މިއީ ދުނިޔޭގެ އާބާދީ އެންމެ ބޮޑު އެއް ގައުމުކަމަށްވާ އިންޑިޔާގެ އަންކޭ ގޮޑާގެ ވާހަކައެވެ. އުމުރުން 75 އަހަރުގެ އަންކޭ ގޮޑާއަކީ މައިސޫރުގެ ކައިރި އަވަށެއްކަމަށްވާ ހަރަލަހައްލި ވިލެޖަށް އުފަން މީހެކެވެ. އޭނާގެ ވާހަކަ ނޫސް މަޖައްލާތަކަށް ބޮޑު ސުރުހީގެ ގޮތުގައި ނޭރިޔަސް އޭނާގެ ފަރުވާލެއް ނެތެވެ. ނަމަވެސް، މުއްސަނދިކަމާއި، އާރާއިބާރު އަދި ނުފޫޒު ހޯދުމަށް ފައިހަމަކުރާ ޒަމާނެއްގައި އަމިއްލަ ގެދޮރު ވިއްކާލައި އެއްވެސް އާމްދަނީއެއް ނުލިބޭނެކަމަކަށް އިންވެސްޓްކުރީ ޢިލްމު ފެތުރުމަށް އޮތް ލޯތްބެއްގެ ސަބަބުންނެވެ.

އަންކޭ ގޮޑާގެ ވާހަކަ ފެށެނީ އޭނާގެ އުމުރުން 20 އަހަރުގައެވެ. ބަސް ދުއްވާމީހެއްގެ ވަޒީފާ އަދާކުރަމުން ކަންނާޑާ ލިޓަރޭޗަރ އިން މާސްޓަސް ފުރިހަމަކުރަމުން ދިޔަ ދުވަސްވަރުއެވެ. އެ ދުވަސްވަރު އޭނާ ފޮތް އެއްކުރަން ފެށިއެވެ. ކިތަންމެ މަދު ފައިސާކޮޅެއް ބާކީވިޔަސް އެކި ތަންތަނުން ފޮތް ގަނެ ރައްކާކުރަން ފެށިއެވެ. އެގޮތަށް އެކަން ކުރަމުން އައިސް، އެކަމަށް ހުރި ފޯރިއެއްގެ ސަބަބުން އެންމެފަހުން އަމިއްލަ ގެ ވެސް ވިއްކާލައި އެ ފައިސާއަށް ފޮތްގަތީއެވެ. އެއްބަޔަކު އެއީ މޮޔައެއްކަމަށް ބުނެ މަލާމާތްވެސް ކުރިއެވެ. ނަމަވެސް، އަންކޭ ގޮޑާ ވިސްނީ އެއީ އޭނާ ދެކެމުންދާ ހުވަފެނުގައި ކުލަ ޖެއްސުމަށް ކުރި ކަމެއްގެ ގޮތުގައެވެ. އޭނާގެ ވަރުގަދަ 'މިޝަން' އެއް ފުރިހަމަ ކުރުމަށް ކުރި ކަމެއްގެ ގޮތުގައެވެ. އެ މިޝަން ނުވަތަ ލަނޑުދަނޑިއަކީ، އެންމެންނަށް ޢިލްމު ހޯދޭނޭ ފަހި މަގެއް ހުޅުވައިދިނުމެވެ. އެއީ މީހާގެ މުއްސަނދިކަމަކުން ނުވަތަ ނަސަބަކުން ވާންވީ ކަމެއް ނޫންކަމެވެ.

މިއަދު އޭނާ ހުޅުވި ލައިބްރަރީގައި އެކި ޒާތްޒާތުގެ 20 ލައްކަ އަށްވުރެ ގިނަ ފޮތް އެބަ ހުއްޓެވެ. 5 ލައްކަ އަށްވުރެ ގިނަ ބޭރުގެ ފޮތްތައް އެބަ ހުއްޓެވެ. އެކި ބަސްބަހުގެ 5000 އަށްވުރެ ގިނަ ޑިކްޝަނަރީތައް އެބަ ހުއްޓެވެ. މިކަން އާދަޔާ ޚިލާފުވަނީ އެތަނުގައި ހުރި ފޮތްތަކުގެ އަދަދަކުންނޫނެވެ. އެ ލައިބްރަރީއަކީ މުޅިން ހިލޭ ބޭނުންކުރެވޭ ލައިބްރަރީއެކެވެ. މެމްބަރޝިޕް ފީ އެއް ދައްކާކަށް ނުޖެހެއެވެ. އެއްވެސް ހަރުކަށި ގަވާއިދުތަކެއް އެތަނަކު ނެތެވެ. ޢިލްމު ހޯދަން ބޭނުން ކޮންމެ މީހަކު އެތަނަށް ގޮސް އެތަނުގެ ބޭނުން ހިފަންވީއެވެ.

އަންކޭ ގޮޑާގެ މި މަސައްކަތުގެ ފަހަތުގައި ހުރީ އޭނާގެ އަންހެނުންނާއި ފިރިހެން ދަރިއެވެ. އޭނާގެ ހުވަފެން ހަގީގަތަށް ހެދުމަށްޓަކައި ކުރި ހުރިހާކަމަކަށް އެންމެ ބޮޑު މަދަދެއްވަނީ އެ ދެމައިންނެވެ. އަންކޭގެ މި މަސައްކަތަކީ، އާއިލާއެއްގެ އުފާވެރިކަމަކީ ހަމައެކަނި މުއްސަނދިކަމާއި ބިންވެރިކަމެއް ނޫންކަން އަންގައިދޭ އަލިގަދަ ދަލީލެކެވެ.