ޙަސަދައާއި އެސްފީނާ މިވަނީ މުޖުތަމަޢުގައި އާއްމުވެފައެވެ. މީހުންގެ ދިރިއުޅުން ހަލާކުކޮށްލާ މިންވަރަށް އާއްމުވެފައެވެ. އެހެން މީހަކަށް ނިޢުމަތެއް ލިބުމުން ކަމުނުދަނީއެވެ. އެކަމާ ނުރުހުންވަނީއެވެ. އެކަން 'ހަޖަމު' ނުވަނީއެވެ. އެ ނިޢުމަތެއް އެމީހެއްގެ އަތުން ބީވެގެން ދިއުމަށް އެދެނީއެވެ. ޙަސަދަވެރިވުމަކީ މިއެވެ. 

މީހަކަށް ޙަސަދަވެރިވުމުން އެ ނުރުހުންވެވެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ނިޔާކުރެއްވި ގޮތާ މެދުގައެވެ. އެކަލާނގެ މިންވަރުފުޅާމެދުގައެވެ. އެކި މީހުންނަށް ދެއްވާނީ އެކި ނިޢުމަތެވެ. އެކަމަށް ޖެހޭނީ ރުހޭށެވެ. ގަޟާ ގަދަރަށް ޖެހޭނީ އީމާންވާށެވެ. ތިމާއަށް މިންވަރު ކުރައްވާފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވާންވާނެއެވެ. އެހެން މީހަކަށް އުފަލެއް ނުވަތަ ނިޢުމަތެއް ލިބުނީތީ އެކަމާ އުފާކުރަންވާނެއެވެ. اللَّهُمَّ بَارِكْ ބުނަންވާނެއެވެ. ނޭނގިނަމަވެސް ތިމާގެ ފަރާތުން އެމީހަކަށް އެސްފީނާ ޖެހިދާނެތީ ނުވަތަ އެމީހަކަށް ޙަސަދަވެރި ވެވިދާނެތީ އެކަމާ ބިރުވެތިވާންވާނެއެވެ. އެކަމުން އަހަރުމެންގެ ހިތްތައް ދުރުކޮށްދެއްވުން އެދި ދުޢާކުރަންވާނެއެވެ. 

އެކި ކަންކަމާމެދު އެކިމީހުން ޙަސަދަވެރިވެއެވެ. ބައެއްގެ ވިޔަފާރި ކާމިޔާބުވެ ކުރިއަރާތީ އެކަން ހުއްޓުވާ އެމީހުން ބަގުރޫޓު ކުރުމަށެވެ. ކުއްޖަކު ރަނގަޅަށް ކިޔަވާތީ، ތަޢުލީމީގޮތުން ރަންވަނަތައް ހޯދާތީ، އެކުއްޖާގެ ކިޔެވުން ހަލާކުކޮށްލުމަށެވެ. ދެމަފިރިން އުފަލުގައި އުޅޭތަން ފެންނާތީ އެދެމީހުން ދުރުކުރުމަށެވެ. ކުޅިވަރެއްގައި ކުއްޖަކު މޮޅު ހުނަރެއް ދައްކާތީ އެކަމުން އެކުއްޖާ މަހުރޫމްކުރުމަށެވެ. އާއިލާއެއްް އެކުގައި، އެކުވެރިކަމާއި ސުލްޙަވެރިކަމާއެކު އުޅޭތީ އެކަން ނައްތާލުމަށެވެ. މިހެންގޮސް ކިތަންމެ ކަމަކަށެވެ. ކިތަންމެ ނިޢުމަތަކަށެވެ. ޙަސަދަވެރިވުމުގެ ނަތީޖާ ވަރަށް ނުރައްކަލެވެ. އޭގެ ސަބަބުން އިތުރު ބޮޑެތި ފާފަތަކަށް މަގުފަހި ކުރުވައެވެ. ޙަސަދަވެރިކަން އިންތިހާއަށްގޮސް، މީހުންގެ ދިރިއުޅުން ހަލާކުކުރުމަށް ސިޙުރުފަދަ ބޮޑެތި ފާފަތަކަށް އަރައިގަންނަކަމީ ފެންނަން އޮތް ހަޤީޤަތެވެ. 

ޙަސަދަވެރިވުމުން ދުރުހެލިވުމަށް އަހަރުމެންނަށް ކީރިތި ޤުރުޢާނުގައިވެސް އަންގަވާފައިވެއެވެ. 

"ތިޔަބައިމީހުންގެ ތެރެއިން އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު މާތްކުރައްވައި، މޮޅުކުރެއްވި ކަންތަކަށް ތިޔަބައިމީހުން ނޭދޭށެވެ! ފިރިހެނުންނަށްވެސް، އެއުރެން ހޯދި ކަމެއްގެ ޖަޒާ ވެއެވެ. އަދި، އަންހެނުންނަށްވެސް، އެކަނބަލުން ހޯދި ކަމެއްގެ ޖަޒާ ވެއެވެ. އަދި، اللَّه ގެ فضل ވަންތަކަމުގެ ތެރެއިން، (ދެއްވުމަށް) ތިޔަބައިމީހުން އެދޭށެވެ! ހަމަކަށަވަރުން، اللَّه އީ، ކޮންމެކަމެއްމެެ މޮޅަށް ދެނެވޮޑިގެންވާ ކަލާނގެ ކަމުގައިވެއެވެ." (4:32)

ޙަސަދަވެރިންނާއި ސިޙުރުވެރިންގެ ނުބައިކަމުން ރައްކާތެރިވުމާ ގުޅޭގޮތުންވެސް ކީރިތި ޤުރުޢާނުގައި ބަޔާންވެގެންވެއެވެ. 

"އަދި ގޮށްތަކަށްފުމޭ މީހުން (އެބަހީ: سحر ހަދާމީހުން) ގެ ނުބައިކަމުންވެސްމެއެވެ." (113:4)

"އަދި حسد ވެރިޔަކު حسد ވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ." (113:5)

މިކަމުންވެސް ދޭހަވަނީ މީހުންނަށް ޙަސަދަވެރިވުމުގެ ނުބައިކަމެވެ. މީހުންނަށް ޙަސަދަވެރިވުމުން ނިޢުމަތްތަކަށް ޝުކުރުވެރިނުއެވެއެވެ. ހިތް ކިލަނބުގެ ނުސާފުވެއެވެ. ރަނގަޅު، ހެޔޮ އެއްގޮތެއްވެސް ނޯވެއެވެ. ކޮންމެ ކަމަކުންވެސް ހިތްބުރަކަމާއި ހިތްހަމަނުޖެހުމެވެ. ދުވަހަކުވެސް އުފާވެރިކަމެއް، ހަމަޖެހުމެއް ލިބުމަކީ ދުރުގައިވާ ކަމެކެވެ. އެހެންކަމުން މީހުންނަށް ލިބޭ ނިޢުމަތްތަކަށް ޙަސަދަވެރިވުމުން ގެއްލި ޙަލާކުވާނީ ހަމަ ޚުދު ތިމާއެވެ.