ރާއްޖޭގައި އީކޮމާސްއާއި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ދުނިޔޭގެ އެންމެ ބޮޑު އެއް އީކޮމާސް ޕްލެޓްފޯމު ކަމަށްވާ އަލިބާބާއާ ގުޅިގެން ބާއްވާ ޚާއްސަ ވޯކްޝޮޕް ފަށައިފިއެވެ. ބާސެލޯ ނަސަންދުރާގައި އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ވޯކްޝޮޕްގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން 700 އަށްވުރެ ގިނަ ފަރާތުން އޮންލައިންކޮށް ބައިވެރިވެފައިވެއެވެ.

މި ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ ދިވެހި ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި އޮންލައިން ވިޔަފާރީގެ ދޮރުތައް ހުޅުވައިދިނުމެވެ. އަލިބާބާ ޕްލެޓްފޯމުގެ މަތީ ފަންތީގެ ފަރާތްތަކުން މަޢުލޫމާތު ދެމުންދާ މި ވޯކްޝޮޕްގައި، ސެލަރ އެކައުންޓު ހުޅުވުމާއި، ދިވެހިންގެ އުފެއްދުންތައް އަލިބާބާގައި އިސްތިހާރުކޮށް ވިއްކުމަށް މަގުފަހިކުރުމުގެ އިތުރަށް، އޭއައި މެދުވެރިކޮށް އެންމެ ފަހުގެ ޓްރެންޑުތައް ދެނެގަންނާނެ ގޮތްތައް ކިޔައިދެމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މިކަމުގެ ސަބަބުން އަލިބާބާގެ ވެބްސައިޓުގައި އޮންލައިންކޮށް މުދާ ވިއްކާ އަދި އެކި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދިވެހި ވިޔަފާރިތަކަށް ބޮޑު މަގުފަހިވުމަކަށް ވާނެއެވެ.

މީގެ އިތުރުން ވޯކްޝޮޕްގައި، ވިއްކާ މުދަލަކަށް ނުވަތަ ދޭ ޚިދުމަތަކަށް އަގު ހޯދޭނެ ގޮތްތައް މާލީ އިދާރާތައް މެދުވެރިކޮށް ކިޔައިދެވޭނެއެވެ. އަދި މުދާ ފޮނުވުމަށް ނުވަތަ ޕޯސްޓް ކުރުމަށް ހުރި ފުރުސަތުތަކުގެ މަޢުލޫމާތު މޯލްޑިވްސް ޕޯސްޓުގެ ފަރާތުން މި ބައްދަލުވުމުގެ ތެރެއިން ހިއްސާކުރާނެ ކަމަށްވެސް އެ ވުޒާރާއިން ހާމަކުރައްވައެވެ.

ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ ޤައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތަ އަކީ ކްރިއޭޓިވް އިންޑަސްޓްރީ ނުވަތަ އުފެއްދުންތެރިކަމުގެ ސިނާޢަތް ކަމުގައި ހެދުމެވެ. މިކަން ހާސިލްކުރުމަށް، ދިވެހި އުފެއްދުންތައް ބައިނަލްއަޤްވާމީ މާކެޓުތަކަށް އެކްސްޕޯޓު ކުރުން މުހިންމުކަން ސަރުކާރުން ފާހަގަކުރައްވައެވެ.

އަލިބާބާއަކީ ދުނިޔޭގެ 200 އަށްވުރެ ގިނަ ޤައުމަށް ޚިދުމަތް ދެމުންދާ، ދުނިޔޭގެ އެންމެ ބޮޑު އެއް އީކޮމާސް ޕްލެޓްފޯމެވެ. މި ޕްލެޓްފޯމުގައި ޚިދުމަތާއި މުދާ ވިއްކުމަށް އެކަނިވެސް 40 މިލިއަން މީހުން ރަޖިސްޓްރީ ކޮށްފައިވާ އިރު، ދުވާލެއްގެ މައްޗަށް 400,000 އަށްވުރެ ގިނަ އުފެއްދުންތަކުގެ މަޢުލޫމާތު އެކި ފަރާތްތަކުން ހޯދައެވެ. 5900 އަށްވުރެ ގިނަ ބާވަތުގެ މުދާ ވިއްކަމުންދާ އަލިބާބާއަކީ، ދިވެހިރާއްޖޭގެ އެކި ފަންތީގެ ވިޔަފާރިތަކަށް، ވިޔަފާރި ފުޅާކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށް ސަރުކާރުން ދެކެއެވެ.