ދިވެހި ޥަޡަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށްޓަކައި މާފިލާފުއްޓަށް ގޮސްފައިވާ ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ. މި ޕްރޮގްރާމުގެ މަޤުސަދަކީ ޤައުމިއްޔަތުގެ ރޫޙު ދިރުވައި، އިސްލާމީ އަދި ޤައުމީ ހިދުމަތަށް ބޭނުންވާ ހަރުދަނާ ޒުވާނުން ބިނާކުރުމެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގެ ނޭޝަނަލް ސަރވިސް (ދިވެހި ޥަޡަނީ ޚިދުމަތް) އަށް ކުރިމަތިލުމަށް ހުޅުވާލުމުން ޖުމްލަ 1242 ޒުވާނުން ކުރިމަތިލިއެވެ. އެ މީހުންގެ ތެރެއިން ފުރަތަމަ ބުރުގެ ސިލެކްޝަން ޕްރޮސެސްގައި ހޮވުނު 343 ޒުވާނުން މިހާރު ވަނީ ތަމްރީނަށް މާފިލާފުއްޓަށް ގޮސްފައެވެ.
މި ޒުވާނުންނަކީ ރާއްޖޭގެ 107 ރަށަކުން، ޢުމުރުން 16 އަހަރާއި 29 އަހަރުގެ ޒުވާނުންނެވެ. އޭގެ ތެރޭގައި 64 އަންހެން ކުދިންނާއި 279 ފިރިހެން ކުދިން ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި މި ތަމްރީނުގައި ބައިވެރިވާ އެންމެހާ ޒުވާނުންނަށާއި، އެ ޒުވާނުންގެ ބެލެނިވެރިންނާއި ޢާއިލާތަކަށް ވަނީ ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ.
ދިފާޢީ ވުޒާރާގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުއެވެ. ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިތާ ދެ މަސްތެރޭ 1200 އަށްވުރެ ގިނަ ޒުވާނުން ޕްރޮގްރާމަށް ކުރިމަތިލާފައިވާ ކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއެވެ.
ދިވެހި ޥަޡަނީ ޚިދުމަތުގެ މަޤްޞަދުތައް:
- ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކުރުން.
- ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކޮށް ތަރައްޤީކުރުން.
- ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމާއި އަދި ނޭޝަނަލް ސަރވިސްގެ ތެރެއިން ސަލާމަތީ ޚިދުމަތްތަކަށް މީހުން ރެކްރޫޓްކުރެވޭނެ މަގުފަހިކޮށްދިނުން.
- ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އިޙުތިރާމު ކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުން.
- ދިވެހި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ބައްޓަންކުރުން.
- ދިވެހި ޒުވާނުންނަކީ ރޫހާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި ހަށިހެޔޮ ބަޔަކަށް ހެދުން.
ދިވެހިރާއްޖޭގެ ނޭޝަނަލް ސަރވިސް (ދިވެހި ވަޠަނީ ޚިދުމަތް) އަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލި 1242 ޒުވާނުންގެ ތެރެއިން، ފުރަތަމަ ބުރުގެ ސިލެކްޝަން ޕްރޮސެސް ގައި ހޮވުނު 343 ޒުވާނުން މިއަދު ތަމްރީނަށް ގޮސްފައި. އެގޮތުން، ރާއްޖޭގެ 107 ރަށަކުން، ޢުމުރުން 16 އަހަރާއި 29… pic.twitter.com/Am8wF6lLxP
— Dr Mohamed Muizzu (@MMuizzu) September 17, 2025
މި ޕްރޮގްރާމުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުޙަލާ ކުރިއަށް ގެންގޮސްފައިވަނީ މާލެ ސިޓީ، ހއ. ދިއްދޫ، ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު، އދ. މަހިބަދޫގެ އިތުރުން ފ. ނިލަންދޫ، ތ.ވޭމަންޑޫ، ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫގައެވެ. މި މަރުޙަލާގައި ބައިވެރިން އިންޓަރވިއުއާއި މެޑިކަލް ޓެސްޓްތަކާއި އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައް ވެސް ފުރިހަމަކޮށްފައިވެއެވެ. ޤައުމަށް ޚިދުމަތްކުރުމުގެ ރޫޙުގައި މި ޒުވާނުންނަށް ކާމިޔާބީއަށް އެދެމެވެ.
