ބިންވެރިޔާ ސްކީމްގެ ދަށުން، ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކާ ބިންތައް ޙަވާލުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ފަށާފައިވަނީ އިމާރާތްކުރުމާއު ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިމަހުގެ 3 ވަނަ ދުވަހު ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިން ސާފުކޮށް، އިންވަކިކުރުމުގެ މަސައްކަތް ފެށުމަށްފަހުގައެވެ.

މިގޮތުން، ގޯތި ޙަވާލުކުރުމުގެ ފުރަތަމަ ފިޔަވަހީގެ ގޮތުން، އާދިއްތަ ދުވަހު ގުޅިފަޅަށް ބިންވެރިފަރާތްތައް ގެންގޮސް، އެމީހުންގެ ގޯތިތައް ވަނީ ޙަވާލުކުރަން ފަށާފައެވެ. އިމާރާތްކުރުމާއު ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވީ ގުޅީފަޅުގައި ކޮންސްޓްރަކްޝަން ސައިޓްތަކެއްގެ ގޮތުގައި ވަގުތީގޮތުން ދޫކޮށްފައިވާ ބިންތައް ހުސްކުރުމުން އެބިންތައް ހިމެނޭ ސަރަޙައްދުތަކުގައި ހިމެނޭ ގޯތިތައްވެސް ހަވާލުކުރަމުން ގެންދާނެކަމަށެވެ.

 

 

ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ގުޅިފަޅުން ގޯތި ދިނުމަށްޓަކައި މިމަހުގެ 3 ވަނަ ދުވަހާއި ހަމައަށް 1260 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ވަނީ ޙަވާލުކުރައްވާފައެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ އަމާޒަކީ ގޯތި ލިބުނު ހުރިހާ ފަރާތްތަކަށް ވީހާވެސް އަވަހަކަށް ގޯތިތައް ދޫކޮށް ނިންމާލުމެވެ.

ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ލިބުނު ގޯތީގެ ގުރުއަތު އަލުން ނަގާފައިވަނީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލަކާއި ގުޅިގެންނެވެ. މި ބަދަލާއެކު ގުޅިފަޅުގައި ސޯޝަލް ހައުސިންގއަށްވެސް ބޮޑު ސަރަޙައްދެއްވަނީ ކަނޑައަޅާފައެވެ. އަދި އެސަރަޙައްދަށް ދިރިއުޅުން ބަދަލުކުރާ ފަރާތްތަކަށް ބޭނުންވާނެ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށްޓަކައި ބޭނުންވާނެ ބިންތައްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ސްކޫލްތަކާއި ސިއްޙީ ޚިދުމަތާއި އިންޑަސްޓްރިއަލް މަސައްކަތްކުރުމަށާއި، ސިޓީ ހޮޓާ ތަރައްޤީކުރުމަށްވެސް އެކި ސަރަޙައްދުތައްވަނީ ކަނޑައަޅާފައެވެ.

ހަމައެއާއެކު، އެސަރަޙައްދަށް ދިރިއުޅުން ބަދަލުކުރާ ފަރާތްތަކަށް ހިތްގައިމު މާޙައުލެއް ޤާއިމުކުރުމަށްޓަކައި އާންމު އިޖުތިމާޢީ އެކި ސަރަޙައްދުތަކާއި ހިތްފަސޭހަ މައިޒާންތަކާއި ޕާކުތައް ތަރައްޤީކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. މިއީ ގުޅިފަޅަކީ ހަމައެކަނި ރަށެއްގެ ގޮތުގައި ނޫންކަމަށް ދިރިއުޅުމަށް ފަސޭހަ، ފުރިހަމަ މުޖުތަމަޢުއެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކެކެވެ.