ފަލަސްތީނަކީ މިނިވަން ގައުމެއް ކަމަށް ގަބޫލުނުކުރާ އެމެރިކާގެ ޒުވާން ސިޔާސީ އެކްޓިވިސްޓް ޗާލީ ކަރކް މަރާލައިފިއެވެ. އޭނާ އަކީ މިއުންމަތުގެ މާތް ރަސޫލާ، މުހައްމަދުގެފާނަށްވެސް މަލާމާތްކޮށް ހަޖޫޖަހަމުން އެތައް ތަނެއްގައި އެތައްފަހަރަކު ވާހަކަވެސް ދައްކާފައިވާ މީހެކެވެ. އޭނާ މަރުވި އިރު އުމުރަކީ 31 އަހަރެވެ.

ދިވެހިރާއްޖޭގެ ގަޑިން ރޭ 01:00 އަށް (އެމެރިކާގެ ގަޑިން އިއްޔެ މެންދުރު 12:00 އަށް) ޗާލީ ދިޔައީ އޭނާ އަލަށް ފަށާފައިވާ "ދަ އެމެރިކަން ކަމްބެކް ޓުއަރ" ގެ ތެރެއިން ޔޫޓާ ވެލީ ޔުނިވަރސިޓީގެ ކެމްޕަހުގައި ބޭއްވުނު ހަރަކާތެއްގައި ތާއީދުކުރާ ފަރާތްތަކާ ބައްދަލުކުރަމުންނެވެ.

ހާދިސާ ހިނގީ އެތައް ހާސް ބައިވެރިން ތިބި އެއްވުމެއްގައެވެ. އެމެރިކާގައި ދެވޭ ހަމަލާތަކާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޗާލީ ޖަވާބުދޭން ފެށުމާއެކުގައެވެ. ކުއްލިއަކަށް އޭނާގެ ކަރަށް ވަޒަން އަމާޒުވެ، ކަރުން ލޭ ފައިބަން ފެށިއެވެ. ވަގުތުން ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ދިވެހިރާއްޖޭގެ ގަޑިން ފަތިހު 04:40 އަށް (އެމެރިކާގެ ގަޑިން އިއްޔެ އަސުރު ނަމާދު ވަގުތު) އޭނާ މަރުވިކަން އިޢުލާނު ކުރެވުނެވެ.

ޗާލީގެ މަރުގެ ޚަބަރު އެންމެ ފުރަތަމަ ހާމަކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ޗާލީއަކީ ޒުވާނުންގެ ވޯޓު ޓްރަމްޕަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ޒުވާން ސިޔާސީ އެކްޓިވިސްޓެކެވެ. އޭނާގެ ސޯޝަލް މީޑިއާ ފޮލޯވަރުންގެ އަދަދަށް ބަލާއިރު، ޓިކްޓޮކްގައި 7.3 މިލިއަން، އިންސްޓަގްރާމްގައި 7 މިލިއަން، އެކްސްގައި 5 މިލިއަން އަދި ޔޫޓިއުބްގައި 4 މިލިއަން ސަބްސްކްރައިބަރުން ތިއްބެވެ.

މި ހާދިސާއާ ގުޅިގެން ތިން މީހަކު ހައްޔަރުކުރެވުނު ނަމަވެސް، އެ ތިން މީހުންވެސް މިހާރު ވަނީ ދޫކޮށްލާފައެވެ. އަސްލު ގާތިލު އަދި ހައްޔަރުކުރެވިފައި ނުވާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ޗާލީއަކީ މެދުއިރުމަތީގެ ސިޔާސަތާ ގުޅޭގޮތުން އިސްރާއީލަށް ވަރަށް ބޮޑަށް ތާއީދުކުރާ އަދި ފަލަސްތީނުގެ ޙައްޤުގައި ކުރެވޭ މަސައްކަތްތަކަށް ފާޑުކިޔަމުން އައި ފަރާތެކެވެ. ފަލަސްތީނަކީ ވަކި ޤައުމެއްގެ ގޮތުގައި ޤަބޫލުނުކުރާކަމަށްވެސް އޭނާ ވަނީ ފާޅުގައި ބުނެފައެވެ. އަދި ލައިވް ޓީވީގައި، މި އުންމަތުގެ މާތް ނަބިއްޔާ އަކީ އިންސާނިއްޔަތަށް ހުރި ނުރައްކަލެއް ކަމަށާއި އެއްވެސް ކަމެއްގައި އެކަލޭގެފަނަކީ ނަމޫނާއެއް ނޫންކަމަށްވެސް މިކަލޭގެ ވަނީ ގޮވާލާފައެވެ. އަދި ގިނަ ސްޕީޗުތަކުގައި އިސްލާމްދީނަށް ފާޑުކިޔާ، މަލާމާތްކޮށް ފުރައްސާރަކޮށް އަދި ޖަދަލުކުރުމަކީ ޗާލީގެ އާއްމު ކަމެކެވެ.

މި ހާދިސާއަކީ އެމެރިކާގެ ސިޔާސީ މަޝްރަޙުގައި ބޮޑު ހިތާމައެއް ގެނުވި ހާދިސާއެކެވެ. އަދި ބިރުވެރިކަން އިންތިހާއަށް ފެތުރި، ސިޔާސީ މީހުންގެ ހިތްތަށް ބިރުން ރޫރޫ އަޅުވާލި ހާދިސާއެކެވެ. މީގެ ސަބަބުން އެމެރިކާގެ ސިޔާސީ ވެށީގައި އިތުރު ބަހުސްތަކާއި މަޝްވަރާތައް ކުރިއަށްދާނެކަމަށް ލަފާކުރެވެއެވެ.