ނޫސްވެރީންނަށް ޚަބަރާއި މަޢުލޫމާތު ހޯދުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޤާއިމުކޮށްފައިވާ "މީޑިއާ ފެންޑާ" އުވާލައިފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ، އެތަން އުފެއްދި ހަޤީޤީ ބޭނުން އެތަން ހުޅުވީއްސުރެ މި ފާއިތުވީ ތިން މަސް ދުވަހުވެސް ހިފަމުން ނުދާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.
މީޑިއާ ފެންޑާއަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިނގާ ކަންކަމާއި، އެ ސަރަޙައްދުގައި ހިމެނޭ ސަރުކާރު އޮފީސްތަކުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ހޯދައި، މީޑިއާ ކަވަރޭޖް ހަދަން ނޫސްވެރީން ތިބުމަށް ޚާއްޞަކޮށްގެން، 2025 ވަނަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހު ޤާއިމުކޮށްފައިވާ ތަނެކެވެ. އެ ތާރީޚުގައި، މީޑިއާ ފެންޑާ ބޭނުންކުރުމުގައި ޢަމަލު ކުރަންވީ އުޞޫލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި ޢާއްމުކޮށް، އެ އުޞޫލުގެ ދަށުން އެތަން ބޭނުންކުރުމުގެ ރަސްމީ ހުއްދަވެސް ވަނީ ރާއްޖޭގެ މީޑިއާތަކުން ކަނޑައެޅި ނޫސްވެރީންނަށް ދޫކޮށްފައެވެ.
ނަމަވެސް، ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މީޑިއާ ފެންޑާ ބޭނުންކުރުމުގެ ހުއްދަ ހޯދާފައި ނުވާ ބަޔަކު ނޫސްވެރީންގެ ނަމުގައި އެތަނަށް ވަދެ، ބޭނުންކުރުމުގެ އުޞޫލުތަކާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ހިންގަމުން ދިޔައެވެ. މިކަމުގެ ސަބަބުން، ހުއްދަ ނަގާފައިވާ ނޫސްވެރީންނަށް އެ ތަނުގައި ތިބެ ޚަބަރާއި މަޢުލޫމާތު ހޯދުމުގެ މަސައްކަތް އެއްގޮތަކަށްވެސް ނުކުރެވޭކަމުގެ ޝަކުވާތައް ވަނީ ކުރިމަތިވެފައެވެ.
އަދި ގްރީންޒޯންގައި ހުންނަ މި ތަނުގައި ޢާއްމު މަޞްލަޙަތު ގެއްލޭ، އަދި ޢާއްމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ހިންގަމުން ދިއުމުގެ ސަބަބުން، އެ ސަރަޙައްދުގައި ހުންނަ ސަރުކާރުގެ އޮފީސްތަކަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށްވެސް ދަތިތަކާ ކުރިމަތިވަމުން ދިޔަކަން ރައީސް އޮފީހުން ފާހަގަކުރިއެވެ. ހުއްދަ ނުނަގާ ބަޔަކު މީޑިއާ ފެންޑާއަށް ވަދެ، އެތަނުގައި ޚަބަރާއި މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރަން ހުރަސް އަޅައި، ގްރީންޒޯންގެ ނިޒާމު ގެއްލޭގޮތަށް ޢަމަލުކުރަމުން ދިއުމަކީ، މީޑިއާ ފެންޑާ ބޭނުންކުރުމަށް ކަނޑައަޅައި ޢާއްމުކޮށްފައިވާ އުޞޫލުގެ ބައެއް މާއްދާތަކާ ޚިލާފު ޤާނޫނީ ކުށެއް ކަމަށްވެސް އެ އޮފީހުން ވަނީ ބުނެފައެވެ.
މިހާލަތުގައި މީޑިއާ ފެންޑާ އުފެއްދި ބޭނުން އެތަން ހުޅުވީއްސުރެ މި ފާއިތުވީ ތިން މަހެއްހައި ދުވަހުވެސް ހިފަމުން ނުގެންދާތީ، މި ސަރަޙައްދުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ކަވަރުކުރުމުގެ އިންތިޒާމު އެކަމަށް ބޭނުންވާ ނޫސްވެރީންނަށް އެހެން ގޮތަކަށް ހަމަޖައްސައިދިނުމަށްޓަކައި، މިއަދުން ފެށިގެން މީޑިއާ ފެންޑާ އުވާލައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރި އިއުލާނެއްގައި ވަނީ ބުނެފައެވެ.
