ވިހެއުމަކީ ހަމަ ކޮންމެ މަޔަކުވެސް ވަރަށް ޕްލޭންތައް ކޮށްގެން ކުރާ ކަމެކެވެ. ޕްލޭން ކުރުމަކާ ނުލާ މާބަނޑުވި ކަމުގައިވިޔަސް، ކުއްޖަކު ލިބެން އުޅޭކަން އެނގުމާއި އެކު އެކަމަށް ތައްޔާރުވެ ކިޔާނެ ނަމަކާ، ކޮޓަރީގެ ކުލައާ، ވިހަންވާ އިރަށް ގަންނަންވީ ތަކެތީގެ ލިސްޓް އޮންނަނީ ނިމިފައެވެ. ނަމަވެސް ވިހެއުމާއި އެކު އެންމެ ފުރަތަމަ ކާނީ ކޮން އެއްޗެއްކަށް ނިންމާ އެކަމަށް ތައްޔާރުވަނީ ކިތައް މައިން ހެއްޔެވެ؟ ވިހެއުމަކީ އަންހެނެއްގެ ހަޔާތުގައި އޭނާ ދޭ އެންމެބޮޑު އެއް ގުރުބާނީއެވެ. މިކަމަށް އާއިލާގެ މީހުންގެ އެއްބާރުލުންވެސް ވަރަށް ފުރިހަމައަށް ލިބޭނެއެވެ. އެހެންކަމުން ވިހެއުމަށްފަހު އެންމެ ފުރަތަމަ ކާން ބޭނުންވާ ވަކި އެއްޗެއްގެ ވާހަކަ ބުނެފިނަމަ އެ އެއްޗެއް ޔަގީނުންވެސް ލިބެން ހުންނާނެއެވެ. އެހެންކަމުން ވިހެއުމާއި އެކު ކެއުން އެންމެ ރަގަޅީ ކޯޗެއްކަން މިއީ މަންމަ އާއި އާއިލާއަށް ވެސް އެނގުން މުހިންމު މައުލޫމާތަކަށް ވާނެއެވެ. އެހެންކަމުން ސިއްޙީމާހިރުންގެ އިރުޝާދުގެ ދަށުން އެކުލަވާލެވިފައިވާ ލިސްޓެއް ކިޔުންތެރިންނާ ޙިއްސާ ކޮށްލާނަމެވެ.

1. ޗިކަން ސޫޕް

ވިހެއުމުގެ ތެރޭގައި އާއި ވިހައިގެން ދެތިން ހަފްތާވަންދެންވެސް ގަދައަށް ދާހިލުމަކީ ވަރަށް އާންމުކަމެކެވެ. ވިހަށް އެޑްމިޓްކޮށްފައި އޮންނައިރު އައި.ވީ ގުޅާފައި ބޭއްވުމުގެ ސަބަބުން މިގޮތަށް ދާހިއްލުން ކުޑަވެއެވެ. ނަމަވެސް ވިހެއުމަށްފަހު އާންމުކޮށް އައިވީގެ ބޭނުމެއް ނުޖެހެއެވެ. އެހެންކަމުން ކެއުމުގައި ދިޔާއެއްޗެހި ބޭނުންކުރުން އިތުރުކޮށްގެން ހަަށިގަނޑުން މަދުވި ފެން އިޔާދަ ކުރުމަށް އެހީތެރިކަން ލިބޭނެއެވެ. ކުކުޅު ސޫޕް ކެއްކެން ނެތްނަމަ ތައްޔާރީ ސޫޕް ޕެކެޓެއް ވިހަން ދާއިރު ގެންދާށެވެ. ފަހުން ހޫނުފެން ތައްޓެއްގެ ތެރެއަށް އަޅައިގެން ވެސް ބޭނުން ކުރެވޭނެއެވެ.

2. ލޮނު އަޅާފައި ހުންނަ ކްރެކާރސް ( ލޮނު ބިސްކޯދު ކަހަލަ)

ވިހެއުމަށްފަހު ހޫނުއެއްޗެއް ބޮއިގެން އިތުރަށް ދާހިއްލަން މެދުވެރިވެދާނެކަމަށް ހީވާނަމަ ލޮނު އަޅާފައިވާ މުރަނަ ބިސްކޯދެއް ކަހަލަ އެއްޗެއް ކާށެވެ. ވިހެއުމަށްފަހު ހޮޑުލަވާގޮތް ވުމަކީ ވަރަށް ގިނަ އަންހެނުންގެ ޝަކުވާ އެކެވެ. އެހެން ނަމަ މިއީ މިކަމަށް އެންމެ ރަގަޅު އެއް ފަރުވާއެވެ.

3. ކަދުރު

ކަދުރަކީ ވަރަށް ގިނަ މައިން މާބަނޑު ދުވަސްވަރުވެސް ބޭނުންކުރާ އަދި މީރު އެއްޗެކެވެ. މިއީ ވަރަށް ފަސޭހައިން ހޮސްޕިޓަލަށް ގެންދެވިދާނެ އެއްޗެކެވެ. ދިރާސާއަކުން ދައްކާ ގޮތުގައި ވިހެއުމާއި އެކު ކަދުރު ކެއުމުން ލޭފައިބާ މިންވަރު މަދުވެއެވެ. މިއީ ހަކަތަ ލިއްބައިދިނުމަށް ބޭނުންވާ ހަކުރުގެ ބައި ހޯދުމަށްވެސް ވަރަށް މުހިންމު އެއްޗެކެވެ. ގާތުންދޭ މައިންގެ ބަނޑުހައިކަން ފިލުވުމަށް ކާބޯހައިޑްރޭޓްސްގެ ބަދަލުގައި ބޭނުންކުރަންވެސް ކަދުރު އެހާމެ ރަގަޅެވެ.

4. އޯޓްމީލް

ވިހެއުމަކީ ވޭންދެނިވި ކަމެކެވެ. ނަމަވެސް ވިހެއުމަށްފަހު ބަނޑުހަރުވުމަކީ އެއަށްވުރެ އުނގަދޫކަމެކެވެ. އެހެންކަމުން ވިހެއުމަށް ފަހު އިތުރު މައްސަލައަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް އޯޓްމީލް ބޭނުންކުރާށެވެ. އެންމެ ރަގަޅީ މީގެ ތެރެއަށް ހިކި ނުވަތަ ތާޒާ މޭވާ އަޅައިގެން ބޭނުން ކުރުމެވެ. ފާޚާނާ ކުރުމަށް ފަސޭހަ ވާނެއެވެ.

5. ބިސް

ވިހެއުމުގެ ތެރޭގައި ވަރުބަލިވެފައިވާ މަސްތަކަށް އަރާމު ދިނުމަށް ބިހަކީ ވަރަށް މުހިއްމު ކާނާއެކެވެ. ބިހުގައި ހިމެނޭ ޕްރޮޓީން އާއި އޮމެގާ-3 އަކީ ވިހެއުމަށް ފަހު އަންހެނުންނަށް ދިމާވާ ސީރިއަސް މައްސަލައެއްކަމަށްވާ ޕޯސްޓްޕާޓަމް ޑިޕްރެޝަންގެ ބިރު ކުޑަކޮށްދޭ މާއްދާތަކެވެ. ގިނަ ހޮސްޕިޓަލްތަކުގެ ކެންޓީނުންވެސް ފެނުކެއްކި ބިސް ލިބެން ހުންނާނެއެވެ.