ދިވެހިރާއްޖޭގެ ތަރައްޤީއާއި އިޤްތިޞާދުގައި ޒަމާންތަކަށް ދެމިހުންނާނެ އަގުހުރި ޚިދުމަތްތަކެއް ޕޯސްޓްގެ ޒަރީޢާއިން ފޯރުކޮށްދީފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ 119 ވަނަ އަހަރީ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިދިޔަ 119 އަހަރުގެ ތެރޭގައި ޕޯސްޓުގެ ޚިދުމަތް ރާއްޖޭގައި ދެއްވުމަށް އިސްވެ ތިއްބެވި ވެރިންނާއި މުވައްޒަފުންނާމެދު ޤައުމު ފަޚުރުވެރިވާކަމަށެވެ. އެގޮތުން ޕޯސްޓްގެ ޚިދުމަތުގެ ދިގު ތާރީޚުގައި ޚިދުމަތްކުރެއްވި ބޭފުޅުންނަށް އެމަނިކުފާނު ވަނީ ޝުކުރާއި ހެޔޮއެދުން ދަންނަވާފައެވެ. ރައީސް ވަނީ ޕޯސްޓްގެ ޚިދުމަތާއެކު ރާއްޖޭގެ ކުރިއެރުމާއި، މުވާސަލާތީ ދާއިރާއިން ޙާސިލުކޮށްފައިވާ ކާމިޔާބީތަކާއި އަދި އިޤްތިޞާދީގޮތުން ކުރިއަރައިދިޔުމުގައިވެސް ޒަމާންތަކަކަށް ދެމިހުންނާނެ އަގުހުރި ޚިދުމަތްތަކެއް ޕޯސްޓްގެ ޒަރީޢާއިން ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ކުރިއެރުމާއި، މުޥާޞަލާތާއި، އިޤްތިޞާދުގައިވެސް ޒަމާންތަކަށް ދެމިހުންނާނެ އަގުހުރި ޚިދުމަތްތަކެއް ޕޯސްޓްގެ ޒަރީޢާއިން ވަނީ ފޯރުކޮށްދީފަައި. މިދިޔަ 119 އަހަރު ޕޯސްޓްގެ ޚިދުމަތް ރާއްޖޭގައި ދެއްވަން އިސްވެ ތިއްބެވި ވެރީންނާއި މުވައްޒަފުންނާމެދު ޤައުމު ފަޚުރުވެރިވޭ.… pic.twitter.com/E0DREIJr3p
— Dr Mohamed Muizzu (@MMuizzu) September 9, 2025
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޕޯސްޓް އޮފީހެއް ހުޅުވުނީ 1906 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހުއެވެ. މިކަން ކުރުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު މުވާސަލާތު ކުރެވޭނެ ނިޒާމެއް އޮތުން މުހިންމުކަމަށް އޭރު އޮތް ދިވެހި ސަރުކާރަށް ވިސްނުމެވެ. ޕޯސްޓް އޮފީހުގައި އޭރު އެންމެ ފުރަތަމަ ބޭނުންކުރީ ސިލޯނުގެ 25 ސެންޓް ސްޓޭމްޕްގައި "މޯލްޑިވްސް" ޖަހައިގެންނެވެ. ރާއްޖޭގެ ފުރަތަމަ ސްޓޭމްޕެއް ޕޯސްޓް އޮފީހުން ބޭނުންކުރީ 1909 ވަނަ އަހަރުއެވެ.
ޕޯސްޓްގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކަށް ފުޅާކުރުމަށްޓަކައި، ރާއްޖޭގެ ހުރިހާ ރަށެއްގައި އެޖެންސީ ޕޯސްޓް އޮފީހެއް ޤާއިމުކޮށްފައިވަނީ 1994 ވަނަ އަހަރުގައެވެ. މިއޮފީސްތަކާއެކު އަތޮޅުތަކަށް ދެމުންދިޔަ ޕޯސްޓްގެ ޚިދުމަތްތަކުގެ ޑެލިވަރީ ވަނީ އަވަސްވެފައެވެ. ޕޯސްޓްގެ ޚިދުމަތް އިތުރަށް ފުޅާވެ، ޚިދުމަތްދޭ ފަރާތްތަކުގެ ޢަދަދު އިތުރުވުމާއެކު، ސަރުކާރުންވަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ނަމުގައި 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި ޕޯސްޓްގެ ޚިދުމަތް ފަށާފައެވެ.
