ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާ އަދާކުރާއިރު މޫނުބުރުގާ އެޅުމަށް ހުއްދަވާ ގޮތަށް، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު އިސްލާހުކޮށް ގެޒެޓުކޮށްފިއެވެ. މިއީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް ގެނެވުނު 13 ވަނަ އިސްލާހެވެ.
ސިވިލް ސަރވިސް ކޮމިޝަނުން މި ގެނައި އިސްލާހަކީ ގަވާއިދު ނަންބަރު 311R2014/ (ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014) އަށް ގެނެވުނު އިސްލާހެކެވެ. "ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 އަށް 13 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު" ގެ ނަމުގައި ގެޒެޓުކުރެވިފައިވާ މި އިސްލާހުގައި ވަނީ، ގަވާއިދުގެ 145 ވަނަ މާއްދާގެ (ހ) އަށް އަންނަނިވި ގޮތަށް އިސްލާހު ގެނެސްފައެވެ:
"ޢާންމު އުޞޫލުތައް. 145 (ހ). ސިވިލް ސަރވިސްގެ މުވައްޒަފުން ޚިދުމަތް ދިނުމުގައި ތިބެންވާނީ އެކަށީގެންވާ ހެދުމެއްގައެވެ. އަދި އެ ޚިދުމަތުގެ ގޮތުން ކާކުކަން އެނގޭންޖެހޭ ފަދަ ޚިދުމަތެއް ދޭ މުވައްޒަފުން، އެ މުވައްޒަފުގެ ނަމާއި، މަގާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގު ބޭނުންކުރަންވާނެއެވެ."
މި އިސްލާހާއެކު، ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން މޫނުބުރުގާ އަޅަން ބޭނުންވާ ހުރިހާ މުވައްޒަފުންނަށް ވަޒީފާގެ މާހައުލުގައި މޫނުބުރުގާ އެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފައެވެ. މި އިސްލާހަކީ ވަޒީފާގެ މާހައުލުގައި އެހާ ބޮޑު ތަފާތެއް ނާންނާނެ އިސްލާހެއް ކަމަށް ބެލެވެއެވެ. އެހެނީ، ޚިދުމަތް ދިނުމުގައި ކާކުކަން އެނގޭންޖެހޭ ހާލަތްތަކުގައި، ކާޑު ނުވަތަ ޓެގު ބޭނުންކުރުމުން އެ މުވައްޒަފަކީ ކާކުކަން ވަރަށް ފަސޭހައިން ދެނެގަނެވޭނެއެވެ.
މި އިސްލާހުގެ ސަބަބުން، އިސްލާމީ ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖޭގައި އިސްލާމީ އުސޫލުތަކަށް ފައްތާފައިވާ ވަޒީފާގެ މާހައުލެއް ޤާއިމުކުރުމަށް މަގުފަހިވެ، ހަމަހަމަ ފުރުސަތުތައް ފަހިވާނެކަމަށް ގިނަ ބަޔަކު ދެކެއެވެ. މިއީ ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުސްލިމް އަންހެން މުވައްޒަފުންގެ ދީނީ މިނިވަންކަމަށް އިތުރު ބާރެއް ލިބިގެންދާނެ މުހިންމު ފިޔަވަޅެކެވެ.