އެކި ކުޅިވަރުތަކުގައި ޤައުމީ ޓީމުތަކުގައި ރާއްޖެ ތަމްސީލުކުރާ ކުޅުންތެރިންނަށާއި އޮފިޝަލުންނަށް ކޮންމެ މަހަކު ސަރުކާރުން ދޭ އެލަވަންސް ބޮޑުކޮށް، އެއްހަމަކުރަން ނިންމައިފިއެވެ.

ކުރީން، ޤައުމީ ޓީމުތަކުގެ އެތުލީޓުންނަށް ކޮންމެ މަހަކު 5،000ރ. ގެ އެލަވަންސެއް ދެމުންއައިއިރު، އޮފިޝަލުންނަށް ލިބެމުންއައީ 2،500ރ. ގެ އެލަވަންސެކެވެ.

އެހެންނަމަވެސް، މިހާރު އެލަވަންސްތައް އެއްހަމަ ކުރުމާއެކު، އޮފިޝަލުންނާއި ކުޅުންތެރިންނަށް ވެސް ލިބިގެންދާނީ 7000ރ. އެވެ.

މިދިޔަ ބުރާސްފަަތި ދުވަހު ކުޅިވަރާ ބެހޭ ވުޒާރާއިން ނެރުނު ސާކިއުލާއެއްގައި ވަނީ، ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދޭ އެލަވަންސް އިތުރުކުރަން ނިންމިކަން ހުރިހާ އެސޯސިއޭޝަންތަކަށް އަންގާފައެވެ. އެ ސާކިއުލާގައި ބުނެފައިވަނީ، މި އަހަރުގެ މޭ މަހުން ފެށިގެން ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދޭ އެލަވަންސް ބޮޑުކޮށްފައިވާ ކަމަށެވެ.

އެގޮތުން، ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި، އޮފިޝަަލުންނާއި، "ޕެރަ" ކުޅުންތެރިންނަށް ބޮޑުކުރި އެލަވަންސް ލިބެމުންދާނެ ކަމުގައި މިނިސްޓްރީގެ ސާކިއުލާގައި ބުނެފައިވެއެވެ.

ކުޅިވަރު ވުޒާރާއިން އަންގާފައިވާ ގޮތުގައި، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު 15 އިން ފެށިގެން އެސޯސިއޭޝަންތަކުގެ މުސާރަ ޝީޓްތަކުގައި 7،000 ރުފިޔާގެ އެލަވަންސް ހިމަނަންވާނެއެވެ. އަދި 2025 ވަނަ އަހަރުގެ މޭ މަހުން ފެށިގެން އިތުރުކުރެވުނު މުސާރައިގެ ބާކީ ހުރި އަދަދު ކުޅުންތެރިންނަށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވުޒާރާއިން ހާމަކޮށްފައިވެއެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން މި އަހަރު ތަންފީޒުކުރާ ސިޔާސަތުތަކާމެދު ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުވަނީ ޤައުމީ ޓީމުތަކުގައި އެކި ކުޅިވަރުތަކުގައި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރާ ކުޅުންތެރިންނަށް ސަރުކާރުން ދެމުންދާ އެލަވަންސް އިތުރުކޮށްދެއްވާނެ ކަމަަށް ވިދާޅުވެފައެވެ.