ދުނިޔޭގައި އެންމެ މަޝްހޫރު މޭވާގެ ތެރެއިން އާފަލަކީ އެއް މޭވާއެވެ. އެއީ ތާޒާ އަދި ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާއެއް އެކުލެވޭ މޭވާއެކެވެ. ނަމަވެސް، ފިހާރައިން އާފަލު ގަންނަން ދާއިރު، ރަތްކުލަ އާއި ފެހިކުލައިގެ އާފަލު ފެންނައިރު، އާންމުކޮށް ގިނަ ބަޔަކަށް އޮޅުން އަރަނީ ސިއްހަތަށް ރަނގަޅީ ކޮން ކުލައެއްގެ އާފަލެއް ބާއޭއެވެ.


ރަހަ އާއި ބާވަތް

ރެޑް ޑެލިޝަސް ނުވަތަ ފޫޖީ ފަދަ ރަތް އާފަލުތައް އާންމުކޮށް ބޮޑަށް ފޮނިވެފައި މަޑުކަން ބޮޑުވާނެއެވެ. މިކަމުގެ ސަބަބުން މި އާފަލުތައް ކެއުމަށާއި، ފޮނި ކާނާ ތައްޔާރުކުރުމަށް ވަރަށް ރަނގަޅެވެ. ގްރެނީ ސްމިތް ފަދަ ފެހި އާފަލުތަކަކީ ތޮށިގަނޑު ހިފެހެއްޓިފައި ހުންނަ، ހުތް ރަހައެއް ހުންނަ މޭވާއެކެވެ. އެހެންކަމުން، ބޭކްކުރާ ކާނާއާއި ކެއްކުމަށް އެކަށީގެންވާ މޭވާއެކެވެ. ނުވަތަ ހުތްރަހަ ކަމުދާ މީހުންނަށް ވެސް ރަނގަޅު މޭވާއެކެވެ.

ފައިދާގެ ގޮތުން ހުންނަ ތަފާތުތައް

ރަތް އާފަލާއި ފެހި އާފަލު ވެސް ހުންނަނީ ކެލޮރީ މަދުކޮށެވެ. އަދި ފައިބަރ ގިނަކޮށެވެ. މިއީ ހަޖަމުކުރުމަށް އެހީތެރިވެދޭ އަދި ބަނޑު ފުރިފައި ހުރުމަށް އެހީތެރިވާ ކަންކަމެވެ. މީގެ އިތުރުން ދެވައްތަރުގެ އާފަލުގައި ވެސް ވިޓަމިން ސީ އަދި އޭ އާއި އެންޓިއޮކްސިޑެންޓްސް ހިމެނެއެވެ. މިއީ ހަށިގަނޑުގެ ސެލްތައް ރައްކާތެރިކޮށްދޭ މާއްދާތަކެކެވެ.

ފެހި އާފަލުގައި ގުދުރަތީ ހަކުރާއި ކާބޯހައިޑްރޭޓްސް ކޮންމެވެސް ވަރަކަށް މަދުކަން ފާހަގަކުރެވެއެވެ. އެހެންކަމުން، ހަކުރުގެ މިންވަރު ބެލެހެއްޓުމަށް ނުވަތަ ހަކުރު މަދުކުރަން ބޭނުންވާ ފަރާތްތަކަށް މިއީ ވަރަށް ރަނގަޅު މޭވާއެކެވެ.

ރަތް އާފަލުގައި އާންމުކޮށް ފެހި އާފަލަށްވުރެ ގިނައިން އެންޓިއޮކްސިޑެންޓްސް، ޚާއްސަކޮށް އެންތޮސަޔަނިންސް ހުންނާނެއެވެ. މި މާއްދާތަކަކީ އާފަލަށް ރަތްކުލަ ލިބިގަންނަ މާއްދާއެވެ. އަދި ހަށިގަނޑުގައި އިންފްލެމޭޝަން މަދުކުރުމަށް ވެސް އެހީތެރިވެދެއެވެ.

ސިއްހަތަށް ލިބޭ ފައިދާތައް

ފެހި އާފަލަކީ ފައިބަރ ގިނަވެ، ހަކުރު މަދުވުމުގެ ސަބަބުން ގޮހޮރުގެ ސިއްހަތަށް ވަރަށް ރަނގަޅު މޭވާއެކެވެ. އަދި ބަރުދަން ކޮންޓްރޯލް ކުރުމަށް ވެސް އެހީތެރިވެދެއެވެ.
ރަތް އާފަލަކީ ހިތުގެ ސިއްހަތަށް ވަރަށް ފައިދާހުރި މޭވާއެކެވެ. އަދި ގިނަ އަދަދަކަށް ހިމެނޭ އެންޓިއޮކްސިޑެންޓްސްގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދިނުމަށް ވެސް އެހީތެރިވެދެއެވެ.


ދެވައްތަރުގެ އާފަލަކީ ވެސް ސިއްހަތަށް ވަރަށް ފައިދާހުރި މޭވާއެކެވެ. އެހެންކަމުން، ކޮންމެ ވައްތަރެއް ކެއުމުން ވެސް ފައިދާ ކުރާނެއެވެ. ފޮނި ރަހައެއް ކަމުދާނަމަ ރަތް އާފަލެއް އިޚްތިޔާރުކުރާށެވެ. އަދި ހުތް،  ރަހައެއް ކަމުދާނަމަ ނުވަތަ ހަކުރު މަދު މޭވާއެއް ބޭނުންނަމަ ފެހި އާފަލެއް އިޚްތިޔާރުކުރާށެވެ.

އާފަލު ކާއިރު ތޮށިގަނޑާއެކު ކާށެވެ! ފައިބަރާއި އެންޓިއޮކްސިޑެންޓްސްގެ ގިނަ މިންވަރެއް ހުންނަނީ ތޮށިގަނޑުގައެވެ.