ބޮލީވުޑްގައި އެކްޓަރުންގެ ގޮތުގައި މަޝްހޫރުވެފައިވާ ގިނަ މީހުންނަކީ އެކިއެކި ހުނަރުތަކުން މުއްސަނދިވެފައިވާ ބައެކެވެ. އެމީހުންގެ އެ ހުނަރުތައް ގިނަ ފަހަރަށް މީހުންނަކަށް ނޭނގެއެވެ. އެކްޓިންގގެ އިތުރުން އެމީހުންގެ، އެހެން މީހުންނަށް އެހާ ނޭނގޭ ބައެއް ހުނަރުތަކަށް ބަލައިލަމާ ހިނގާށެވެ.
* އާމިރު ޚާން

ބޮލީވުޑްގައި "ޕާފެކްޝަނިސްޓް"ގެ ލަގަބު ދީފައިވާ އާމިރު ޚާންއަކީ ހަމައެކަނި މޮޅު އެކްޓަރެއް ނޫނެވެ. އޭނާއަކީ ކުޅަދާނަ ޑައިރެކްޓަރެއްވެސްމެއެވެ. ފިލްމީ ދާއިރާއާއި ދުރުން ބަލާނަމަ އޭނާއަކީ ރާޒުވާ ކުޅުންތެރިއެކެވެ.
ރާޒުވާގެ ލެޖެންޑެއް ކަމަށްވާ ވިޝްވަނަތަން އާނަންދުއާއެކު އާމިރު ރާޒުވާ ގަނޑުތަކެއް ކުޅެފައިވެއެވެ. އަދި ފިލްމުތަކުގެ ޝޫޓިންގ ބްރޭކްތަކުގައިވެސް އާމިރު ރާޒުވާ ކުޅޭކަމަށްވެއެވެ.
* އަކްޝޭ ކުމާރް

"އެކްޝަން ހީރޯ"އެއްގެ ގޮތުގައި މަޝްހޫރުވި އަކްޝޭއަކީ މާޝަލް އާޓްސްއަށް މަރުދޭ މީހެކެވެ. މޮޅު އެކްޓަރެއްގެ އިތުރުން އޭނާއަކީ މޮޅު ކައްކާއެކެވެ. އޭނާގެ އެކްޓިންގ ކެރިއަރ ފެށުމުގެ ކުރިން އޭނާއަކީ ބެންކޮކް ރެސްޓޯރެންޓެއްގެ ކައްކާއެކެވެ.
* ޕްރިޔަންކާ ޗޯޕްރާ

ކޮންމެ ކަހަލަ ރޯލަކަށްވެސް ފިޓް އެކަކަކީ ޕްރިޔަންކާ ޗޯޕްރާ (ޕީސީ)އެވެ. އޭނާއަކީ ކުޅަދާނަ ކުރެހުންތެރިއެކެވެ. ނިއު ޔޯކްގައި "ކުއަންޓިކޯ"ގެ ސެޓުގައި ޕްރިޔަންކާ ކެންވަސްގައި އޭނާގެ ޕޯޓްރެއިޓް ކުރެހުންތައް ކުރެހިކަމަށް ވެއެވެ.
* ރަންދީޕް ހޫޑާ

ވަރުގަދަ ޗެލެންޖިންގ ރޯލުތައް ކުޅޭ ހުނަރުވެރި އެކްޓަރ ރަންދީޕް ހޫޑާއަކީ ޕޯލޯ ކުޅުންތެރިއެކެވެ. އޭނާއަކީ ޕޯލޯ ޓީމެއްވެސް ހިންގާ މީހެކެވެ.
* ބަމަން އިރާނީ

ކޮމެޑީ ރޯލުތަކަށް މަޝްހޫރު ބަމަން އިރާނީއަކީ މޮޅު ފޮޓޯގްރާފަރެކެވެ. ނެޝަނަލް ޖޯގްރަފިކް ޗެނަލްއާއެކު ވައިލްޑްލައިފް ފޮޓޯގްރާފަރަކަށް ވާންވެސް އެއްދުވަސްވަރެއްގައި އޭނާ ބޭނުންވިއެވެ. އޭނާ ނަގާ ހިތްގައިމު ފޮޓޯތައް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރަމުން އާދެއެވެ.
