ދުނިޔޭގެ މަޝްހޫރު އައިސްކްރީމް ކުންފުނި ބެން އެންޑް ޖެރީސްގެ ކޯ-ފައުންޑަރ ޖެރީ ގްރީންފީލްޑް، މައި ކުންފުނި ޔުނިލީވަރގެ ފަރާތުން "ބާކީކުރި" ކަމާއި، އެކަމުގެ ސަބަބުން ނަފްސާނީ ގޮތުން "ފުނޑުފުނޑުވެފައި" ހުންނެވި ކަމަށް އެ ކުންފުނީގެ އަނެއް ކޯ-ފައުންޑަރ ބެން ކޯހެން ވިދާޅުވުމާއެކު، އޭނާ ކުންފުނިން އިސްތިއުފާ ދެއްވައިފިއެވެ.

ގްރީންފީލްޑްގެ އިސްތިއުފާގެ ޚަބަރު، ކޯހެން އާންމުކުރީ މި ހަފްތާގެ އަންގާރަ ދުވަހު އެކްސް މެދުވެރިކޮށެވެ. އާންމުކުރި، އޭނާގ ސިޓީއެއްގައި ގްރީންފީލްޑް ވިދާޅުވީ، 47 އަހަރުގެ ދިގު ހިދުމަތަށްފަހު، "ހިތް ފުނޑުފުނޑުވެފައިވާ" ހާލަތެއްގައި ކުންފުނި ދޫކޮށްލާ ކަމަށާއި، މައި ކުންފުނި ޔުނިލީވަރއިން ބެން އެންޑް ޖެރީސްއަށް ބާރުއަޅާ ސިޔާސީ އަދި އިޖުތިމާއީ ކަންކަމުގައި އަޑުއުފުލުން މަނާކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ބެން އެންޑް ޖެރީސްއަށް 1978 ވަނަ އަހަރު ގްރީންފީލްޑާއެކު ބިންގާ އެޅުއްވި ކޯހެން، މި ބުދަ ދުވަހު އެން.ބީ.ސީ.ގެ ހެލީ ޖެކްސަންއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، "ޖެރީއަކީ ވަރަށް ބޮޑު ހިތެއްގެ ވެރިއެއް. ޔުނިލީވަރއާ ދެމެދު މި އުފެދުނު ހިލާފު ވަރަށް ގިނަ ދުވަހު އޭނާ ފުނޑުފުނޑުކޮށްލި. މިއީ ޖެރީއަށް ރަނގަޅު ނިންމުމެއް ކަމަށް އަހަރެން ދެކެން" ކަމަށެވެ. ކޯހެން އިތުރަށް ވިދާޅުވީ، "ޔުނިލީވަރ އަދި މިހާރު މެގްނަމްއިން ކުންފުނީގެ އަސާސީ އަގުތަކަށް ހުރަސް އަޅާކަމަށް ޖެރީއަށް ހީވުމުން އޭނާއަށް އެކަން ބަލައެއްނުގަނެވުނު. އެހެންކަމުން އޭނާ އިސްތިއުފާ ދިނީ" ކަމަށެވެ.

މިކަމާ ގުޅޭގޮތުން ޔުނިލީވަރގެ ފަރާތުން އަދި ބަހެއް ބުނެފައިނުވާއިރު، މެގްނަމްގެ ތަރުޖަމާނަކު ބުނެފައިވަނީ، ބެން އެންޑް ޖެރީސްއަށް ގްރީންފީލްޑް ކުރެއްވި ހިދުމަތްތަކަށް އެ ކުންފުނިން އަބަދަށް ޝުކުރުވެރިވާނެ ކަމަށާއި، ނަމަވެސް އޭނާގެ ޚިޔާލުތަކާ އެއްބަސްނުވާ ކަމަށެވެ.

ޔުނިލީވަރ، ބެން އެންޑް ޖެރީސް ބޮޑު އަދަދަކަށް ގަތީ 2000 ވަނަ އަހަރުއެވެ. އެއީ 326 މިލިއަން ޑޮލަރަށެވެ. އަދި ގާތްގަނޑަކަށް އެއް އަހަރު ކުރިން ޔުނިލީވަރއިން ވަނީ އޭގެ އައިސްކްރީމް ޑިވިޝަން، މެގްނަމް އައިސްކްރީމް ކޯޕަރޭޝަންގެ ދަށަށް ވަކިކުރަން ނިންމާފައެވެ. ކޯހެން ވިދާޅުވީ، ޔުނިލީވަރއިން އެ ގޮތަށް ނިންމި ހިނދު، ގްރީންފީލްޑާއި ކޯހެން އެދިފައިވަނީ ބެން އެންޑް ޖެރީސް "އިޖުތިމާއީ މަގްސަދުތަކާ އެއްގޮތްވާ އިންވެސްޓަރުންގެ ބެލެހެއްޓުމުގެ ދަށަށް ގެނައުމަށް" ކަމަށާއި، ނަމަވެސް އެކަމަށް ޔުނިލީވަރއިން އެއްބަސްނުވި ކަމަށެވެ.

ކޯހެން ވިދާޅުވީ، އޭނާގެ "ހިތް ބުނަނީ މަސައްކަތް ކުރިއަށް ގެންދަން" ކަމަށާއި، ގްރީންފީލްޑް އެކަމަށް ވަރަށް ބޮޑަށް އެހީތެރިވާ ކަމަށެވެ. މިފަހަރު މެގްނަމްގެ ދަށުގައި ބެން އެންޑް ޖެރީސްގެ މަސައްކަތުގައި ތަފާތަކީ، އެމީހުންގެ މަގާމު އާންމުކޮށް ހާމަކުރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އަހަރެން ގަބޫލުކުރަނީ، ބެން އެންޑް ޖެރީސްއަށް އިޖުތިމާއީ މަގްސަދުތަކާ އެއްގޮތްވާ އިންވެސްޓަރުންގެ ބެލެހެއްޓުމުގެ ދަށަށް އައުމަށް، މެގްނަމްއަށް ފިއްތުން ކުރިމަތިކުރެވޭނެ ކަމަށް. އެއީ ޖެރީ ބޭނުންވާ ގޮތް. އެއީ އަހަރެންވެސް ބޭނުންވާ ގޮތް،" ކޯހެން ވިދާޅުވިއެވެ.

މެގްނަމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގްރީންފީލްޑާއި ކޯހެންއާ " ގުޅުން ބަދަހިކުރުމަށް" މަސައްކަތްކޮށްފައިވާ ކަމަށެވެ. "ބެން އެންޑް ޖެރީސްގެ ތިން ބައިގެ ޚާއްސަ މިޝަން – އުފެއްދުން، އިގްތިސާދީ އަދި އިޖުތިމާއީ – އަށް އަޅުގަނޑުމެން އަބަދުވެސް ތަބާވާނަން. އަދި މި މަޝްހޫރު، ގިނަ ބަޔެއްގެ ލޯބިލިބިފައިވާ ބްރޭންޑްގެ ސުލްހަ، ލޯބި އަދި އައިސްކްރީމްގެ ތަރިކަ ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން މަސައްކަތްކުރާނަން،" އެ ކުންފުނިން ބުނެފައިވެއެވެ.

ނަމަވެސް ކޯހެން އެކަމާ އެއްބަސްވެވަޑައިނުގަތެވެ. ބުދަ ދުވަހު އޭނާ ވިދާޅުވީ، "ޣައްޒާގައި ހިނގާ ގަތުލުއާންމާ ދެކޮޅަށް، ބަސްކިޔުމުގެ މިނިވަންކަމާއި މުޒާހަރާ ކުރުމުގެ ހައްގަށް ތާއީދުކޮށް، މުޖުތަމައުގައި އެކި ފެންވަރުގެ މީހުން ހިމެނުމަށް ތާއީދުކޮށް، އަދި ބްލެކް ހިސްޓްރީ މަހަށް ތާއީދުކޮށް ކުންފުނިން ވާހަކަ ދައްކަން މަސައްކަތްކުރާ އިރު މެގްނަމްއިން ކުންފުނި ހިމޭންކޮށްލާ" ކަމަށެވެ.

ގްރީންފީލްޑް ކުންފުނިން ވަކިވެވަޑައިގަތުމަށްފަހު، ކޯހެން އެ ގޮތަށް ކުންފުނި ދޫކޮށް ނުލައްވާނެ ކަމަށް ވިދާޅުވިއެވެ. "ބެން އެންޑް ޖެރީސްއަކީ އަޖައިބެއް ކަމަށް އަހަރެން ދެކެން. އެއީ ވަރަށް ބޮޑު ޕްލެޓްފޯމެއް، އެއީ ބިލިއަން ޑޮލަރުގެ ކުންފުންޏެއް، އެހެން ކަމެއް އެއް ދުވަހުން ނުފަށާނެ، އަދި އެކަން ސަލާމަތް ކުރަން ޖެހޭ ކަމަށް އަހަރެން ދެކެން،" އޭނާ ވިދާޅުވިއެވެ. "އަހަރެން ގަބޫލުކުރަނީ، އިންސާނީ މިފަދަ އަގުތައް ހިފަހައްޓައި، ހާލުގައި ޖެހިފައިވާ މީހުންނަށް ލޯތްބާއި ސުލްހަ އާއި އަޅާލުން ދީގެންވެސް ފައިދާހުރި ވިޔަފާރިއެއް ކުރެވިދާނެ ކަމަށް ބެން އެންޑް ޖެރީސްއިން ދައްކާފައިވާ ކަމަށް."