ގައުމީ އިންޖީނިއަރުންގެ ދުވަހުގެ މުނާސަބަތުގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އިން ހުކުރުދުވަހު ހަވީރު އުސްފަސްގަނޑުގައި ބޭއްވި ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. މި ހަވީރުގައި ސްޓެލްކޯއިން ވަނީ ކުޑަކުދިންނާއި އެކުދިންގެ އާއިލާއާއެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށް، އިންޖިނިއަރިންގެ ދާއިރާއަށް ޝައުގުވެރިކަން އުފެދޭ ފަދަ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

ހުކުރު ދުވަހު ހަވީރު 4:00 އިން 6:00 އަށް އުސްފަސްގަނޑުގައި ކުރިއަށްދިޔަ މި ހަވީރުގައި، ސަރުކާރުގެ އެކި ކުންފުނިތަކުން ބައިވެރިވެ، ކުޑަކުދިންނަށް ހާއްސަ ތަފާތު ކުޅިވަރުތަކާއި ހަރަކާތްތައް ވަނީ ހުށަހަޅާފައެވެ. މިގޮތުން ސްޓެލްކޯއިން ވަނީ ކަރަންޓާއި، ފެނާއި ނަރުދަމާގެ ހިދުމަތް ދައްކުވައިދޭ ފުޅަނދާއެކު، އިންޖިނިއަރިން ދާއިރާއަށް ކުޑަކުދިންގެ ޝައުގުވެރިކަން އިތުރުކުރުމަށް މަގުފަހިކުރާ ގިނަ ކުޅިވަރުތަކެއް ތައާރަފުކޮށްފައެވެ.

ސްޓެލްކޯއިން ވިދާޅުވީ، މިފަދަ ހަރަކާތްތަކަކީ އަންނަން އޮތް ޖީލުތަކަށް އިންޖިނިއަރިންގެ މުހިންމުކަން އަންގައިދީ، މިދާއިރާއަށް ޝައުގުވެރި ކުރުވުމަށް ބާއްވާ ހަރަކާތްތައް ކަމަށެވެ. ނިމިދިޔަ މިނިވަން ދުވަހުގެ މުނާސަބަތުގައިވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔަ ފުޅަނދެއް ސްޓެލްކޯއިން ވަނީ ދައްކާލާފައެވެ. ކުޑަކުދިންގެ ހަވީރުގައިވެސް މިފަދަ ތަފާތު ހަރަކާތްތަކެއް ވަނީ ފެނިގެން ގޮސްފައެވެ.

އިންޖިނިއަރުންގެ ދުވަހާ ގުޅިގެން ބޭއްވި މި ކުޑަކުދިންގެ ހަވީރުގައި ބައިވެރިވުމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވަނީ ހުރިހާ ކުޑަކުދިންނަށް ދަޢުވަތު އަރުވާފައެވެ. މި ހަވީރުގެ މަގްސަދަކީ، އިންޖިނިއަރިން ދާއިރާގެ މުހިންމުކަން ރައްޔިތުންނަށް، ހާއްސަކޮށް ކުޑަކުދިންނަށް އަންގައިދިނުމާއި، މި ދާއިރާއާ ގުޅުންހުރި މަސައްކަތްތަކަށް ޒުވާނުން އަހުލުވެރި ކުރުވުމެވެ.