މިސްރުގެ ވެރިކަން ކުރާ ސިޓީ ކައިރޯގެ މިސްރު މިއުޒިއަމްގެ ތެރޭގައި ހުންނަ ލެބޯރަޓަރީއަކުން 3000 އަހަރުގެ ގަދީމީ ރަން އަތުގައިއަޅާ އުޅައެއް ގެއްލިފައިވާ ކަމަށް މިސްރުގެ އާސާރީ ތަކެއްޗާބެހޭ ވުޒާރާއިން ބުނި ގޮތުގައި، މި އުޅައަކީ ފިރްޢައުނު އަމެނެމޯޕްގެ ރަސްކަމުގެ ދުވަސްވަރަށް ނިސްބަތްވާ އެއްޗެކެވެ. އެއީ 21 ވަނަ ދަރިކޮޅު (މީލާދީން ބީސީ 1070 އިން 945) ގެ ދުވަސްވަރެވެ.

މި އުޅާ އެންމެ ފަހުން ފެނިފައިވަނީ ކޮން އިރަކުކަން ސާފުނުވާ ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
މި ރަން އުޅާ ގެއްލިފައިވާކަން އެނގިފައިވަނީ ފަހުން ކުރެވުނު އިންވެންޓްރީ ޗެކެއްގެ ތެރެއިން ކަމަށް ދުނިޔޭގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިކަން މިނިސްޓްރީން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. މިނިސްޓްރީން ބުނީ މި ހާދިސާ އާއި ގުޅިގެން ތަހުގީގެއް ފަށާފައިވާ ކަމަށާއި، މިސްރުގެ އެއާޕޯޓްތަކާއި ބަނދަރުތަކާއި ބޯޑަރު ހުރަސްކުރާ ހުރިހާ ސަރަހައްދުތަކެއްގައި އާސާރީ ތަކެތި ހޯދުމުގެ ޔުނިޓްތައް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

ކައިރޯގެ ތަހްރީރު ސްކުއަރގައި ހުންނަ މިސްރުގެ މިއުޒިއަމަކީ، ފިރްޢައުނު އަމެނެމޯޕްގެ މަޝްހޫރު ރަން މާސްކް ވެސް ހިމެނޭ ގޮތަށް 170،000 އަށް ވުރެ ގިނަ އާސާރީ ތަކެތި ހިމެނޭ ތަނެކެވެ. މި ހާދިސާ ހިނގާފައިވަނީ، ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރަމުން އައި ގްރޭންޑް މިސްރު މިއުޒިއަމް، ނޮވެމްބަރު 1 ގައި ހުޅުވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.