އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ބާންލީ އަތުން 3-0 އިން ހޯދީ މޮޅާއެކު އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން ގަދަ ހަތަރަކުން ފުރުޞަތު ހޯދައިފިއެވެ.
މިއީ މިދިޔަ ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ފަހުން ލިވަޕޫލު ގަދަ ހަތަރެއްގައި ހިމެނުނު ފުރަތަމަ ފަހަރެވެ.
ރޭގެ މެޗުތަކަށްފަހު ލިވަޕޫލް އޮތީ 37 މެޗުން ހޯދީ 66 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. ހަމަ މި އަދަދަށް ޕޮއިންޓް ލިބިފައިވާ ލެސްޓާ ސިޓީ އޮތީ ފަސްވަނައިގައެވެ. ލިވަޕޫލަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް ޗެލްސީ އަށް 37 މެޗުން ލިބިފައިވަނީ 67 ޕޮއިންޓެވެ.
ބާންލީގެ ޓާފް މޫރ ގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ޖެހި ހަމައެކަނި ލަނޑު، ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ އެވެ. މިއީ އެ ޓީމުގެ ސްކޮޓްލެންޑް ފުލްބެކް އެންޑީ ރޮބަޓްސަން ތަނަވަސްކުރި ފުރުޞަތަކުން ފިރްމީނޯ ކާމިޔާބުކުރި ގޯލެކެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތްވަނަ މިނެޓުގައި ސެނެގޯލްގެ ފޯވާޑް ސަޑިއޯ މާނޭ ޖައްސާލި ބޯޅައަކުން ލިވަޕޫލްގެ ދެވަނަ ލަނޑުޖަހައިދިނީ މެޓް ފިލިޕްސް އެވެ. މި މެޗުގައި ލިވަޕޫލުން ޖެހި ފަހު ލަނޑު، މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އިނގިރޭސި މިޑްފީލްޑަރު އަލެކްސް އޮކްސްލޭޑް-ޗެމްބަލެއިން އެވެ.
މި މުބާރާތުގައި ރޭ ކުޅުނު މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ވެސްޓް ހޭމް ޔުނައިޓެޑުން ވަނީ ރަށުން ބޭރުގައި 3-1 އިން ވެސްޓް ބްރޮމް ބަލިކޮށް ޔޫރަޕްގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލާފައެވެ. އެސްޓަން ވިލާ އަތުން އަމިއްލަ ދަނޑުގައި 2-1 އިން ބަލިވެ ޓޮޓެންހަމް ހޮޓްސްޕާ އިން ޔުރޮޕާ ލީގަށް ކޮލިފައިވުމަށް ދެކެމުންއައި ހުވަފެންތަކަށް ހުރަސްއެޅިފައިވާއިރު އާސެނަލުން ވަނީ ރަށުން ބޭރުގައި 3-1 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފައެވެ. އެވަޓަން ކުޅުނު މެޗުގައި ގުޑިސަން ޕާކްގައި އެ ޓީމުން ވަނީ 1-0 ގެ ހަނި ނަތީޖާއަކުން ވުލްވްސް އަތުން މޮޅުވެފައެވެ.
ލީގުގައި ލިވަޕޫލަށް ދެން އޮތީ އަންނަ އާދީއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޕެލަސްއާ ބައްދަލުކުރާ މެޗެވެ. ހަމަ އެ ދުވަހު ކުޅޭ ފާހަގަކޮށްލެވޭ އެހެން މެޗުތަކަށް ބަލާއިރު ރަށުން ބޭރުގައި އެސްޓަން ވިލާއާ ދެކޮޅަށް ޗެލްސީ ނިކުންނައިރު ލެސްޓާ އިން އަމިއްލަ ދަނޑުގައި ނިކުންނާނީ ޓޮޓެންހަމްއާ ދެކޮޅަށެވެ.
