ފްރެންޗް ކަޕް ފައިނަލްގައި ރޭ މޮނާކޯ 2-0 އިން ބަލިކޮށް ޕީއެސްޖީން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއީ ވޭތުވެދިޔަ ހަތް އަހަރު ތެރޭ ޕީއެސްޖީން އެ މުބާރާތް ކާމިޔާބުކުރި ހަވަނަ ފަހަރެވެ. އެ ޓީމަށް އެންމެ ފަހުން ފްރެންޗް ކަޕް ކާމިޔާބުނުކުރެވުނީ 2019 ވަނަ އަހަރުއެވެ. އެ ފަހަރުގެ ފައިނަލްގައި ރެނޭސް އިން ވަނީ ޕެނަލްޓީޖަހައިގެން ޕީއެސްޖީ ބަލިކޮށްފައެވެ. މީގެއިތުރުން، މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވަނީ ވެސް ޕީއެސްޖީންނެވެ. އެ ޓީމުން ވަނީ އެ މުބާރާތް 14 ފަހަރު ހޯދާފައެވެ.

ޕެރިހުގެ ސްޓެޑް ޑެ ފްރާންސްގައި ރޭ ކުޅުނު މި މެޗުގައި ކުރީން ލީޑްނެގީ ވެސް ޕީއެސްޖީންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި މޮނާކޯގެ ޑިފެންސްލައިނުން ހެދި ގޯހެއްގެ ފައިދާނަގައި މިލަނޑުޖަހައިދިނީ މައުރޯ އިކާޑީ އެވެ. މިއީ ކުރީން އެ ޓީމަށް ކުޅުނު ކިލިއަން އެމްބާޕޭ މުޅިން ހުސްކޮށްލާފައި ދިން ބޯޅައަކުން އިކާޑީ ކާމިޔާބުކުރި ގޯލެކެވެ.

ދެވަނަ ހާފުގެ މެދުތެރެއިން މޮނާކޯ އަށް ނަތީޖާ ހަމަހަމަކުރަން ރަނގަޅު ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. މެޗުގެ 69 ވަނަ މިނެޓުގައި އެ ޓީމުގެ ޖެލްސަން މާޓިންސް ނަގައިދިން ހުރަހަކުން ޕެނަލްޓީއޭރިޔާތެރެއަށް ހުރަސްވި ބޯޅަ ޕީއެސްޖީގެ ޑިފެންޑަރު އަބްދު ޑިއާލޯ ދިފާއުކުރަން ޖައްސާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑީގައި ޖެހިފައެވެ.

އޭގެފަހުން، މެޗު ނިމެން 10 މިނެޓަށްވެފައިވަނިކޮށް ޕީއެސްޖީގެ ފްރާންސް ފޯވާޑް އެމްބާޕޭ ވަނީ އެ ޓީމަށް ގޯލްޖަހައިދިނުމާއި ގާތަށް ޖެހިލައިފައެވެ. މޮނާކޯގެ ކީޕަރު ރަޑޮސްލާވް މަޔެކީ ގޯލް އޭރިޔާ ދޫކޮށް ކުރިއަށްއަރައި އޮއްވާ ގޯލާއި ގާތްގަނޑަކަށް 35 ޔާޑު ދުރުން ފޮނުވާލި ބޯޅަ ވެސް އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.

އޭގެ މިނެޓެއްފަހުން، އެމްބާޕޭ ވަނީ ޕީއެސްޖީގެ ދެވަނަ ލަނޑުޖަހައި، އެ ޓީމަށް ތަށި ޔަގީންކޮށްދީފައެވެ. މިއީ އެ ޓީމުގެ އާޖެންޓީނާ ވިންގާ އެންހެލް ޑި މާރިއާ ދިން ބޯޅައަކުން އެމްބާޕޭ ކާމިޔާބުކުރި ގޯލެކެވެ.

މިއީ މިދިޔަ ޖަނަވަރީ މަހު ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވި އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން އެ ޓީމު ހޯދި ދެވަނަ ތަށްޓެވެ. މިދިޔަ ޖަނަވަރީ މަހު އެ ޓީމުން ވަނީ މާސޭ ބަލިކޮށް ފްރެންޗް ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

މިހާތަނަށްއައިއިރު ޕީއެސްޖީން ދެ މުބާރާތް ކާމިޔާބުކޮށްފައިވީނަމަވެސް، މި ފަހަރުގެ ލީގު ހޯދުމުގައި އެ ޓީމަށް އަމިއްލަ ބާރެއް ނެތެވެ. ފްރެންޗް ލީގުގެ ފަހު މެޗަށް ކުރިމަތިލާއިރު އެ ޓީމު އޮތީ ތާވަލްގެ އެއްވަނައިގައި އުޅޭ ލިއްލެ އަށް ވުރެ އެއްޕޮއިންޓް ފަހަތުން ދެވަނައިގައެވެ.

ޕީއެސްޖީ އަށް ދެން އޮތީ ރަށުން ބޭރުގައި އަންނަ އާދީއްތަ ދުވަހު ބްރެސްޓްއާ ދެކޮޅަށް ކުޅޭ މެޗެވެ. ހަމަ އެ ދުވަހު ރަށުން ބޭރުގައި ލިއްލެ ނިކުންނާނީ އޭންޖާސްއާ ދެކޮޅަށެވެ. އެ މެޗުން ލިއްލެ އަށް މޮޅެއްނުހޯދި، ޕީއެސްޖީގެ މެޗު ކާމިޔާބުކޮށްފިނަމަ އެ ޓީމަށް ލީގު ލިބޭނެ އެވެ.