ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތް ކުރާ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ހަމައެކަނި ޒިންމާއެއް ނޫން ކަމަށާއި އެއީ ލިބޭ ޝަރަފެއް ކަމަށެވެ. އެކަމަނާ މިހެން ވިދާޅުވީ މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ސެޕްޓެމްބަރު 17 ވަނަ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތް ކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަހާއި ގުޅިގެން އެކަމަނާ ކުރެއްވި ޕޯސްޓްގައި ފާހަގަކުރައްވާފައި ވަނީ، މިފަދަ ދުވަހެއް ފާހަގަކުރަމުންދާއިރު، ކޮންމެ ކުޑަކުއްޖަކަށްވެސް ރައްކާތެރިކަމާއި އަޅާލުން ދިނުމަށް އަޅުގަނޑުމެން ވެފައިވާ އަހުދު އައު ކުރަން ޖެހޭ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިތުރަށް ވިދާޅުވީ، ކުޑަކުދިންގެ ރައްކާތެރިކަމަކީ ހަމައެކަނި އަޅުގަނޑުމެންގެ މައްޗަށް އޮތް ޒިންމާއެއް ނޫން ކަމަށާއި އެއީ އިމްތިޔާޒެއް އަދި ޝަރަފެއް ކަމަށެވެ. އެކަމަނާ ވަނީ ކުއްޖާ ވިހެއުމުން ފެށިގެންވެސް ރައްކާތެރިކަން ލިބޭކަން ކަށަވަރުކުރުމަށާއި ކުޑަކުދިންގެ މުސްތަޤުބަލު ރައްކާތެރިކުރުމަށް ކަނޑައެޅޭ ސިޔާސަތުތަކަށް އިންވެސްޓް ކުރުމަށްވެސް ގޮވާލައްވާފައެވެ.
