އުރީދޫ އަތޮޅު ރަން ގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

މިއީ އުރީދޫ މޯލްޑިވްސްގެ 15 ވަނަ އަހަރީ ދުވަހާ ގުޅިގެން ދިވެހި ރާއްޖޭގެ ދުވުންތެރިންނަށް އަމާޒުކޮށްގެން ބާއްވަން ހަމަޖެހިފައިވާ ދުވުމެކެވެ.

މި ހަރަކާތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާއިރު، މިއީ ރާއްޖޭގައި މިގޮތަށް ބާއްވާ ފުރަތަމަ ވަރޗުއަލް ދުވުމެވެ.

ދުވުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ފަސް ކިލޯ މީޓަރު ދުވުމާއި 15 ކިލޯ މީޓަރު ދުވުމެވެ.

ނަމަވެސް މި ހަރަކާތުގެ 15 ކިލޯ މިޓަރު ރިލޭގައި ބައިވެރިވާނީ އުރީދޫއިން ކޮންމެ އަތޮޅަކުންވެސް ކަނޑައަޅާ އެ އަތޮޅަކަށް ނިސްބަތްވާ 20 ދުވުންތެރިއަކަށެވެ.

މި އޮގަސްޓް މަހުގެ 28ގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބާއްވާ 5 ކިލޯމީޓަރު ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫގެ އަތޮޅު ދުވުން ޕޯޓަލް މެދުވެރިކޮށް ބައިވެރިވެވޭނެއެވެ.

ކޮންމެ ރަށެއްގައިވެސް ދުވަން ބޭނުންވާ ރާސްތާއެއް ކަނޑައަޅާ އަންގަން ޖެހޭނެ ކަމަށާއި އުރީދުން މި ދުވުމަށް ކަނޑައަޅާފައިވާ ޚާއްސަ އެޕްލިކޭޝަންތައް މެދުވެރިކޮށް ފަސް ކިލޯމީޓަރު ދުވުމުގެ ސްކްރީންޝޮޓެއް ޕޯޓަލްއަށް ފޮނުވާލުމުން ދުވުން ފުރިހަމަ ކުރާ ހުރިހާ ދުވުންތެރިންނަށް ހަނދާނީ ލިއުމާއި މެޑަލް ދޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.

މި ދުވުން ބާއްވާނީ މި މަހު 28 ވަނަ ދުވަހުގެ ރޭ 12 އިން އިން 29 ވަނަ ދުވަހުގެ ރޭ 12އާ ހަމައަށެވެ.

ރާއްޖޭގައި މުޅިން އަލަށް ތައާރަފު ކުރާ މި ދުވުމުގެ ޑިރެކްޓަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އައި-ރަނަރސްގެ ފައުންޑަރ އަދި ހެޑް ކޯޗު، ހުސެއިން ޝުޖާއު (ކޯޗު ޝުޖާ) އެވެ.