މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން، ޒުވާނުންނަށް ހުނަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ޚާއްޞަ އެލަވަންސްއަކާއެކު ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ، ޒުވާނުންގެ ހުނަރު ތަރައްޤީކޮށް ވަޒީފާގެ ބާޒާރަށް ތައްޔާރުކުރުމަށް އެމްޕީއެލް އިން ދޭ އެއްބާރުލުމެކެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާއި ގުޅިގެންނެވެ. މި އަހަރުގެ ޕްރޮގްރާމްގައި ހުޅުވާލާފައިވަނީ މެރީން މެކޭނިކް، ހެވީ ވެހިކަލް މެއިންޓެނެންސް، އިލެކްޓްރީޝިއަން އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސް، އެޑްމިނިސްޓްރޭޓިވް، ފަރުނީޗަރު ކާޕެންޓްރީ އަދި ވެލްޑިން ޓެކްނިކްސްގެ ދާއިރާއިންނެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި މި ފަހަރު ތަމްރީންކުރާ ދާއިރާތަކާއި އެ ދާއިރާތަކަށް ހޮވާނެ ކުދިންގެ ޢަދަދު ތިރީގައި މިވަނީއެވެ.

މެރީން މެކޭނިކް: 3 ފަރާތެއް
ހެވީ ވެހިކަލް މެއިންޓެނެންސް: 10 ފަރާތެއް
އިލެކްޓްރީޝިއަން އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސް: 6 ފަރާތެއް
އެޑްމިނިސްޓްރޭޓިވް: 1 ފަރާތެއް
ފަރުނީޗަރު ކާޕެންޓްރީ: 4 ފަރާތެއް
ވެލްޑިން ޓެކްނިކްސް: 6 ފަރާތެއް

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް އިން ވިދާޅުވީ، މި ޕްރޮގްރާމަށް ހޮވޭ ބައިވެރިންނަށް ކޮންމެ މަހަކު 5،000 ރުފިޔާ (ފަސް ހާސް ރުފިޔާ) ގެ އެލަވަންސްއެއް ލިބޭނެ ކަމަށެވެ. އަދި މިއީ 6 މަސް ދުވަހުގެ މުއްދަތަަކަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި، މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަނޑިއަކީ މި ސެޕްޓެމްބަރު މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ 15:30 ކަމަށް އެމްޕީއެލް އިން ވިދާޅުވިއެވެ. ހަމަ މިއާއެކު، މި ޕްރޮގްރާމާ ބެހޭ އިތުރު މަޢުލޫމާތާއި ބައިވެރިވުމަށް އެދޭ ފޯމް ގެޒެޓްކޮށްފައިވާ އިޢުލާންގައި ވާނެކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކުރައްވާފައެވެ.
އެމްޕީއެލް އިން މީގެ ކުރިން ވެސް މިފަދަ ޕްރޮގްރާމްތަކެއް އެކި ދާއިރާތަކުން ހިންގާފައިވާއިރު، މި ޕްރޮގްރާމްތަކަށް ޒުވާނުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.