައް ދައްކަން ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.
ރައީސްގެ މި ނިންމެވުމާއެކު، ކައުންސިލްތަކަށް އާންމު ތަންތަނާއި މަގުތައް ދިއްލުމަށް ކުރާ ހޭދަ އެތައް ގުނައެއް ކުޑަވެގެންދާނެއެވެ. މިކަމުގެ ސަބަބުން، ކައުންސިލްތަކަށް އެހެނިހެން މުނިސިޕަލް ޚިދުމަތްތަކަށް ޚަރަދުކުރުމަށް ލިބޭ ފައިސާގެ ޢަދަދު ބޮޑުވެގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މި ބަދަލަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްގީކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތްދިނުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
