ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި އެޕަލް އިން، ރޭގަ ބޭއްވި ޚާއްސަ އިވެންޓެއްގައި އެ ކުންފުނީގެ އާ އެތައް އުފެއްދުންތަކެއް ވަނީ ތައާރަފްކޮށްފަ އެވެ. މިފަހަރުގެ އުފެއްދުންތަކުގެ ތެރޭގައި އެޕަލް އިން މިހާތަނަށް އުފެއްދި އެންމެ ތުނި ފޯނާއި އެންމެ ވަރުގަދަ ފޯނުގެ އިތުރުން އެންމެ ބާރުގަދަ އައިފޯނު ހިމެނެ އެވެ. އައިފޯންގެ ހަތަރު މޮޑެލްއެއް ކަމަށްވާ އައިފޯން 17، އައިފޯން އެއާ، އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސް އާ އެކު، އެއާޕޮޑްސް ޕްރޯ 3، އެޕަލް ވޮޗް ސީރީޒް 11 އަދި އެޕަލް ވޮޗް އަލްޓްރާ 3 ވެސް މިރޭ ވަނީ ތައާރަފްކޮށްފަ އެވެ.
އައިފޯން 17: އާ ކުލަތަކާއެކު ފޯނު ކެމެރާއަށް އާދަޔާ ޚިލާފު ކުރިއެރުންތައް
އައިފޯން 17 ނެރުނީ ޑިޒައިނަށް މާ ބޮޑު ބަދަލެއް ނުގެނެހެވެ. ނަމަވެސް، މިފަހަރު ހުރީ ތަފާތު ރީތި ކުލަތަކެކެވެ. މެއިން ކެމެރާގައި 48 މެގަޕިކްސެލް އަދި 12 މެގަޕިކްސެލްގެ، 2 ގުނަ ޒޫމްކުރެވޭ ޓެލެފޮޓޯ ކެމެރާއެއް ހިމެނެ އެވެ. މި ކެމެރާގައި މުޅިން އަލަށް އެތައް ފީޗާއެއް ވަނީ ހިމަނައިފަ އެވެ. އައިފޯން 17 ގެ ފެށޭ އަގަކީ 799 ޑޮލަރެވެ.
އައިފޯން އެއާ: އެޕަލް އިން އުފެއްދި އެންމެ ތުނި އަދި އެންމެ ވަރުގަދަ ފޯނު
މިއީ އެޕަލް އިން މިހާތަނަށް އުފެއްދި އެންމެ ތުނި ފޯނެވެ. ބޯމިނުގައި ހުންނަނީ އެންމެ 5.6 މިލިމީޓަރެވެ. ފޯނުގެ ދެ ފަރާތަށް ވެސް ސެރަމިކް ޝީލްޑް ލައްވައި، އާދަޔާ ހިލާފަށް ފޯނު ވަނީ ވަރުގަދަ ކޮށްފަ އެވެ. އެޕަލް އިން ބުނި ގޮތުގައި މި ފޯނު މީގެ ކުރީގެ އެއްވެސް ފޯނަކަށް ވުރެ ވަރުގަދަ ވާނެ އެވެ.
އެންމެ އެނާޖީ އެފިޝެންޓް ފޯނުކަމުގައިވާ އައިފޯން އެއާގެ ބެޓެރީ އެއް ދުވަސް ވަންދެން ހިފަހައްޓާނެ އެވެ. މީގައި ހިމަނާފައި ވަނީ އެޕަލްގެ އާ ޗިޕެއް ކަމަށްވާ އެން1 އެވެ. މި ފޯނުގައި ފްރަންޓް ކެމެރާ އާއި ބެކް ކެމަރާއިން އެއްފަހަރާ ވީޑިއޯ ރެކޯޑްކުރެވޭނެ އެވެ. އީސިމް ނޫނީ ބޭނުމެއް ނުކުރެވޭ މި ފޯނުގެ ފެށޭ އަގަކީ 999 ޑޮލަރެވެ.
އައިފޯން 17 ޕްރޯ: އެންމެ ބާރުގަދަ، އެންމެ ބޮޑު ބެޓެރީ އަދި މޮޅު ކެމެރާ
މިއީ މިހާތަނަށް އެންމެ ބޮޑު ބެޓެރީއާ އެކު ހެދި އައިފޯނެވެ. އަދި އެންމެ ބާރުގަދަ އައިފޯނު ވެސް މެއެވެ. މީގެ ތިން ކެމެރާއަކީ 48 މެގަޕިކްސެލްގެ ކެމެރާ އެވެ. މިއީ މިހާތަނަށް އޮޕްޓިކަލް ޒޫމް އެންމެ ވަރުގަދަ ފޯނު ކެމެރާ އެވެ. އަދި ކުރީގެ ފޯނުތަކަށް ވުރެ އެތައް ގުނައެއް ވަނީ ވަރުގަދަ ވެސް ކޮށްފަ އެވެ.
ހުރިހާ ގޮތަކުން ވެސް ވަރުގަދަ މި ފޯނުގެ ފެށޭ އަގަކީ 1،099 ޑޮލަރެވެ. ވީޑިއޯގެ ފެންވަރު ވެސް އިތުރަށް ވަނީ މި މޮޑެލްގައި ވަރުގަދަ ކޮށްފަ އެވެ. ރޭގެ އެޕަލް އިވެންޓު ވީޑިއޯކޮށްފައިވަނީ ވެސް އައިފޯން 17 ޕްރޯއިންނެވެ. އައިފޯން 17 ޕްރޯގެ އިތުރުން ބޮޑެތި ސައިޒު ކަމަށްވާ ޕްރޯ މެކްސް ވެސް މިރޭ ތައާރަފްކުރި އެވެ. މި ހުރިހާ ފޯނެއް ވެސް ފެށެނީ 256 ޖީބީންނެވެ.
އައިފޯންގެ މި އާ މޮޑެލްތައް ހުކުރު ދުވަހުން ފެށިގެން ޕްރީއޯޑާކުރެވޭނެ އެވެ. އަދި މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން އާންމުންނަށް ލިބޭނެ އެވެ.
އެޕަލް ވޮޗް ސީރީޒް 11 އަދި އަލްޓްރާ 3: ލޭމައްޗަށް ދިއުން ދެނެގަތުމުގެ ފީޗާ
އެޕަލް ވޮޗަށް ގެނައި ތަރައްގީގައި ހައިޕަޓެންޝަން ނުވަތަ ލޭމައްޗަށް ދިއުމުގެ އަލާމާތްތައް ދެނެގަތުމުގެ ފީޗާއެއް ހިމަނައިފަ އެވެ. މި މަހު ވެސް މި ފީޗާ 150 ގައުމަކަށް ލިބޭނެ އެވެ. އެޕަލް ވޮޗް ސީރީޒް 11 ގައި ގަޑީގެ ބެޓެރީ 24 ގަޑިއިރު ހުންނާނެ އެވެ. މީގެ އިތުރުން ސްލީޕް ސްކޯ ވެސް ވަނީ ހިމަނައިފަ އެވެ. އާ ވޮޗްތައް ކޫރު އެޅުމުން ދެ ގުނަ ދެމިހުންނާނެ ކަމަށް ވެއެވެ. އަދި މީގައި ސެލިއުލާ 5ޖީ ވެސް ހިމަނައިފަ އެވެ.