ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ޑިރެކްޓަރުންގެ ބޯޑަށް މިއަދު ބަދަލެއް އައިސް، އެ މަގާމުގައި ހުންނެވި ތ. ތިމަރަފުށި، ބޮޑުގެ، މުހައްމަދު އާމިރު ވަކިކުރައްވައި، އެ މަގާމަށް ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) އާއިޝަތު މުޒްނާ އައްޔަނުކުރައްވައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދެވެ.

މުހައްމަދު އާމިރު ސްޓެލްކޯގެ ބޯޑަށް އައްޔަނުކުރެއްވީ 2023 ވަނަ އަހަރުގެ ފަހުކޮޅުއެވެ. މި ނިންމުމާއެކު އޭނާ ވަނީ މަގާމުން ވަކިކުރެވިފައެވެ.
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރެއްވި އާއިޝަތު މުޒްނާ އަކީ އެ ކުންފުނީގައި ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ސްޓެލްކޯއާ ގުޅިވަޑައިގަތީ 2000 ވަނަ އަހަރުއެވެ. މިހާރު ސްޓެލްކޯގެ ޑީއެމްޑީގެ މަގާމު ފުރުއްވަމުން ގެންދަވާ މުޒްނާ އެ މަގާމަށް އައްޔަނުކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ގައެވެ.

މުޒްނާ ވަނީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް އީސްޓް ލަންޑަންއިން އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފައެވެ. އޭނާގެ މަސައްކަތުގެ ތަޖުރިބާ ވަރަށް ދިގުވެ، 2017 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ކޮމްޕެނީ ސެކްރެޓަރީގެ މަގާމު ފުރުއްވާފައިވެއެވެ.

މީގެ އިތުރުން މުޒްނާ ވަނީ ސްޓެލްކޯގެ ތަފާތު ގިނަ ގޮފިތަކުގެ ހެޑްގެ މަގާމުތައް ފުރުއްވާފައެވެ. އޭގެ ތެރޭގައި ލީގަލް ޑިޕާޓްމަންޓްގެ ހެޑް ކަމާއި، ސްޓެލްކޯ ބިއުރޯގެ ހެޑް ކަމާއި، ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ހެޑްކަން ހިމެނެއެވެ. އަދި ހެޑް އޮފް ޕްރޮކިއުމަންޓް އެންޑް އިންވެންޓްރީ މެނޭޖްމަންޓް ޑިޕާޓްމަންޓްގެ މަގާމާއި، އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓްގެ ހެޑްކަމުގެ އިތުރަށް ކޯޕަރޭޓް އެންޑް ލީގަލް އެފެއާޒް ޑިޕާޓްމަންޓްގެ ހެޑް ކަމުގެ މަގާމުވެސް އޭނާ ފުރުއްވާފައިވެއެވެ.

މުޒްނާގެ ތަޖުރިބާ ބޮޑުކަމުން، ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް އޭނާ އައްޔަނުކުރުމަކީ ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާވުމަށް އެހީތެރިވެދޭނެ ކަމަށް ބެލެވެއެވެ.