ގެދޮރުވެރިކަމާއި ބިނާވެށި ކުރިއެރުވުމުގެ ވުޒާރާއިން އިސްނަގައިގެން އިންޖިނޭރުންގެ ދުވަހާ ގުޅިގެން ބޭއްވި ޙާއްސަ ކުޑަކުދިންގެ ހަވީރުގައި ، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތަކުގެ މައިގަނޑު މަޤްޞަދަކީ އިންޖިނިއަރިންގ ދާއިރާއަށް ޒުވާނުންނާއި ކުޑަކުދިން އަހުލުވެރިކުރުވުމާއި، އެ ދާއިރާގެ މުހިންމުކަން ރައްޔިތުންނަށް އަންގައިދިނުމެވެ.
މިގޮތުން، ހުކުރުދުވަހު ހަވީރު 4:00 ގައި މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ބޭއްވުނު ކުޑަކުދިންގެ ހަވީރުގައި އެޗްޑީސީން ވަނީ ހާއްސަ ސްޓޯލެއް ބަހައްޓާފައެވެ. މި ސްޓޯލުގައި ބްރިޖް އަދި ސަރވޭ އާލާތްތައް ދެއްކުމުގެ އިތުރުން، ސްމާޓްކޮމް ޓަވަރުގެ މަޢުލޫމާތު ކުޑަކުދިންނާ ހިއްސާކޮށްފައިވެއެވެ. އަދި، ތަފާތު އެކި ގޭމްތަކުގެ ޒަރީއާއިން އިމާރާތްކުރުމާއި އިންޖިނިއަރިންގ އާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، ކޮމްޕިއުޓަރު އެސެންބަލްކުރުމާއި ހައިޑްރޯލިކް ވޯޓަރޕަވަރ ޖޭސީބީ އާ ގުޅޭ ހަރަކާތްތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މިމަހުގެ 11 ވަނަ ދުވަހު ހުޅުމާލޭގެ މަތީ ސާނަވީ ފަސް ސްކޫލެއްގެ 32 ދަރިވަރުންނަށް އަމާޒުކޮށްގެން އެޗްޑީސީން ވަނީ ޚާއްސަ ޓުއަރއެއްވެސް ކުރިއަށް ގެންގޮސްފައެވެ. މި ޓުއަރގައި އެޗްޑީސީން ކުރަމުންދާ އެކިއެކި މަސައްކަތްތައް ދަރިވަރުންނަށް ދައްކައި، އެ މަސައްކަތްތަކުގެ މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ.
އެޗްޑީސީން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ޓުއަރގެ މައިގަނޑު މަޤްޞަދަކީ އެ ކުންފުނިން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާއި، އިންޖިނިއަރިންގ ދާއިރާގެ މަސައްކަތްތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ސްކޫލު ދަރިވަރުން މި ދާއިރާއަށް އަހުލުވެރިކުރުވުމެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް އިންޖިނޭރުންގެ ދައުރު މުހިންމުވެފައިވާ މި ދަނޑިވަޅުގައި، މި ދާއިރާއަށް ޒުވާނުން އަހުލުވެރިކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކުގައި އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
