ދިވެހި ޒުވާނުންގެ މެދުގައި ޤައުމީ ރޫޙު އާލާކޮށް، ހަރުދަނާ ޖީލެއް ބިނާކުރުމަށްޓަކައި ދިފާޢީ ވުޒާރާއިން ކުރިއަށްގެންދާ "ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމް"ގެ ފުރަތަމަ ބުރަށް ހޮވުނު 340 ޒުވާނުން، މިއަދު ޅ. މާފިލާފުއްޓަށް ފުރައިފިއެވެ. މި ޒުވާނުން މާފިލާފުށީގައި ތިން މަސް ދުވަހުގެ ތަމްރީނުތައް ފުރިހަމަކުރާނެއެވެ.

މި ޕްރޮގްރާމަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ، ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް ރާވައި ހިންގާ ޕްރޮގްރާމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ޕްރޮގްރާމް ޢިއުލާންކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުއެވެ. މި ޕްރޮގްރާމަށް ޒުވާނުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާއިރު، ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިތާ ދެ މަސްދުވަހުގެ ތެރޭގައި 1200 އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލާފައިވާ ކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ މަޤްޞަދުތަކުގެ ތެރޭގައި، ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކުރުމާއި، ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކޮށް ތަރައްޤީކުރުން ހިމެނެއެވެ. މީގެއިތުރުން، ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ ބަޔަކަށް ހެދުމާއި، އަޚުލާޤާއި ސުލޫކު ރަނގަޅު، އިޙުތިރާމު ކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުމުގެ އިތުރުން، ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ބައްޓަންކުރުންވެސް މި ޕްރޮގްރާމުގެ މުހިންމު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުޙަލާ ބާއްވާފައިވަނީ، މާލެ ސިޓީ، ހއ. ދިއްދޫ، ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު، އދ. މަހިބަދޫގެ އިތުރުން، ފ. ނިލަންދޫ، ތ.ވޭމަންޑޫ، ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫގައެވެ. މި މަރުޙަލާގައި ބައިވެރިން އިންޓަރވިއުއާއި، މެޑިކަލް ޓެސްޓްތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައް ފުރިހަމަކޮށްފައިވެއެވެ. މި ޕްރޮގްރާމަކީ ޤައުމީ ޚިދުމަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.
