ފަލަސްޠީނުގެ މައްސަލަ ސުލްޙަވެރިކަމާއެކު ޙައްލުކުރުމާއި، ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމާގުޅޭ ޤަރާރު ކަމަށްވާ "ނިއުޔޯކް ޑެކްލެރޭޝަން އޮން ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްތީން އެންޑް ދަ އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަން" ފާސްކުރުމަށް ދިވެހިރާއްޖެއިން ވަނީ ތާއިދުކޮށްފައެވެ.

މި ޤަރާރު ބަލައިގެންފައިވަނީ އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ދެވަނަ ޕްލެނަރީ ޖަލްސާގައެވެ. "ނިއުޔޯކް ޑެކްލެރޭޝަން" އަކީ، މި އަހަރުގެ ޖުލައި މަހުގެ 28 އިން 30 އަށް ސަޢޫދީ ޢަރަބިއްޔާ އާއި ފަރަންސޭސިވިލާތުގެ ރިޔާސަތުގެ ދަށުން އ.ދ. ގައި ބޭއްވި ހައި ލެވަލް އިންޓަރނޭޝަނަލް ކޮންފަރެންސް ފޮރ ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްތީން އެންޑް ދަ އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަން ގެ ނަތީޖާ ޑޮކިއުމަންޓެކެވެ.

މިއަދު ބޭއްވުނު އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ދެވަނަ ޕްލެނަރީ ޖަލްސާގައި މި ޤަރާރު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި ޤައުމުތަކުގެ ތެރެއިން 142 ޤައުމުގެ ތާއީދާއެކުގައެވެ. ޤަރާރާ ދެކޮޅަށް 10 ޤައުމުން ވޯޓުދީފައިވާއިރު، 12 ޤައުމަކުން ވަކިކޮޅަކަށް ވޯޓުދޭން ބޭނުންނުވާކަމަށް ވަނީ ކަނޑައަޅާފައެވެ.

މި ޑެކްލަރޭޝަންގައި ގޮވާލާފައިވަނީ ފަލަސްޠީނުގެ މައްސަލައަށް އިންސާފުވެރި، ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށާއި، ފަލަސްޠީނުގައި މިނިވަން، އިޤްތިޞާދީ ގޮތުން ދެމެހެއްޓެނިވި އަދި ޑިމޮކްރެޓިކް ދައުލަތެއް ބިނާކުރުމަށެވެ. މިކަމުގެ ސަބަބުން ބައިނަލްއަޤުވާމީ އުސޫލުތަކާއި، ސަރައްހައްދީ ސަލާމަތާއި، އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމާއި، އަމިއްލައަށް ކަންކަން ނިންމުމަށް ޤައުމުތަކަށް ލިބޭ ޙައްޤު އިތުރަށް ހަރުދަނާ ވެގެންދާނެކަމަށް އުންމީދު ކުރެވެއެވެ.

ޢަރަބި ލީގުން މި ޤަރާރަށް މީގެ ކުރިން ތާއީދުކޮށްފައިވާއިރު، މިދިޔަ ޖުލައި މަހުގެ ތެރޭގައި އދ.ގެ މެންބަރު 17 ޤައުމަކުން އެ ޤަރާރުގައި ސޮއިކޮށްފައިވެއެވެ. މި ޤަރާރު ބަލައިގަންނަން ފާސްކޮށްފައި މި ވަނީ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެމެރިކާގެ ނިއު ޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ.ގެ ޢާންމު ބައްދަލުވުމުގެ ކުރިންނެވެ. މި ބައްދަލުވުމުގައި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަންނާނެ ކަމަށް ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެޚްރޮން ވަނީ އިޢުލާނު ކުރައްވައިފައެވެ. އޭގެ އިތުރުން، މޮލްޓާ، ކެނެޑާ، އިނގިރޭސިވިލާތް، އަދި ބެލްޖިއަމުން ވެސް ވަނީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފައެވެ. މި ތާއީދުތަކާއެކު ފަލަސްޠީނުގެ ރައްޔިތުންނަށް މިނިވަންކަމާއި އަމާންކަން ލިބިގެންދާނެކަމަށް ގިނަ ބަޔަކު އުންމީދު ކުރެއެވެ.