ހުޅުމާލެ ރަށު މާރުކެޓުން ފަސް ގޮޅިއެއް ކުއްޔަށް ދޫކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު އިއުލާންކޮށްފި އެވެ. މީގެކުރިން ބީލަން އުސޫލުން ގޮޅި ދޫކުރި ނަމަވެސް މިފަހަރު ގޮޅިތައް ދޫކުރުމަށް ހަމަޖައްސާފައި ވަނީ ފޯމު ހުށަހަޅާ ޝަރުތު ހަމަވާ މީހުންގެ މެދުގައި ގުރުނަގައިގެންނެވެ.

އެޗްޑީސީން ބުނި ގޮތުގައި، ވަގުތުން ބޭނުންކުރެވޭ ގޮތަށް ހުރި މި ގޮޅިތަކަށް ކުރިމަތިލުމަށް އެދޭ ފޯމު އެ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެ އެވެ. ފޯމު ބަލައިގަންނާނީ ހަމައެކަނި އީމެއިލް އިން ކަމަށާއި، sales@hdc.mv އަށް މެއިލް ކުރުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.

ފޯމު ހުށަހެޅުމަށް ހުޅުވާލާފައި ވަނީ މާދަމާ ހެނދުނު 8:30 އިން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ ހަވީރު 3:30 އާ ހަމައަށެވެ. ގޮޅިތަކަށް ކުރިމަތިލާ މީހުންގެ މެދުގައި ގުރުއަތު ނަގާނީ އަންނަ މަހުގެ 16 ވަނަ ދުވަހު ހެނދުނު 10:00 ގައި ކަމަށް ވެސް އެޗްޑީސީން ހާމަކުރެ އެވެ.

ދެ އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރާ މި ގޮޅިތަކުގެ ބޮޑުމިނަކީ 73.33 އަކަފޫޓެވެ. ގޮޅިއަކަށް މަހު ކުލީގެ ގޮތުގައި 7,500ރ. ދައްކަން ޖެހޭއިރު، ލީސް ޑިޕޮސިޓްގެ ގޮތުގައި 22,500ރ. ދައްކަން ޖެހޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.