ޑަކްޓަރުންނަށް ދެއްކުމަކީ ބައެއްފަހަރު އެކަމުގައި ވަރަށްބޮޑަށް ކެތްތެރިވާން ޖެހޭ ކެމެކެވެ. އެތައް ބައިވަރު ބަލިމީހުން ތިބޭ އިރު، ޑަކްޓަރަށް ދެއްކުމުގައި ވަރަށް ގިނައިރު ހޭދަކުރަން ޖެހެއެވެ. މުޅި ދުނިޔޭގައިވެސް މިކަން އޮތީ މިހެނެވެ. ނަމަވެސް ބައެއް މީހުންނަށް އިރުކޮޅަކުވެސް މަޑުކޮަށްލުމީ އެމީހުންގެ ރުޅި އިންތިހާއަށް ގަދަވެގެން ދާކަމެކެވެ.
އިންޑިޔާގެ ގުޖުރާތުގައި ހުންނަ ހޮސްޕިޓަލެއްގައި ޑަކްޓަރަށް ދެއްކުން ލަސްވެ، މަންމައަކު ރިސެޕްޝަނުގެ ކޮންޕިއުޓަރު އެއްލާލައިފިއެވެ. އޭނާގެ 11 މަހުގެ ކުޑަ ދަރިފުޅު ގޮވައިގެން ޑަކްޓަރަށް ދައްކަން ދިޔައީ ހުން އައިސް ގެންނެވެ. ޑަކްޓަރަށް ދެއްކުމުގެ ކުރިން، ހުން ބަލާ، ޓްރައޭޖް ކުރިއިރު، އެކުއްޖާއަށް ލިބުނީ ގްރީން ޒޯނެވެ. މާނައަކީ އެމެޖެންސީ އަކަށް ނުވިއެވެ. އަދި އެކުއްޖާ ދައްކަން ޖެހުނީ އޯ.ޕީ.ޑީ އުސޫލުން ޑަކްޓަރު ކޮޓަރިއަށް ގޮސްގެންނެވެ. އޭރު އެ ކުއްޖާގެ ކުރިއަށް 17 ކުދިން ޑަކްޓަރަށް ދައްކަން ތިއްބެވެ.
އުމުރުން 31 އަހަރުގެ އެ މަންމަ، ކުއްޖާ ގޮވައިގެން ޑަކްޓަރަށް ދައްކަން ގޮސް، ގާތްގަނޑަކަށް 2 ގަޑިއިރު ހޭދަކުރަން ޖެހުނެވެ. ލަސްވަމުން ދާތީ އަވަސްކޮށްދިނުމަށް ތަކުރާރުކޮށް އެ މަންމަ ދިޔައީ ރިސެޕްޝަނުގައި އެދެމުންނެވެ. އެހެންނަމަވެސް އުސޫލާ އެއްގޮތަށް ތަރުތީބުން ޑަކްޓަރު ބަލިމީހުން ބައްލަވަމުން ގެންދަވާނެ ކަމަށް ރިސެޕްޝަނުގައި އިން ކުއްޖާ ދިޔައީ ބުނަމުންނެެވެ.
ނަމަވެސް އެމަންމަ އެކަމާ ދެކޮޅުހަދާ ރުޅި އިސްކޮށް އަޑުގަދަ ކުރަން ފެށިއެވެ. އަދި އިރުކޮޅެއްނުވެ، ރިސެޕްޝަނުގައި ހުރި ކޮމްޕިރުޓަރުގެ މޮނީޓަރު ނަގާ ބިއްމައްޗަށް އެއްލާލުމަށްފަހު ވަނީ ހޮސްޕިޓަލުން ނުކުމެގެން ގޮސްފައެވެ. އެ ހޮސްޕިޓަލުން ވަނީ މި މައްސަލަ ޕޮލިހަށްވެސް ހުށަހަޅާފައެވެ.
ޑަކްޓަރަށް ދެއްކުން ލަސްވެގެން ޝަކުވާ ކުރުމާ ޒުވާބުކޮށް އަޑުގަދަ ކުރުމަކީ ރާއްޖޭގައިވެސް ހިނގާ ކަންކަމެވެ. ނަމަވެސް މިކަންކަމުގައި ބުއްދިއާއި ވިސްނުން އިސްކޮށް އިންސާނިއްޔަތުގެ އިހުސާސް ހަގީގަތުގައި ކުރަންވާނެއެވެ. ދެންވެސް ތިބޭނީ ބަލިމީހުންނެވެ. ތިމާވެސް ބައްޔެވެ. ނުވަތަ ތިމާގެ ދަރިފުޅުވެސް ބައްޔެކެވެ. ޑަކްޓަރަށް ދެއްކުމުގައި ތަރުތީބެއްވެސް އުސޫލެއްވެސް އަދި ހަމައެއްވެސް އޮތުން މުހިއްމެވެ. ހަމައެއްލަމައެއް ނެތް ތަނަކު، އެއްވެސް މަސްލަހަތެއް ނުހުންނާނެއެވެ. ބަލިމީހުނަށް ފަރުވާދޭ ތަންތަނުގައި، އެތަންތަނުން ފަރުވާދޭ ނުވަތަ ފަރުވާ ހޯދާ ކޮންމެ ބަލިމީހެއްގެ މަސްލަހަތު އެތަންތަނުން ހިފަހައްޓާނެއެވެ. ރުޅިގަދަ މީހާ ނުވަތަ އަޑުގަދަ މީހާގެ ބަސް އިންސާނީ ހިދުމަތްދޭ ތަންތަނުގައި ނުވިކުމަކީ އެކަށީގެންވާ ކަމެކެވެ. އެހެނީ ތަފާތުކުރުމެއް ނެތި ހަމަމަ ކަމާއެކު ބަލިމީހުނަށް ފަރުވާދިނުމަކީ އިންސާނީހިދުމަތުގެ އަސާސީ ސިފައެއް ކަމުގައި ވުމެވެ.
