ޤައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސްއެލް)ގެ އައު އޮފީސް އިމާރާތުގެ ބިންގާ، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން އަޅުއްވައިފިއެވެ. މިއީ އެކުންފުނީގެ ތާރީޚުގައި މުހިންމު މަރުހަލާއެއް ކަމަށާއި، 25 އަހަރުގެ ދިގު އިންތިޒާރަކަށް ނިމުން އައި ދުވަހެއް ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. މާލޭގެ މާފަންނު ކޮޅު މަޖީދީމަގާއި ބޮޑުތަކުރުފާނު ގުޅޭ ކަންމަތީގައި ހުންނަ އެކުންފުނީގެ "ރާވެރިގެ" ޕްލޮޓުގައި އަޅާ މި އިމާރާތަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ޚަރަދުތައް ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި އިމާރާތުގެ ބިންގާ އެޅުމުގެ ޚާއްސަ ރަސްމިއްޔާތު ބާއްވާފައިވަނީ އައު އޮފީސް އިމާރާތް އަޅާ، ކުރިންވެސް އައިލެންޑް އޭވިއޭޝަނުގެ ހެޑް އޮފީސް ހިންގި "ރާވެރިގެ" ޕްލޮޓުގައެވެ. ރަސްމިއްޔާތުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނާއި، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބާއި، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދާއި، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިލްޔާސްއާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމްގެ އިތުރުން ކުންފުނީގެ ބޯޑު މެމްބަރުންނާއި މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.
އައިލެންޑް އޭވިއޭޝަނުން ފާހަގަކުރެއްވި ގޮތުގައި، މިވަގުތު އެ ކުންފުނީގެ އެކި ޑިޕާޓްމެންޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން މާލޭގެ 5 އިމާރާތެއްގައި މަސައްކަތްކުރުމުގެ ސަބަބުން ކުލީގެ ގޮތުގައި ވަރަށް ބޮޑު ޚަރަދެއް ކުރަންޖެހެއެވެ. އައު އޮފީސް އިމާރާތާއެކު މާލޭގައި ހިންގާ ޑިޕާޓްމަންޓުތައް، އަދި އެއަރޕޯޓުގައި ޤާއިމްކުރެވިފައިވާ ބައެއް ޑިޕާޓްމެންޓުތައްވެސް އެއް ފުރާޅެއްގެ ދަށަށް ގެނެވި، މާލީ ގޮތުން ކުންފުންޏަށް ވަރަށް ބޮޑު ލުއިތަކެއް ލިބިގެންދާނެކަމަށް އެކުންފުނިން ވިދާޅުވިއެވެ. މީގެ އިތުރުން ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާވެ، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރުވެސް ރަނގަޅުވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް އައިލެންޑް އޭވިއޭޝަނުން ފާހަގަކުރެއްވިއެވެ.
ޗައިނާގެ ހުނާން ނަންބަރ 6 އިންޖިނިއަރިންގ ކުންފުންޏާ ހަވާލުކޮށްފައިވާ މި އިމާރާތުގެ ބިމުގެ ބޮޑުމިނަކީ 4745 އަކަފޫޓެވެ. މި އިމާރާތުގައި ބޭސްމެންޓް ހިމެނޭހެން ޖުމްލަ 12 ފަންގިފިލާ ހުންނާނެއެވެ. ބޭސްމެންޓް ޚާއްސަކުރެވިފައިވަނީ މުވައްޒަފުންގެ ޕާކިންގއަށް ކަމަށާއި، ފުރަތަމަ ފަންގިފިލާގައި ޓިކެޓް އޮފީހެއް ޤާއިމްކުރެވޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން މައުލޫމާތުދެއްވައެވެ.
ޒަމާނީ ފެންވަރުގެ ވަސީލަތްތައް ޤާއިމްކުރެވި، ޖާގައިގެ ގޮތުން ތަނަވަސް އިމާރާތަކަށް މި އިމާރާތް ވެގެންދާނެކަމަށާއި، އަމާޒަކީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން މި އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމާލުންކަމަށް އެކުންފުނިން ބުނެއެވެ.
