ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްޞަކޮށްގެން ދޫކުރާ ލުއިލޯނަށް އެދުމުގެ ފުރުޞަތު ކުރިއަށް އޮތް ދެ ހަފުތާތެރޭގައި ހުޅުވައިލައްވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވަޢުދެކެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ، މެނިފެސްޓޯގައި ހިމެނޭ ވަޢުދު ތަކުގެ ތެރެއިން ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްޞަކޮށްގެން ދޫކުރާ ލުއިލޯނު ސްކީމެއް ހުޅުވާލުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް މިހާރު ނިމުމަކާ ހަމަޔަށް ގޮސްފައިވާ ކަމަށެވެ.

މި ލޯނު ސްކީމްގެ މަޤްޞަދަކީ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށް ރައީސުލްޖުމުހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިލޯން ސްކީމް ފަރުމާކުރުމަށް ނިންމަވާފައިވަނީ ވަރަށް ގިނަ ދާއިރާތަކަށް ފުރުސަތު ލިބޭ ގޮތަށެވެ. އެގޮތުން، މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، މުނިފޫހިފިލުވުމުގެ ދާއިރާގެ އިތުރަށް ސޭލްސްއާއި މާކެޓިންއަށް ޚާއްޞަ ކޮންޓެންޓްގެ ދާއިރާއަށް ވެސް މި ލޯނުގެ ފައިދާ ކުރާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.

މި ހުރިހާ ދާއިރާތައް ހިމެނޭގޮތަށް، ކުރިއަށް އޮތް 2 ހަފްތާ ތެރޭގައި މި ލޯނު ސްކީމަށް އެދުމުގެ ފުރުސަތު ހުޅުވާލުމަށް އަންގަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ފިޔަވަޅަކީ ރާއްޖޭގެ ޒުވާން ކޮންޓެންޓް ކްރިއޭޓަރުންނަށް އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.