އީޓުއެސް ގޭމްސް (E2S Games) އަދި އައި.އޭ.ސީ ގުޅިގެން ޣައްޒާ އަށް އެހީތެރިވުމުގެ ގޮތުން "ފަލަސްތީން ރިލީފް ޗެރިޓީ ކަޕް" ގެ ނަމުގައި ފަންޑްރައިޒިން އިވެންޓެއް ބާއްވަން ނިންމައިފިއެވެ. މި އީ އޮންލައިންކޮށް ގޭމު ކުޅޭ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްދާ މުބާރާތެކެވެ. މި މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ މަޝްހޫރު އޮންލައިން ގޭމެއްކަމަށްވާ "ޕަބްޖީ" އެވެ.
ދިވެހި ޒުވާނުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން އިސްނަގައިގެން ކުރިއަށް ގެންދާ މި މުބާރާތް އޮންނާނީ ދެ ދުވަހުގެ މުއްދަތަށެވެ. އެއީ މި އަންނަ ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭގަނޑުއެވެ. މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހަމަ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެން ވެއެވެ. މި މުބާރާތުގައި ބައިވެރި ވުމުގެ ސުންގަނޑި މިރޭ 10ގަޑި ސުންމިނެޓަށް ހަމަވާއިރު މިހާތަނަށް 110 އަކަށް ވުރެ ގިނަ ޓީމު ވަނީ ބައިވެރިވެފައެވެ. މިއީ ގާތްގަނޑަކަށް 600 އަށް ވުރެ ގިނަ ދިވެހި ޒުވާނުންނެވެ.
ކޮވިޑުގެ މިހާލަތުގައި އެންމެން ގޭގައި ތިބޭ މިފަދަ ދަނޑިވަޅެއްގައި ޒުވާނުން އިސްނަގައިގެން ކުރިއަށް މިގެންދާ ހަރަކާތަށް ގިނަ ބަޔަކު އަންނަނީ ތާއީދު ކުރަމުންނެވެ. މި ހަރަކާތުން ލިބޭ ހުރިހާ ފައިސާއެއް ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރަން ނިންމާފައެވެ. އެގޮތުން އެ ފައިސާ ހަވާލުކުރާނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައި.އޭ.ސީ) އާއެވެ.
މިމުބާރާތުގެ ގިނަ ސުޕޮންސަރު ތިބި އިރު މެއިން ސްޕޮންސާ އަކީ އުރީދޫ މޯލްޑިވްސްއެވެ.
މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލުމަށް ފަހު 24 ގަޑި އިރުނުވަނީސް 45000/- ގެ އެހީ ވަނީ ލިބިފައެވެ. މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް އެޓީމަކުން ބޭނުން އަދަދެއް ހަދިޔާ ކުރެވިދާނެއެވެ. ނަމަވެސް ބައިވެރި ވުމުގެ ގޮތުން 100 ރުފިޔާގެ ފީއެއް ނެގޭނެއެވެ. އެގޮތުން ބައެއް ޓީމުތަކުން 1000 ރުފިޔާގެ އެހީ ވެސް ވަނީ ދީފައެވެ. ހަމަ އެއާއި އެކު މި މުބާރާތުގައި ބައިވެރި ނުވާ މީހުންނަށްވެސް މި ހަރަކާތުގައި އެހީ ވުމުގެ ފުރުސަތުވަނީ ހުޅުވާލަފައެވެ. އެގޮތުން އެ ޖަމުއިއްޔާގެ ބޭންކް އެކައުންޓު މެދުވެރިކޮަށް ވެސް އެހީ ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި މުބާރާތް އިންތިޒާމު ކުރާ ފަރާތުން ބުނާ ގޮތިގައި މި މުބާރާތުގައި މަދުވެގެން 120 ޓީމު ބައިވެރިވާނެކަމަށް ބެލެވެއެވެ.
މި ހަރަކާތުން ލިބޭ ފައިސާ ދެފުއް ފެންނަ ގޮތެއްގައި ރައްޔިތުންނަށް ދައްކައިދޭނެކަމަށްވެސް އެފަރާތުންވަނީ ބުނެފައެވެ. އެއާއި އެކު މިމަހު 19 އިން، މުބާރާތް ނިމެންދެން އެ ޖަމުއިއްޔާގެ ބޭންކް ސްޓޭޓުމެންޓުތަށް ރައްޔިތުންނަށް ފެންނާނޭހެން އާންމު ކުރާނެއެވެ.
ދިވެހި ރައްޔިތުންނަކީ އަބަދުވެސް ފަލަސްތީނު ރައްޔިތިންނަށް އެހީ ވުމުގައި އަވަސްވެގަންނަ ބައެކެވެ. އެގޮތުން ދިވެހި ޒުވާނުންގެ ރޫހު މިކަމުގައި ވަރަށްވެސް ދަގައެވެ. މިފަދަ ހަރަކާތެއް ދިވެހި ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދާ ކަމަށްޓަކާ ގިނަ ބަޔަކު އަންނަނީ މިހަރަކާތަށް އެހީވަމުންނެވެ. މީގެ އިތުރުން އުރީދޫގެ ފަރާތުންވެސް މި ހަރަކާތަށް ބޮޑު އެހީ ވެދެއްވާނެއެވެ.
