ރާއްޖޭގައި އީކޮމާރސްއާއި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން، އޮންލައިން ވޯކްޝޮޕެއް މިމަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި ވޯކްޝޮޕަކީ ދިވެހިރާއްޖޭގެ އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއާއި ދުނިޔޭގެ ނަންމަޝްހޫރު އީކޮމާރސް ޕްލެޓްފޯމްތަކާއެކު ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

މި ވޯކްޝޮޕާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، މިއީ އީކޮމާރސްގެ ދާއިރާއިން ދިވެހިންނަށް ގިނަ ފުރުޞަތުތަކެއް ހޯދައިދިނުމަށް އެ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށެވެ. މި ވޯކްޝޮޕްގައި މަޢުލޫމާތު ހިއްސާކުރައްވާނީ ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ވިޔަފާރީގެ ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ އަލީބާބާ ޑޮޓް ކޮމްގެ ތަޖުރިބާކާރުން ކަމުގައި ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ސައީދު އިތުރަށް ވިދާޅުވީ، އެ ވުޒާރާއާއި އަލީބާބާއިން ކުރެވުނު މަސައްކަތުގެ ސަބަބުން ދިވެހީންގެ ތެރެއިން އޮންލައިން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އަލީބާބާ ޑޮޓް ކޮމްގެ ޕްލެޓްފޯމްގައި އެފަރާތްތަކުގެ މުދާ އޮންލައިންކޮށް ވިއްކޭނެ ގޮތަށް، ސެލާރ އެކައުންޓް ހުޅުވޭނެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ. މިއީ ދިވެހި ވިޔަފާރިވެރިންނަށް ބައިނަލްއަޤްވާމީ މާކެޓަށް ނުކުތުމަށް ލިބިގެންދާ ރަން ފުރުސަތެކެވެ.

މި ފުރުސަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމުގައިވާ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެމުންދާ އީކޮމާރސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލަރ އެކައުންޓްސް ހުޅުވޭނެގޮތް ހަދައިދީ، މި ޕްލެޓްފޯމްތަކުގައި އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސަވައިދެއްވުމަށް ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދެވުމުގެ މަސައްކަތްކުރުމުގެ ތެރެއިން އެޅިގެންދާ ފިޔަވަޅެއް ކަމަށް ވެސް ވަޒީރު ސައީދު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ހަރަކާތްތެރިވާ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް (އެސް.އެމް.އީޒް) ކުރިއަރުވައި އެ ވިޔަފާރިތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ގިނަ ފުރުސަތުތައް ހޯދައިދިނުމެވެ. އެގޮތުން، ރާއްޖެއިން ބޭރުގެ އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ވިޔަފާރިކުރެވޭނެ ފަހި ގޮތްތައް ހަމަޖައްސަވައިދެއްވުމަށް ދަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މި ވޯކްޝޮޕަކީ އެ މަސައްކަތުގެ މުހިންމު ބަޔެކެވެ.