ފަތުރުވެރިކަމުގައި މަޝްހޫރުކަން ހޯދާފައިވާ ކަޒަކިސްތާނަށް ޗުއްޓީ ހޭދަކޮށްލަން ދިޔަ އިންޑޮނޭޝިއާގެ އާއިލާއެކެވެ. ދަތުރުފެށިގެން ކުރިއަށް ދިޔައީ އާއިލާ އެއްމެންހެން ނުހަނު މަޖަލާ އުފަލުގައި ސަކަރާތުގައި ވަގުތުތައް ހޭދަކުރަމުންނެވެ. އަދި އެމީހުންގެ ކޮންމެ ހަރަކާތެއްމެ އެމީހުން ދިޔައީ ސްނެޕްކޮށް މީސްމީޑިޔާގެ އެކި މަންސަތަކަށް ވަގުތުން ފޮނުވަމުންނެވެ.
ރަށުގައި ތިބި އާއިލީ މީހުންނާއި ރައްޓެހި ރަހުމަތްތެރިން ދިޔައީ އެ ސްނެޕްތަކާއި ވީޑިއޯތައް ގާތުން ބަލަމުންމެވެ. ޗުއްޓީގެ މަޖާ ދުވަސްތައް އެމީހުން ހޭދަކުރަމުން އެދާ އެފާވެރިކަން އިހުސާސްކުރާ ހާލުގައެވެ.
މި ދަތުރުގެ ތިންވަނައަށްވީ ދުވަހު، ފަރުބަދަ މަތީގެ ސަރަހައްދަކަށް ގޮސް އުސް ފަރުބަދަތަކުގެ ތެރޭގައި ވީޑިއޯކޮށް ފޮޓޯ ނެގުމުގައި މިބައިމީހުން މަސްޢޫލުވިއެވެ. އެކުގައި ދެމަފިރިންގެ ދަރިފުޅުވެސް ބައިވެރިވިއެވެ. މި ދަރިފުޅަކީ މަދަރުސީ ހަޔާތް ވޭތުކުރަމުންދާ ދަރިވަރެއްވެސް މެއެވެ. އާއްމު ދިރިއުޅުމުގައިވެސް މި ދެމަފިރިންނަކީ ސްނެޕް ކުރުމާއި ވްލޮގް ކުރުމުގައި މަޝްހޫރު ދެމީހުންނެވެ. އަދި މިފަދަ ޗުއްޓީ ދަތުރުތަކުގައި ދަރިންނަށް ދޭ ސަމާލުކަމަށްވުރެ ބޮޑު ސަމާލުކަމެއް އަބަދުވެސް އެކަންކަމަށް ދޭ ކަމަށް އެފަރާތުގެ އާއިލާ ބައެއްމީހުން ފާހަގަކޮށްފައި ވެއެވެ.
ކޮންމެއަކަސް ފަރުބަދަ މަތީގައި ސްނެޕްކޮށް ވީޑިއޯކޮށް، އެ ފޮނުވާ ތަންތަނަށް ފޮނުވާ ހެދުމަށްފަހު، ކުރިއަށް ހިނގައިގަތުމަށް އެޅި ފިޔަވަޅާއި އެކު އެމީހުންގެ ދަރިފުޅު ފެންނާކަށް ނެތެވެ. ހޯދާ ހޯދާވެސް ފެންނާކަށް ނެތެވެ. އަޑުގެ ނެތްކޮޅަށް ގޮވާ ހެދި އިރުވެސް ހަބަރެއް ހިލަމެއް ނުވިއެވެ. މާޔޫސްކަމާއި ހިތްދަތިކަމުގައި ކަންބޮޑުވުން ދެމީހުންގެ ވެސް އިންތިހާއަށް ބޮޑުވެއްޖެއެވެ. ފަރުބަދަމަތިން ފޭބެން އޮތް ގޮތަކަށް އަވަސް އަވަހަށް އެ ދަރިފުޅު ހޯދަމުން ދެމީހުންވެސް ފައިބަން މަސައްކަތް ކުރިއެވެ.
ކުއްލިއަކަށް ފޯނަށް ގިނަ އަދަދެއްގެ މެސެޖުތަކެއް އަންނާތީ ފޯނު ބަލާލިއެވެ. އެމީހުން ކުރި ސްނެޕް އަކަށް ފުލުފުލުގައި އެންމެންހެން ރިޕްލައި ކުރަނީއެވެ. މެސެޖުތަކުގައި ހުރީ އެ ކުރި ސެނެޕް އިން އެމީހުންގެ ދަރިފުޅު ވެއްޓޭ މަންޒަރު ފެންނަ ކަމަށް ބުނެފައެވެ. ހިތާމައިގެ ކޮޅެއް ނެތެވެ.
އެ ސަރަހައްދުގެ ފުލުހުންނާއި އެމީހުންގެ އެޖެންޓާއި ގުޅިގެން ހޯދި ހޯދުމުގައި އެކުއްޖާ އޮތީ އެ ފަރުބަދަ މަތިން ވެއްޓިފައެވެ. ބިމުގެ އެއްމެ ތިރީ ހިސާބަށް އެކުއްޖާ ފުރުޅެމުން، އެތައްމިތަނުގައި ޖެހެމުން އެ އޮތީ ވެއްޓިފައެވެ. ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާވެސް ދިނެވެ. އެކަމަކު އެ ފަކީރުގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތެއް ނުވިއެވެ. އޭގެފަހުން އެ ދެމެފަރިންގެ އެއްވެސް ސްނެޕެއްވެސް އަދި ވީޑިއޯއެއްވެސް މީސްމީޑިއަށް ދޫކޮށްފައި ނުވާކަމަށްވެއެވެ.
.......
އާދޭހެވެ! އިބުރަތުން ފުރިގެންވާ ހާދިސާއެކެވެ. ރާއްޖެފަދަ ޖަޒީރާ ރާއްޖެއަކަށްވެސް މުހިއްމު ފިލާވަޅެއް ގެނެސްދޭނެ ވާހަކައެކެވެ. ފަޅުރަށްރަށަށާއި މޫދު ކައިރިއަށް ކުޑަކުދިން ގޮވައިގެން ގޮސް، ސްނެޕް ކުރުމުގައި ޒުވާން ބެލެނިވެރިން އުޅޭ ކަމީ ހަގީގަތެކެވެ. ވީއިރު އެކުދިން ގޮވައިގެން މިފަދަ ކަންކަމުގައި އުޅޭ އިރު، އެކުދިންނަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. ސްޓްރީކު ގެއްލުމަށްވުރެ، ލޯބިވާ ދަރިއަކު ގެއްލުމުން ކުރަންޖެހޭ ހިތާމަ އިންތިހާއަށް ބޮޑުވާނެއެވެ. މިއީ ބޮޑެތި އަންހެންވެރިންނާއި ފިރިހެންވެރިންނަށް ކިޔައިދީ ބުނެދޭން ޖެހޭ ވާހަކަތަކެއްވެސް ނޫނެވެ. އެހެނަސް ހަނދާންކޮށްދިނީއެވެ.