ރާއްޖޭގެ ރައްޔިތުންނަށް އަސާސީ ކާބޯތަކެތި އެންމެ ހެޔޮ އަގުގައި ލިބޭނެގޮތް ހެދުމުގެ ގޮތުން، އެސްޓީއޯ މެދުވެރިކޮށް އެފަދަ ތަކެތި ގެނައުމަށް ސަރުކާރުން ނިންމެވީ އާންމު ވިޔަފާރިތަކުގެ ބާޒާރަށް ވަނުމުގެ ބޭނުމުގައި ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިމަހުގެ 10 ވަނަ ދުވަހު ނިންމެވީ، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ދިހަ ބާވަތުގެ މޭވާ އާއި ތަރުކާރީގެ އިތުރުން އާއްމުކޮށް ބޭނުންކުރާ ބައެއް އެހެން ކާބޯތަކެތި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ބާޒާރުގައި ވިއްކުމަށެވެ. މި ނިންމެވުމާ ގުޅިގެން ރައީސް ވިދާޅުވީ، އެސްޓީއޯއިން މިހާރު އެތެރެކުރަންޖެހެނީ ހަމައެކަނި ކާޑުގެ ބާވަތްތައް ނޫންކަމަށާއި، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ އާއްމުކޮށް ބޭނުންކުރާ މޭވާއާއި ތަރުކާރީގެ ބާވަތްތައްވެސް އެސްޓީއޯއިން އެތެރެކުރުންކަމަށެވެ.

އަޅުގަނޑުމެން މި ހުރިހާ ކަމެއް ހަމަ ނަންބަރސް ޖަހައިގެން ދިރާސާކޮށް ހަދާފައި، މިވަނީ ކިހިނެއްކަން އަޅުގަނޑުމެން ރަނގަޅަށް ބަލާފައި، މި ނިންމީ މިކަން ކުރުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްކަމަށް : ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު  

 

ރައީސް ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް އެންމެ ރަނގަޅު ފެންވަރުގައި ހުރިހާ ޚިދުމަތެއް ދިނުމަށް ކަމަށާއި، އެހެން ބަޔަކު ކުރާ ކަމެއްގެ ސަބަބުން ރައްޔިތުންނަށް ގެއްލުންތަކެއް ކުރިމަތިވާން ބޭނުންފުޅު ނުވާކަމަށެވެ. މީގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ މޭވާ އާއި ތަރުކާރީ އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް އެތެރެކޮށް ވިއްކުމަށް ނިންމެވީ، ރާއްޖޭގައި ފުޑް ސެކިޔުރިޓީ ޤާއިމުކުރުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިންކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

މޭވާ، ތަރުކާރީ، މުގު، ބިސް، އަދި ކާށިފަދަ ތަކެތި އެސްޓީއޯ މެދުވެރިކޮށް ގަނޑުކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކުމަށް ރައީސް މި ނިންމެވީ، ފާއިތުވެދިޔަ ދުވަސްތަކުގައި ބާޒާރުގައި ބައެއް މޭވާއާއި ތަރުކާރީގެ އަގު އުފުލިފައިވާ ދަނޑިވަޅެއްގައެވެ. ރައީސްގެ މި ނިންމެވުމާ އެއްގޮތަށް އެސްޓީއޯ މެދުވެރިކޮށް މި ތަކެތި އެތެރެކޮށް ވިއްކަން ފެށުމުން، ބާޒާރުގައި އެތަކެތީގެ އަގު ހިފެހެއްޓި، ރައްޔިތުންނަށް ހެޔޮ އަގުގައި މޭވާ އާއި ތަރުކާރީ ލިބިގެންދާނެކަމަށް ލަފާކުރެވެއެވެ.