މިއަދު ބާޒާރުގައި ގިނަ އަދަދެއްގެ ވަޔަލެސް އީއަރބަޑްސް ލިބެން ހުއްޓަސް، ގިނަ ބަޔަކު އަދިވެސް އިސްކަންދެނީ އެޕަލްގެ އެއަރޕޮޑްސް ބޭނުންކުރުމަށެވެ. އެޕަލްއިން ވަނީ އެއަރޕޮޑްސްގެ ޑިޒައިނާއި ޕާފޯމަންސަށް، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެކި ބަދަލުތައް ގެނެސްފައެވެ. ނަމަވެސް، ބަދަލެއްނައިސް އޮތް އެއް ކަމަކީ، ކޮންމެ އެއަރޕޮޑް އެއްގައި ވެސް ފެންނަން ހުންނަ ބިސްބުރަށް ކުޑަކޮށް ދިގުކޮށް އިންނަ ކަޅު ޑޮޓްތަކެވެ.

ދެން ސުވާލު އުފެދެނީ، މި ކަޅު ޑޮޓްތަކަކީ ކޮން އެއްޗެއް ހެއްޔެވެ؟ އަދި އެއީ އެއަރޕޮޑްސްގެ ޑިޒައިންގެ ބައެއްކަމަށް ހަދާފައިވަނީ ކީއްވެ ހެއްޔެވެ؟
ހަގީގަތުގައި، މި ކަޅު ޑޮޓްތަކަކީ ސެންސަރތަކެކެވެ. އެއަރޕޮޑްސްގައި މި ސެންސަރުތައް ހިމަނާފައިވާ މައިގަނޑު ބޭނުމަކީ، 'އޮޓޮމެޓިކް އީއަރ ޑިޓެކްޝަން' ) ނުވަތަ އަމިއްލައަށް ކަންފަތް ދެނެގަތުމުގެ ޚާއްސިއްޔަތު ފޯރުކޮށްދިނުމެވެ.

މި ސެންސަރުތަކުގެ އެހީގައި، އެއަރޕޮޑްސް ކަންފަތުގައި އަޅައިގެން ހުރިތޯ ނުވަތަ ނޫންތޯ ދެނެގަނެއެވެ. މިކަމުގެ ސަބަބުން، ކަންފަތުން އެއް އެއަރޕޮޑް ނުވަތަ ދެ އެއަރޕޮޑް ނަގާލުމުން، ކުޅެމުންދާ މިއުޒިކް ނުވަތަ ވީޑިއޯ އަމިއްލައަށް ހުއްޓެއެވެ. އަދި އަލުން ކަންފަތަށް ޖެހުމުން، އެއްވެސް ބަޓަނަކަށް ފިތާނުލާ، ޕްލޭބެކް އަލުން ފަށައެވެ.

މި ޚާއްސިއްޔަތު އެންމެ ފުރަތަމަ ތައާރަފްކުރެވުނީ 2016 ވަނަ އަހަރު ނެރުނު ފުރަތަމަ ޖެނެރޭޝަންގެ އެއަރޕޮޑްސްގައެވެ. ފުރަތަމަ އަދި ދެވަނަ ޖެނެރޭޝަންގެ އެއަރޕޮޑްސްގައި މިކަމަށް ބޭނުންކުރީ 'ޑުއަލް އޮޕްޓިކަލް ސެންސަރު' އެވެ. ނަމަވެސް، ތިންވަނަ ޖެނެރޭޝަން އައުމާއެކު، އިތުރަށް ރަނގަޅު ނަތީޖާއެއް ދިނުމަށްޓަކައި 'ސްކިން ޑިޓެކްޓް ސެންސަރު'  ތައާރަފްކުރެވުނެވެ.

މި ޓެކްނޮލޮޖީ އެޕަލްގެ ވަޔަލެސް އެއަރޕޮޑްތަކށް ހަމައެކަނި ޚާއްސައެއް ނޫނެވެ. މިއަދު އެހެނިހެން ގިނަ ހެޑްފޯނާއި އީއަރބަޑް ބްރޭންޑްތަކުން ވެސް މިފަދަ އޮޓޮމެޓިކް ޑިޓެކްޝަން ޚާއްސިއްޔަތުތައް ހިމަނާފައިވެއެވެ.