ދުނިޔެ ފަހުޒަމާނަށް އައިސް، އެއް އިރެއްގައި މި ބިންމަތީގައި އާއްމު ނޫން އެތައް ކަމެއް އާއްމުވެގެން ދާނޭ ވާހަކަ އަޑު އަހަމުއެވެ. ކުރިން ނުވާ އެތައް ކަމެއް ވާނެއޭ ބުނާތީވެސް އިވެއެވެ. އަދި ވަމުން، ހިނގަމުން އައި އެތައް ކަމަކަށް ބުރޫ އަރާ އެކަންކަމުގެ ތަރުތީބު ގެއްލިދާނޭ ވާހަކަ އަކީވެސް އިހުތިބީން ދައްކާ އުޅުނު ވާހަކައެކެވެ. "ގޯން ޓޫ ސޫން" މިފަދައިން ލިޔެ މީސްމީޑިޔާގެ މަންސަތަކުގައި އާއިލާ މީހުންނާއި ގާތް އެކުވެރިންގެ ފޮޓޯ ޖަހާ، އެމީހުނަށް ހެޔޮ ރަހުމަތް ލެއްވުން އެދި ދުޢާކޮށް ލިޔެފައި ހުންނާތީ މި ފަހަކުން އެބަ ފެނެއެވެ. މަދެއްކޮށެއް ނޫނެވެ. ހަމަ ފުދޭވަރަކަށް ގިނައިންނެވެ.
"ގޯން ޓޫ ސޫން" އޭ މި ކިޔަނީ އިނގިރޭސި ބަހުންނެވެ. ދިވެހި ބަހުން ބުނާނަމަ، މި ބުނެވެނީ މާ އަވަހަށް ދިޔަ ވާހަކައެވެ. ކޮން ތަނަކަށްތޯއެވެ. އާދޭހެވެ! ދާއިމީ ގޮވައްޗަށެވެ. މި ވަގުތީ ދުނިޔެއާއި ވަކިވެ، އެމީހެއްގެ ދާއިމީ ގޮވައްޗަށް ދިޔަ ވާހަކައެވެ. މީހެއްގެ މަރު އެމީހަކާ ބައްދަލު ކުރި ވާހަކައެވެ. ޒުވާން އުމުރުގައި ކުއްލި ގޮތަކަށް ވަކިވެގެން ދިޔަ ވާހަކައެވެ. މިފަދަ އެތައް މަރެއްގެ ވާހަކައެވެ.
ކުއްލި މަރުތަކާއި ޒުވާން އުމުރުގައި މަރުވާ މީހުންގެ އަދަދު އިތުރުވުމީ ފަހުޒަމާނުގެ އަލާމާތެއްކަމަށް ބުނެވެއެވެ. މިއަދު މުޅި ދުނިޔޭގައިވެސް، ކުއްލިގޮތަކަށް މަރުވާ ޒުވާނުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަ ކުރެވެއެވެ. ރާއްްޖޭގައިވެސް މި އަދަދު އިތުރުވާ ކަމީ ފެންނަން އޮތް ހަގީގަތެކެވެ. އެކި މީސް މީހުން އެކި ސަބަބުތަކާއި ހުރެ މަރާ ބައްދަލު ކުރާއިރު، ދިމައިވާ ކުއްލި ހިތާމަވެރި ހާދިސާތަކުގައިވެސް ޒުވާނުން މި ދުނިޔެއާއި ވަކިވެގެންދަނީ މަދެއްކޮށެއް ނޫނެވެ. ހީ ސަމާސާކޮށް ދެއްމެ އުޅިފާ، އިރުކޮޅެއްފަހުން އެމީހުންގެ ފުރާނަ އެބަ ވަކިވެއެވެ. މަރަކީ ތިބާއާއި އެއްމެ ގާތުގައިވާ އެއްޗެވެ.
އިންސާނާގެ ކަރުގެ މައިނާރަށްވުރެ އިންސާނާއާއި ގާތުގައި މަރު އަބަދުވެސް ހުރެއެވެ. މަރުވާނެ ވަގުތެއް ސާއަތެއް، ހާލަތެއް ނޭނގެއެވެ. ޒުވާން އުމުރުގައި ކުއްލިގޮތްގޮތަށް މަރުވާ މީހުން ގިނަވަމުންދާއިރު، ހަނދުމަކޮށްދެނީ އަހަރެމެންގެ މަރުގެ ވާހަކައެވެ. އަބަދުވެސް ތިބެންވީ އެ މަރަށް ތައްޔާރަށެވެ. މިހާރު ގެންދެވިޔަސް، ޝަކުވާއެއް ނެތި ދެވޭނެ ހާލަތެއްގައެވެ.
މިއަދު ތިބާއަށް އެހެން މީހެއްގެ "ގޯން ޓޫ ސޫން" ފެނިދާނެއެވެ. މާދަމާ އެ ސްޓޭޓަސްގައި އެހެންމީހަކު ތިބާގެ ފޮޓޯ ޖަހާފާނެއެވެ. މާދަން ވާނޭ ގޮތެއް އެނގޭނޭ މީހަކު ނުހުންނާނެއެވެ. މަރު އައިސް ބައްދަލުކުރާނޭ ވަގުތު އެނގޭނޭ މީހަކުވެސް ނެތެވެ. އެހެންކަމުން އަބަދުވެސް އެ މަރަށް ތައްޔާރުވާށެވެ. ޒުވާނެއް މުސްކުޅިއެއް، އަންހެނެއް ފިރިހެނެއް މިކަމުގައި ފަރަގު ކުރުމެއް ނެތެވެ. މަރަށް އިޝާރާތް ކުރެވުމުން، ލަހެއް ފަހެއް ނުވާނެއެވެ. އަޅަމެން އެންމެންނީ މަރަށް ތައްޔާރުވެ ތިބޭ ބަޔަކު ކަމުގައި ލައްވާށިއެވެ. އަދި އަަޅަމެން ކޮންމެ މީހެއްގެ މަރުމަތި އަމާންކުރައްވާށިއެވެ. އާމީން!
