މިއުކޯމައިކޯސިސް (ބްލެކް ފަންގަސް) އަކީ އެހާ އާންމު ބައްޔެއް ނޫނެވެ. 1990ގެ އަހަރުތަކުގެ ކުރީކޮޅުގައި ދެނެގަނެވިފައިވާ މި ބަލި އެއް އަހަރުގެ ތެރޭގައި، އެއްމިލިއަން މީހުންގެ ތެރެއިން 1.7 އިންސައްތަ މީހުންނަށް ޖެހިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ ހަށިގަނޑު ތެރޭގައި ހަލުއިކަމާއެކު ފެތުރިގަތުމުގެ ގާބިލުކަން ލިބިފައިވާ "ފަންގަސް" އެކެވެ.

މި ބަލި ޖެހުމަށް މެދުވެރިވަނީ މިއުކޯމައިސައިޓް ނަމަކަށް ކިޔާ "ފަންގަސް" އަކުންނެވެ. މި "ފަންގަސް" އަކީ ވެއްޔާއި، ވައިގެ ތެރޭގައި އަދި ބައެއް ކަހަލަ ކާތަކެތިންވެސް ފެނިފައިވާ ފަންގަސްއެކެވެ. މި ބަލީގެ ސަބަބުން ގުނަވަން ތަކަށް ގެއްލުން ލިބިގެން ދާއިރު، މި "ފަންގަސް" ހަށިގަނޑު ތެރެއަށް ވަދެގެންދަނީ ނޭފަތުންނާއި، އަނގަ އަދި ލޮލުންނެވެ. މި "ފަންގަލް" އިންފެކްޝަނުގެ ސަބަބުން ސިކުނޑިއަށް އަސަރު ކުރާއިރު، އިންފެކްޝަން ދެނެނުގަނެވި ނުވަތަ ފަރުވާ ނުކުރެވި ގިނަ ދުވަސް ވާނަމަ ނުރައްކާ ބޮޑުވެ، ފުރާނައަށް ގެއްލުން ވެދާނޭ ކަމުގެ އިންޒާރު ސިއްހީ މާހިރުން ދެއްވައެވެ.

މި ބަލީގައި އާންމު ގޮތެއްގައި ބޮޑުވަރު ވަނީ ދާއިމީ ބައްޔަށް ބޭސް ކުރާ މީހުންނާއި ދާއިމީ ބައްޔެއް ހުންނަ މީހުންނަށެވެ. އެއީ އެމީހުންގެ ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބާރު ދަށްވުމުގެ ސަބަބުން މި "ފަންގަލް" އިންފެކްޝަނާއި ދެކޮޅަށް ހަނގުރާމަ ނުކުރެވޭތީ ކަމަށް ސިއްހީ މާހިރުން ބުނެފައިވެއެވެ. އެހެން ކަމުން ހަކުރު ބައްޔާއި، ލޭމައްޗަށް ދިއުމާ، ކޮލެސްޓުރޯލް ބައްޔާއި، ހިތާއި ފުއްޕާމޭގެ ބަލިތަކާއި އަދި ކިޑްނީބަލިތަކުގެ އިތުރުން އެއިޑްސް ފަދަ ބަލިތަކަށް ބޭސް ކުރާ މީހުންނަށް މި "ފަންގަލް" އިންފެކްޝަން ޖެހި، ހާލު ގޯސްވުމުގެ ފުރުސަތު ބޮޑެެވެ.

މި ބަލީގައި ފުރާނައަށް ނުރައްކާ ވާ މިންވަރު ބަރޯސާވެފައިވަނީ އެމީހެއްގެ ދިފާއީ ނިޒާމުގެ ގާބިލުކަމަށެވެ. ސައިނަސް އިންފެކްޝަން ހުންނަ ނަމަ ބަލި ޖެހިގެން މަރުވާ މީހުންގެ މިންވަރަކީ 46 އިންސައްތައެވެ. އަދި ފުއްޕާމޭގެ އިންފެކްޝަން ހުންނަ ނަމަ އެ އިންސައްތަ 76 އިންސައްތައަށް މަތިވެއެވެ. ބްލެކްފަންގަސް ޖެހި އޭގެ އަސަރު ހިތަށް ކޮށްފައިވާ މީހުންގެ ތެރެއިން 96 އިންސައްތަ މީހުން މަރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭަގައި ހިމެނެނީ ބޮލިގައި ރިއްސުމާއި، ހުން އައުމާއި، މޫނުގެ އެއްފަޅި ލޮލާއި އެކު ދުޅަވުމާއި، އަނގަ ނުވަތަ ނޭފަތުގައި ކަޅު ކުލައިގެ ފަށެއް އެޅިފައި ހުރެ ދުވަހަކަށް ވުރެ ދުވަހެއް އެތަން ހަލާކުވާލެއް ބޮޑުވުމާއި އަދި ނޭފަތް ބެދުން ފަދަ ކަންކަމެވެ.

މި ފަހުން، މި ބަލި އެންމެ ގިނައިން ފެނިފައިވަނީ އަވައްޓެރި އިންޑިޔާއިންނެވެ. އިންޑިޔާގައި މި ބަލި މިހާ އާންމު މިވީ ގިނަބަޔަކަށް ކޮވިޑުބަލި ޖެހިފައިވާ ދަނޑިވަޅެއްގައެވެ. މިކަމުގެ ސިއްރަކީ އެ ގައުމުގެ ގިނަ ބައެއްގެ ދިފާއީ ނިޒާމު ބޮޑުތަނުން ބަލިވެފައިވުން ކަމުގައި ސިއްހީ މާހިރުން ދެކި ލައްވައެވެ.