މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަނުގެ ޤާނޫނުގެ ދަށުން، މިނިވަން މުސްތަޤިއްލުކަމާއެކު ހިންގާ އާ ކޮމިޝަނެއް އުފައްދައިފިއެވެ. މި ޤާނޫނުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި ތެދު ޚަބަރު ފެތުރުމަށް ބާރުއެޅުމާއެކު، އުފައްދާފައިވާ މި ކޮމިޝަން ފުރިހަމަ މިނިވަންކަމާއެކު މަސައްކަތްކުރާ ތަނެއްކަން ކަށަވަރުކުރުމެވެ. މިކަން ހާސިލުކުރުމަށްޓަކައި، ކޮމިޝަނުގެ މެންބަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ވަރަށް ހަރުދަނާކޮށްފައިވެއެވެ.
މިނިވަންކަން ކަށަވަރުކުރުމަށް ޤާނޫނުން ކަނޑައަޅާފައިވާ ޝަރުތުތައް:
މީޑިއާ ކޮމިޝަނުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، މެންބަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، މީޑިއާއެއްގެ މަސްއޫލުވެރި ފަރާތެއް ކަމުގައި ނުވަތަ އެޑިޓަރެއްގެ މަޤާމު އަދާކުރަމުންދާ މީހަކު ކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން ހިމެނެއެވެ. މީގެ އިތުރުން، ކޮމިއުނިކޭޝަނާއި މީޑިއާގެ ޚިދުމަތްދިނުމުގެ ދާއިރާގައި ވިޔަފާރީގެ ހިއްސާއެއް އޮތް މީހެއްކަމުގައިވެސް ވެގެންނުވާނެއެވެ. މިފަދަ ހަރުދަނާ ޝަރުތުތަކެއް ކަނޑައަޅާފައިވަނީ ކޮމިޝަންގެ ހިންގުން ވަކި ފަރާތެއްގެ ނުފޫޒުން އެއްކިބާވެފައިވާ ކަމެއްކަން ކަށަވަރުކުރުމުގެ ގޮތުންނެވެ.
ކޮމިޝަން އެކުލެވިގެންވާ ގޮތާއި މެންބަރުން އައްޔަންކުރުމުގެ އުސޫލު:
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި، މީޑިއާތަކުން އިންތިޚާބުކުރާ ހަތަރު މެންބަރުންގެ މައްޗަށެވެ.
ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެންބަރުން: ޤާނޫނަށް ޢަމަލުކުރަން ފަށާތާ 15 ދުވަހުގެ ތެރޭގައި މެންބަރުން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން އިޢުލާންކުރަން ޖެހޭނެއެވެ. މި އިޢުލާންގެ މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި އިޢުލާނަށް އިޖާބަދިން ފަރާތްތަކަށް ރުހުން ދިނުމުގައި މަޖިލީހަށް ފެންނަ ގޮތް ކަނޑައަޅައި ނިންމުމަށް ޤާނޫނު ލާޒިމުކުރެއެވެ. މަޖިލީހުން ގޮތެއް ނިންމުމުން، އައްޔަންކުރަންޖެހޭ މެންބަރުން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާނެއެވެ.
މީޑިއާތަކުން އިންތިޚާބުކުރާ މެންބަރުން: ޤާނޫނުގެ ދަށުން އިންތިޚާބުކުރަންޖެހޭ ހަތަރު މެންބަރުން އިންތިޚާބުކުރާނީ، ޤާނޫނުގެ ދަށުން ހަދައި ގަވާއިދުގައިވާ ގޮތުގެ މަތިން އިލެކްޝަންސް ކޮމިޝަނުންނެވެ. ފުރަތަމަ ފަހަރަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި، ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން އިންތިޚާބެއް ބާއްވަން ޖެހެއެވެ. މި އިންތިޚާބުގައި ވޯޓު ލެވޭނީ ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކަށެވެ. ކޮންމެ ބްރޯޑްކާސްޓަރަކަށާއި މީޑިއާއަކަށް ލެވޭނީ އެއް ވޯޓެވެ.
ޒިންމާތަކުގެ ބަދަލުތައް:
މި އާ ޤާނޫނާއެކު ކުރީގެ މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ގިނަ މަސްއޫލިއްޔަތުތަކެއް މި ކޮމިޝަނަށް ބަދަލުވެއެވެ. އެގޮތުން، ނޫސް މަޖައްލާއާ ގުޅޭގޮތުން ކަމާބެހޭ ވުޒާރާއިން ދަފުތަރުކުރެވިފައިވާ ލިޔެކިޔުންތަކާއި އަރުޝީފު މި ކޮމިޝަނަށް ބަދަލުވާނެއެވެ. އަދި އަލަށް މީޑިއާއާއި ބްރޯޑްކާސްޓަރުން ރަޖިސްޓްރީކުރުމަށް ހުށަހަޅަންޖެހޭނީވެސް ކަމާބެހޭ ވުޒާރާގެ ބަދަލުގައި މި އާ ކޮމިޝަނަށެވެ.
ވަގުތީ ކޮމިޓީއެއް އެކުލަވާލުން:
މީޑިއާ ކޮމިޝަނަށް މެންބަރުން އައްޔަންކުރެވެންދެން ކޮމިޝަނުގެ ކަންކަން ވަގުތީގޮތުން ހިންގާނީ ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވާލާ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ. ސިވިލް ސަރވިސް ކޮމިޝަނުން މި ވަގުތީ ކޮމިޓީ އެކުލަވާލަންޖެހޭނީ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ތިން ދުވަހުގެ ތެރޭގައެވެ. މިކަމުގެ ސަބަބުން ކޮމިޝަންގެ މަސައްކަތްތަކަށް ހުއްޓުމެއް ނާރާނެކަން ކަށަވަރުކުރެއެވެ.
