މުރަނގަތޮޅިއަކީ ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް ފަސޭހައިން ލިބޭ އަދި ކޮންމެ ތަނެއްގައިވެސް ފަސޭހައިން ހެއްދޭ އެއްޗެކެވެ. ސިއްޙީ އެތައް ފައިދާއެއް އެކުލެވިގެންވާ މުރަނގަތޮޅިއަކީ އަނގައަށްވެސް މީރު ތަރުކާރީއެވެ. ރާއްޖޭގައި އެންމެ އާންމުކޮށް މުރަނގަތޮޅި ބޭނުންކުރަނީ ރިހަ ކެއްކުމަށެވެ.

މި ލިޔުމުގައި މި ބަލައިލަނީ މުރަނގަތޮޅިން ލިއްބައިދޭ ބައެއް ފައިދާތަކަށެވެ.

* ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ

ޤަވާއިދުން މުރަނގަތޮޅި އަދި މުރަނގަ ފަތް ބޭނުންކުރާނަމަ ކެންސަރު ޖެހުމުގެ ފުރުސަތު 80 ޕަސެންޓު ކުޑަކޮށްދެއެވެ. އަދި އުރަމަތީގެ ކެންސަރުގެ ޝިކާރައަކަށް ވެފައި ތިބި އަންހެނުން ގިނައިން މުރަނގަތޮޅި ބޭނުންކުރުމަކީ ރަނގަޅު ކަމެކެވެ.

* ކަށިތައް ވަރުގަދަކޮށްދޭ

މުރަނގަތޮޅީގައި ދަގަނޑުގެ މާއްދާއާއި ވިޓަމިން އަދި ކެލްސިއަމް ވަރަށް ގިނައިން އެކުލެވެއެވެ. އެހެންކަމުން ގިނައިން މުރަނގަތޮޅި ކެއުމަކީ ކަށި ވަރުގަދަކޮށްދީ ލޭ ސާފުކޮށްދޭ ކަމެކެވެ.

* ރޯގާ ޖެހުމާއި ހުމުން ދުރުކޮށްދޭ

މުރަނގަތޮޅިއަކީ އޭގައި ވަރަށް ގިނަ އަދަދަކަށް ވިޓަމިން ސީ ހުންނަ ތަރުކާރީއެކެވެ. އެހެންކަމުން ހުން އައިސް ކަރުގައި ރިއްސާނަމަ މުރަނގަތޮޅި ސޫޕް ބުއިމުން ވަރަށް އަވަހަށް ލުއިވާނެއެވެ. މުރަނގަތޮޅީގެ އިތުރުން މުރަނގަ ފަތު ސޫޕަކީ ނޭވާލާ ނިޒާމަށް ދިމާވާ އެކިއެކި މައްސަލަތަކަށް ރަނގަޅު ފަރުވާއެކެވެ.

* ލޮލުގެ ފެނުން ރަނގަޅުކޮށްދޭ

މުރަނގަތޮޅި ކެއުމުގެ ސަބަބުން ލޮލުގެ ރެޓިނާގައި އުފެދޭ ވިހަ މާއްދާތައް ނައްތާލައި ލޮލުގެ ފެނުން އިތުރުކޮށްދެއެވެ.

* އިންފެކްޝަންތަކުން ދުރުކޮށްދޭ

މުރަނގަތޮޅީގައި ހުންނަ އެންޓި ބެކްޓީރިއަލް މާއްދާގެ ސަބަބުން ކަރުތެރެއާއި، ފުއްޕާމޭ އަދި ހަމަށް ދިމާވާ އިންފެކްޝަންތަކުން ދުރުކޮށްދެއެވެ.

* ހަންގަނޑު ރީތިކޮށްދޭ

މުރަނގަތޮޅީގެ ދިޔައަކީ ހަންގަނޑު އޮމާންކޮށް ރީތިކޮށްދޭ އެއްޗެކެވެ. މުރަނގަތޮޅި ދިޔަ އަދި ލުނބޯ ހުތް އެއްކޮށްލައިގެން ޕޭސްޓެއް ތައްޔާރުކޮށް މޫނުގައި އުނގުޅުމަކީ ބިހި ނެގުން މަދުކޮށްދީ ލަކުނު ފިލުވުމަށް އެހީތެރިވެދޭ އެއްޗެކެވެ.