ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅިތަކާއެކު، ސްޓްރެސް ނުވަތަ ނަފްސާނީ ދަތިކަމަކީ ގިނަ ބަޔަކު ކުރިމަތިލާންޖެހޭ ކަމެކެވެ. މަސައްކަތުގެ ބުރަ، މާލީ ދަތިތައް، އަދި އާއިލީ މައްސަލަތަކަކީ ސްޓްރެސް އުފެދޭ އެތައް ސަބަބުތަކުގެ ތެރެއިން ބައެކެވެ. ނަމަވެސް، ގިނަ ފަހަރު މިކަމުގެ ސީދާ އަސަރު ހަށިގަނޑަށް ކުރާ ގޮތެއް އަޅުގަނޑުމެންނަށް ނޭނގެއެވެ. ސްޓްރެސްވުމަކީ ހަމައެކަނި ނަފްސާނީ ގޮތުން އޭގެ އަސަރު ކުރާ ކަމެއް ނޫނެވެ. އެއީ ހަށިގަނޑުގެ ހުރިހާ ނިޒާމަކަށްވެސް ވަރަށް ބޮޑު އަސަރެއް ކުރާ ކަމެކެވެ.
ސްޓްރެސްގެ ހާލަތެއް މެދުވެރިވުމުން، ހަށިގަނޑު އެކަމަށް ތައްޔާރުވެ "ފައިޓް އޯރ ފްލައިޓް" ރިއެކްޝަން އޭ ކިޔާ ހަރަކާތެއް ފަށައެވެ. މި ވަގުތު ސިކުނޑިން ނާރުތަކުގެ ނިޒާމު މެދުވެރިކޮށް، އެޑްރިނަލިން އަދި ކޯޓިޒޯލް ފަދަ ސްޓްރެސް ހޯރމޯންތައް ދޫކުރަން ފަށައެވެ. މި ހޯރމޯންތަކުގެ ސަބަބުން ލެޔަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަ އިރު، ލޭ ދައުރުވުމުގެ ނިޒާމަށްވެސް އަސަރުކުރެއެވެ.
އެގޮތުން ސްޓްރެސް ވުމުގެ ސަބަބުން ލެއަށް އަންނަ ބަދަލުތަކުގެ ތެރޭގައި:
. ލޭގައި ހަކުރުގެ މިންވަރު މަތިވުން: ސްޓްރެސް ހޯރމޯނެއް ކަމަށްވާ ކޯޓިޒޯލްގެ ސަބަބުން ޗިސްމެއިން ގްލޫކޯޒް (ހަކުރު) ލޭގެ ތެރެއަށް ދޫކުރެއެވެ. މިއީ ކުއްލި ގޮތަކަށް ހަށިގަނޑަށް އަވަސް ބާރެއް ދިނުމަށް ހަށިގަނޑު ކުރާ ކަމެކެވެ. ނަމަވެސް މިކަން ދިގުދެމިގެންދާނަމަ ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.
. ލޭގެ ޕްރެޝަރ މަތިވުން: އެޑްރިނަލިންގެ ސަބަބުން ލޭ ހިނގާ ނާރުތައް ހަނިވެ، ލޭގެ ޕްރެޝަރ ވަގުތުން މަތިވެއެވެ.
. ލޭ ގަނޑުވުމުގެ މިންވަރު މަތިވުން: ސްޓްރެސްގެ ސަބަބުން ލޭ "ތަތްވެ" ލޭ ގަނޑުވުމުގެ ހުރިހާ ކަމެއް މަތިވެ، ލޭ ގަނޑުވެގެން ސްޓްރޯކް ނުވަތަ ހާޓް އެޓޭކް ޖެހުމުގެ ނުރައްކާ އިތުރުވެއެވެ.
. ލޭގެ ހުދު ހަތާތަކަށް ބަދަލު އައުން: ކުރު މުއްދަތުގެ ސްޓްރެސްއިން ދިފާޢީ ނިޒާމު ހަރުދަނާކޮށްދިނުމަކީ ވެދާނެ ކަމެކެވެ. ނަމަވެސް ދިގު މުއްދަތަށް ސްޓްރެސްވުމުން ދިފާޢީ ނިޒާމު ބަލިކޮށްލާ، ބަލިތަކަށް ހުށަހެޅޭ މިންވަރު އިތުރުކުރެއެވެ.
. ހަށިގަނޑުގައި އިންފްލެމޭޝަން އިތުރުވުން: ދިގު މުއްދަތަށް ސްޓްރެސްވުމުން ހަށިގަނޑުގައި ސީ.އާރު.ޕީ އަދި ސައިޓޮކައިންސް ފަދަ އިންފްލެމޭޓަރީ މާކަރުތަކުގެ މިންވަރު މަތިވެ، ތަފާތު ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.
ސްޓްރެސްގެ ސަބަބުން ހަށިގަނޑުގެ ހުރިހާ ނިޒާމަކަށް އަސަރުކޮށް، ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވެއެވެ. އެގޮތުން:
. ހިތް އަދި ލޭ ދައުރުކުރާ ނިޒާމު: ލޭ މައްޗަށްދިޔުން، ލޭގެ ނާރުތައް ހަނިވެ، ހާޓް އެޓޭކް، އަދި ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.
. ދިފާޢީ ނިޒާމު: އަވަސް އަވަހަށް ބަލިތައް ޖެހުން، ޒަހަމްތައް ރަނގަޅުވުން ލަސްވުން، އަދި އޮޓޯއިމިއުން ބަލިތައް ގޯސްވުމަކީ ސްޓްރެސްގެ ސަބަބުން ދިމާވާ ކަންކަމެވެ.
. ހަށިގަނޑުގެ މެޓަބޮލިޒަމް: ހަށިގަނޑުގެ ބަރުދަން އިތުރުވުން، ޓައިޕް 2 ޑައިބެޓީސް، އަދި ކޮލެސްޓްރޯލް މައްޗަށްދިއުމަކީ ސްޓްރެސްގެ ސީދާ ނަތީޖާއެކެވެ.
. ނަފްސާނީ ސިއްހަތު: ނަފްސާނީ ދަތިކަން، މާޔޫސްވުން، އަދި ނިދި ނައިސް ވުމަކީ ސްޓްރެސްގެ އެންމެ އާންމު އަސަރުތަކެވެ.
. ހަޖަމުގެ ނިޒާމު: ބަނޑުގައި ފާރު (އަލްސާ) ހެދުން، ބަނޑުގެ މައްސަލަތައް ދިމައިވުން، އަދި ކާތަކެތި ހަޖަމުނުވުން ފަދަ މައްސަލަތައް ދިމާވެއެވެ.
. ދަރިމައިވުމުގެ ނިޒާމު: އަންހެނުންގެ މައްސަރު ކަންތައް ގަވާއިދަކުން ނުޖެހުން، ދަރިމައިވުމުގައި ދަތިތައް ކުރިމަތިވުން، އަދި ޖިންސީ ގުޅުން ހިންގުމަށް ބޭނުންވުން ކުޑަވުމަކީވެސް ސްޓްރެސްގެ ސަބަބުން ދިމާވެދާނެ ކަންކަމެވެ.
ދިގު މުއްދަތަށް ސްޓްރެސްގައި ދެމިހުރުމަކީ ހަށިގަނޑަށް ވަރަށް ނުރައްކާތެރި ނަތީޖާތަކެއް ގެނެސްދޭ ކަމެކެވެ. އެގޮތުން:
. އުމުރުން ދުވަސްވުން އަވަސްވުން: ލޭގެ ސެލްތަކުގައި ހުންނަ ޓެލޮމިއަރސް ކުރުވެ، ހަށިގަނޑު އުމުރުން ދުވަސްވުން އަވަސްވެއެވެ.
. ދިގުދެމިގެންދާ ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުވުން: ހަކުރު ބަލި، ހިތުގެ ބަލިތައް، އަދި ކެންސަރު ފަދަ ބަލިތައް ޖެހުމުގެ ނުރައްކާ އިތުރުވެ، މިފަދަ ބަލިތައް ހުންނަ މީހެއްނަމަ އެހާލަތު އިތުރަށް ގޯސްވެއެވެ.
. ސިކުނޑިއަށް ބަދަލު އައުން: ހަނދާން ކުރުމުގެ ގާބިލުކަން ކުޑަވުން، ސަމާލުކަން ދެވޭ މިންވަރު ދަށްވުން، އަދި މޫޑު ގޯސްވުމަކީ ސްޓްރެސްގެ ސަބަބުން ސިކުނޑިއަށް ކުރާ ނޭދެވޭ އަސަރުތަކެވެ.
މިހުރިހާކަމެއް މިގޮތަށް ހުރި އިރު، ފާހަގަކޮށްލަން ޖެހޭ ކަމަކީ ސްޓްރެސްއަކީ ހަމައެކަނި ނަފްސާނީ ކަމެއް ނޫން ކަމެވެ. އެއީ ހަށިގަނޑުގެ ހުރިހާ ނިޒާމަކަށް ނޭދެވޭ އަސަރުކޮށް، ސިއްހީ ގިނަ މައްސަލަތަކަކަށް މަގުފަހިކުރާ ކަމެކެވެ. އެހެންކަމުން، ސްޓްރެސް ދުރުކުރުމަށްޓަކައި ހެޔޮ ސިއްހަތެއްގައި ދިރިއުޅުން، ކަސްރަތު ކުރުން، އަދި ނިދި ހަމަކުރުން ކިތައްމެހާވެސް މުހިންމެވެ. މިފަދަ ކަންކަމަށް ސަމާލުކަން ދީގެން ދިރިއުޅުމުގެ ކަންކަން ރަނގަޅުކުރުމަކީ އަޅުގަނޑުމެންގެ ސިއްހަތަށް ވަރަށް ބޮޑު މަންފާއެއް ކޮށްދޭނެ ކަމެކެވެ. މާތް ﷲ ގެ ހަޟްރަތުން ވާގި އެދި، ކެތްތެރިކަމާއެކު ދިރިއުޅުމުގެ ގޮންޖެހުންތަކާ ކުރިމަތިލުމަކީ ހިތްހަމަޖެހުމާއި އެކު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްވެސް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
